ޤައުމަށް އަންނަމުންދާ ތަރައްޤީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްޤީވާންޖެހޭ: އިހުސާން

ޤައުމަށް އަންނަމުންދާ ތަރައްޤީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްޤީވާންޖެހޭ: އިހުސާން

Author
ހުސައިން
11 އޮގަސްޓް 2024 09:07
0

ޤައުމަށް އަންނަމުންދާ ތަރައްޤީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްޤީވާންޖެހޭ ކަމަށް ދާޚީލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ.

"ރައްކާ" ރޯޑް ސޭފްޓީ ޕްރޮގްރާމްއަށް 10 އަހަރު ފުރުން ފާހަގަކުރުމަށް ފުވައްމުލައް ސިޓީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ ވިދާޅުވީ ޤާނޫނު ތަންފީޒުކޮށް، ކަންކަން ޙައްލުކުރަން އަޅާ ފިޔަވަޅަކީ ބައެއް ޙައްގު ނިގުޅައިގަތުން ކަމަށް ދެކޭ ވިސްނުން ބަދަލުވާންޖެހޭ ކަމަށެވެ. އަދި މިފަދަ މީހުންގެ ޙައްގު ހޯދައިދޭން ކަމަށް ބުނެ އަޅާ ބައެއް ފިޔަވަޅުތަކުން، މުޖުތަމަޢުގެ ކަންކަން ގޯހުން ގޯހަށްދާތަން ފެނިފައިވާ ކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

އުސޫލުގެ ދަށުން ފުލުހުން ފިޔަވަޅު އެޅީމަ އެއީ ޙައްގު ނިގުޅައިގަނެވުނީ ކަމަށް ދެކޭ މީހުން އެބަތިބި. ޤާނޫނު ނަގަހައްޓާނަމަ ކޮންމެވެސް ވަރެއްގެ ދަތިކަމެއް އަންނާނެ. ނަމަވެސް މީހަކު ޤާނޫނާ ޤަވައިދާ ޚިލާފުވީމަ ފިޔަވަޅު އަޅަނީ. ދާޚީލީ ސަލާމަތާ ފަންނިއްޔާތާ ބެހޭ ވަޒީރު

މަގުމަތީގެ ރައްކާތެރިކަން ދެމެހެއްޓޭނީ މުޖުތަމަޢުގެ ވިސްނުން މިކަމުގައި ބަދަލުކޮށްގެންކަން ފާހަގަކުރައްވާ މިނިސްޓަރ ވަނީ ޤައުމަށް އަންނަމުންދާ ތަރައްޤީއާ އެއްވަރަށް ސިކުނޑިތައްވެސް ތަރައްޤީވާންޖެހޭ ކަމަށް ވިދާޅުވެފައެވެ.

އަދި ޤާނޫނުތައް ތަންފީޒުނުކޮށް ދޫކޮށްލާފައި އޮތްއިރު އެކަމުން ފައިދާތަކެއް ލިބުނު މީހުން އުޅޭ ކަމަށާއި ނަމަވެސް ޤާނޫނުތައް ތަންފީޒުކުރަން ފެށުމުން އެ ފަދަ މީހުންނަށް އުނދަގޫވެގެން އުޅޭ ކަމަށްވެސް މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

ފުވައްމުލަކު ސްކޫލުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ޙުސައިން މުޙައްމަދު ލަޠީފެވެ. މީގެ އިތުރުން، މިނިސްޓަރ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޮލޮޖީ ޢަލީ އިޙްސާން، މިނިސްޓަރ އޮފް ސްޓޭޓް ފޮރ އެޑިއުކޭޝަން ޑރ. ޢަބްދުލްލަޠީފް މުޙައްމަދު، އަދި ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ޝުޖާޢު ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

އަދި މި ރަސްމިއްޔާތުގައި ޑެޕިއުޓީ ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ، ހެޑް އޮފް އޮފީސް އޮފް ދަ ކޮމިޝަނަރ އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އަޙްމަދު ޝިފާން، އަދި ހެޑް އޮފް މާލޭ ޕޮލިސް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް އާސިމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

މީގެ އިތުރުން، ފުލުހުންގެ އެގްޒެކެޓިވް ބައެއް އޮފިސަރުންނާއި ކޮމިޝަންޑް އޮފިސަރުން، ރޯޑް ސޭފްޓީ އެވެއަރނަސް އެންޑް ޕްރިވެންޝަން ޔުނިޓުގެ މުވައްޒަފުން، ފުވައްމުލަކު ސިޓީ ފުލުހުން، ސްކޫލްތަކުގެ އިސްވެރިން، ޓްރެފިކް މޮނިޓަރުން އަދި އެ ދަރިވަރުންގެ ބެލެނިވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

މިމަހު 3ވަނަ ދުވަހުން ފެށިގެން 8ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ ޓްރެފިކް މޮނިޓަރސް ޕްރޮގްރާމްގައި، ފުވައްމުލަކު ސްކޫލުގެ 32 ދަރިވަރުންނާއި ހާފިޒް އަހްމަދު ސްކޫލުގެ 34 ދަރިވަރުންނާއި ޏ. އަތޮޅު ތައުލީމީ މަރުކަޒުގެ 27 ދަރިވަރުންނާއި މުޙައްމަދު ޖަމާލުއްދީން ސްކޫލުގެ 31 ދަރިވަރުން ހިމެނޭހެން ޖުމުލަ 124 ދަރިވަރުން ބައިވެރިވިއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.