ބަންގްލަދޭޝްގައި ހިނގަމުންދާ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މަރުވި މީހުންގެ އަދަދު މިހާރު ވަނީ 300 އަށް އަރާފައެވެ. މީގެ ތެރެއިން 94 މީހުން މަރުވީ އާދީއްތަ ދުވަހު ކަމަށް އޭއެފްޕީން ހާމަކޮށްފައިވެއެވެ. މި އަދަދުތައް ބިނާވެފައިވަނީ ފުލުހުންނާއި، ސަރުކާރުގެ އިސްވެރިންނާއި، ހޮސްޕިޓަލްތަކުގެ ޑޮކްޓަރުން ދީފައިވާ މައުލޫމާތުގެ މައްޗަށެވެ.
ހޯމަ ދުވަހުވެސް މުޒާހަރާތައް ކުރިއަށްދާނެ ކަމަށް ބެލެވެއެވެ. ވެރިރަށް ދާކާގެ މައިގަނޑު މަގުތަކުގައި ސިފައިންނާއި ފުލުހުން ވަނީ އިތުރުކޮށްފައެވެ. އަދި ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝެއިޚް ހަސީނާގެ އޮފީހާ ދިމާލަށް ދާ މަގުތައްވެސް ވަނީ ބަންދުކޮށްފައެވެ.
ސަރުކާރުން ވަނީ އާދީއްތަ ދުވަހުގެ ހަވީރު 6:00 ޖަހާއިރު (1200 ޖީއެމްޓީ) ފެށިގެން މުއްދަތެއް ނެތް ކަރްފިއުއެއް އިއުލާންކޮށްފައެވެ. މިއީ މިފަހަރުގެ މުޒާހަރާތަކުގައި ސަރުކާރުން މިފަދަ ފިޔަވަޅެއް އެޅި ފުރަތަމަ ފަހަރެވެ. މީގެ އިތުރުން ހޯމަ ދުވަހުން ފެށިގެން ތިން ދުވަހުގެ ބަންދެއްވެސް ސަރުކާރުން ވަނީ އިއުލާންކޮށްފައެވެ.
އިންޓަނެޓް ޚިދުމަތް ބަންދުކުރަން ޖެހުނު މި ހަމަނުޖެހުންތަކަކީ، ހަސީނާގެ 20 އަހަރުގެ ވެރިކަމުގައި އެންމެ ބޮޑު ގޮންޖެހުމެވެ. މިއީ މައިގަނޑު އިދިކޮޅު ޕާޓީ، ބަންގްލަދޭޝް ނެޝަނަލިސްޓް ޕާޓީ ބައިވެރިނުވާ އިންތިޚާބަކުން ހަސީނާ ހަތަރުވަނަ ދައުރަކަށް ވެރިކަމަށް އައުމަށްފަހު ދިމާވި ކަމެކެވެ.
ވޭތުވެދިޔަ މަހު، ސަރުކާރުގެ ވަޒީފާތަކަށް ކަނޑައެޅިފައިވާ ކޯޓާއާ ދެކޮޅަށް ދަރިވަރުން ކުރި މުޒާހަރާތަކުގައި މަދުވެގެން 150 މީހުން މަރުވެ، ހާހުން ގުނާލެވޭ އަދަދެއްގެ މީހުންނަށް އަނިޔާވިއެވެ.
ސުޕްރީމް ކޯޓުން ގިނަ ކޯޓާތައް އުވާލުމާ ގުޅިގެން މުޒާހަރާތައް ހުއްޓުނެވެ. ނަމަވެސް، މަރުވި މީހުންގެ ޢާއިލާތަކަށް އިންސާފު ހޯދައިދިނުމަށް އެދި މިދިޔަ ހަފުތާގައި ދަރިވަރުން އެކި ދިމަދިމާލުގައި މުޒާހަރާކުރަން ފެށިއެވެ.