ހުޅުމާލޭގައި 5 ފުޓްސަލް ދަނޑު ހިމެނޭ ކޮމްޕްލެކްސެއް އެޅުމުގެ މަސައްކަތް ކުރިއަށްދާކަމަށް މިނިސްޓަރ އޮފް ސްޕޯޓްސް، ފިޓްނަސް އެންޑް ރެކްރިއޭޝަން، އަބްދުﷲ ރާފިއު ވިދާޅުވެއްޖެއެވެ.
މިނިސްޓަރ ރާފިއު މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލިހުގައި ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު މިއަދު މަޖިލީހަށް ހާޒިރުކުރެވުނީ ބ. ކެންދޫގެ ކުޅިވަރު ވަސީލަތްތަކާ ގުޅޭގޮތުން ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރު (މަޓޭ) ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވުމަށެވެ. އަދި ގަލޮޅު އުތުރު ދާއިރާގެ އެމްޑީޕީ މެންބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) ވެސް ގަލޮޅުގައި ކުޅިވަރު ކުޅޭނެ ތަނެއް ނެތްކަމަށް ފާހަގަކުރައްވައި، އެކަމަށް ހައްލެއް ގެނެވޭނެ އިރެއް ސާފުކުރެއްވިއެވެ.
މިނިސްޓަރު ރާފިއު ވިދާޅުވީ ސަރުކާރުން ކުޅިވަރަށް ޚާއްޞަ އަހައްމިއްޔަތުކަމެއް ދެއްވާކަމަށާއި، މި ގޮތުން ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ 14 ހަފްތާގެ ޕްލޭންގައި ހިމެނޭ އިންޑޯ ފުޓްސަލް ކޮމްޕްލެކްސްގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. ހުޅުމާލޭގައި އެޅޭ 5 ދަނޑުގެ ކޮމްޕްލެކްސްގެ މަސައްކަތް ބާރު ސްޕީޑުގައި ކުރިއަށްދާނެކަމަށާއި، މިކަމުގެ ސަބަބުން މާލޭގެ ކުޅިވަރު ވަސީލަތްތަކަށް އަންނަ ޕްރެޝަރ ކުޑަވެ، އިތުރު ކުދިންނަށް ކުޅުމުގެ ފުރުޞަތު ލިބިގެންދާނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެއިތުރުން، މިނިސްޓަރު ވިދާޅުވީ ކުރީގެ ސަރުކާރުން ތައިސޭ ކޮށީގައި ދެ ފުޓްސަލް ދަނޑު ހެދުމުގެ މަޝްރޫޢެއް ކުރިއަށް ގެންދިޔަ ކަމަށާއި، މިހާރު އެއް ދަނޑު ސިޓީ ކައުންސިލުން ހަދާފައިވާ ކަމަށެވެ. އަދި ބިން ލިބިއްޖެނަމަ އިތުރު ދަނޑެއް ހެދުމުގެ މަސައްކަތް ކުރިއަށް ގެންދާނެ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ފާއިތުވި ފެބްރުވަރީ މަހު ހުޅުމާލެއިން ދެ އިންޑޯ ކޮމްޕްލެކްސް ތަރައްޤީކުރުމަށް ބިން ދޫކޮށްފައިވާކަން ފާހަގަކޮށްލެވެއެވެ. މީގެ ތެރޭގައި ފުޓްސަލް އިންޑޯއަށް 54,992 އަކަފޫޓުގެ ބިމަކާއި، ނެޓްބޯޅަ އިންޑޯ ކޮމްޕްލެކްސްއަށް 50,142 އަކަފޫޓުގެ ބިމެއް ހިމެނެއެވެ.