ޝަހީމަކީ ހުލްގު ހެޔޮ، ދީނީ ލީޑަރެއް: ޕީއެންސީ/ޕީޕީއެމް ކޯލިޝަން

ޝަހީމަކީ ހުލްގު ހެޔޮ، ދީނީ ލީޑަރެއް: ޕީއެންސީ/ޕީޕީއެމް ކޯލިޝަން

ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން މިރޭ ނެރުނު ބަޔާނެއްގައި އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުގެ އަގު ވަޒަންކޮށްފިއެވެ. ބަޔާނުގައި ޝަހީމަކީ ހުލްގު ހެޔޮ، ދީނީ ލީޑަރެއްކަމަށާއި، ކޯލިޝަނުން އޭނާއާމެދު ފަޚުރުވެރިވާކަމަށް ބަޔާންކޮށްފައިވެއެވެ.

ކޯލިޝަނުން ބުނެފައިވަނީ ޝަހީމްއަށް ފުރައްސާރަކޮށް، ހަޤީޤަތާ ޚިލާފު ދޮގު ވާހަކަތައް މީސްމީޑިއާ އަދި ބައެއް މީޑިއާތަކުގައި ފަތުރަމުންދާކަމަށެވެ. މި މަސައްކަތަކީ ޝަހީމްގެ އަބުރު ނަގާލުމަށް ކުރެވޭ މަސައްކަތެއްކަމަށް ބުނެ، މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައިވެއެވެ.

އިތުރަށް ބަޔާނުގައި ފާހަގަކޮށްފައިވަނީ ޝަހީމަކީ މުޅި އިސްލާމީ ދުނިޔޭގައިވެސް ނަން މަޝްހޫރު، އަދި އިސްލާމީ ދައުލަތްތަކުން އޭނާގެ ޚިދުމަތުގެ އަގު ވަޒަންކުރާ ލީޑަރެއްކަމަށެވެ. އަދި އިސްލާމިކް މިނިސްޓަރުގެ ހައިސިއްޔަތުން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދީނީ ސިޔާސަތުތައް ކުރިއެރުވުމަށް ކުރާ މަސައްކަތްތަކަށް ކޯލިޝަނުން ފަޚުރުވެރިވާކަމަށް ބުނެފައިވެއެވެ.

ޕީއެންސީ/ޕީޕީއެމް ކޯލިޝަނުން އިތުރަށް ބުނެފައިވަނީ ޝަހީމަކީ ދީނީ އިލްމު ދެނެވަޑައިގެން ހުންނެވި ވަރުގަދަ ސިޔާސީ ލީޑަރެއްކަމަށާއި، އޭނާއަށް ކުރެވޭ ފުރައްސާރައާއި ދޮގު އިލްޒާމުތަކުން ފަސްޖެހިވަޑައިނުގަންނަވާނެކަމަށެވެ. މިފަދަ މަސައްކަތްތައް މިހާރުން މިހާރަށް ހުއްޓާލުމަށް ކޯލިޝަނުން ގޮވާލާފައިވެއެވެ.

ފަހުން، މީސްމީޑިއާގައި ދައުރުކުރަމުންދިޔަ ބަދުއަޚްލާޤީ ވީޑިއޯއަކާ ގުޅިގެން ޝަހީމަށް އަމާޒުކޮށް ބައެއް ފަރާތްތަކުން ފާޑުކިޔުންތައް ކޮށްފައިވެއެވެ. ނަމަވެސް، މި ވީޑިއޯ ފެތުރި ފަރާތުން ފަހުން ވަނީ އެއީ ޝަހީމްގެ ވީޑިއޯއެއް ނޫންކަމަށް ބުނެ މަޢާފަށް އެދިފައެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު އަންނަނީ ޝަހީމްގެ ދިފާޢުގައި މީސްމީޑިއާގައި ތަފާތު ޝުޢޫރުތައް ފާޅުކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *