ފަލަސްޠީނުގެ މުސްލިމް އަޚުންނަށް އަނިޔާވެރި ޔަހޫދީން ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާ ދެކޮޅަށް މިއަދު ހަވީރު އެއްވުމެއް ބޭއްވުމަށް އިސްރާ އެސޯސިއޭޝަނުން ނިންމައިފިއެވެ.
ބައެއް މީޑިއާތަކަށް މައުލޫމާތު ދެމުން، މި އެއްވުން އިންތިޒާމްކުރާ އިސްރާ އެސޯސިއޭޝަނުން ބުނީ އިސްރާޢީލުގެ ޖައްބާރު ޔަހޫދީން ފަލަސްޠީނުގެ މުސްލިމުންނަށް ދެމުންގެންދާ ލާއިންސާނީ ޙަމަލާތަކާއި ތަޢުލީމީ މަރުކަޒުތަކާއި ހޮސްޕިޓަލްތަކާއި ޢާންމު ޚިދުމަތްދޭ ތަންތަނަށްދޭ ޙަމަލާތަކާއި ނޫސްވެރިންނަށް އަމާޒުކޮށްދޭ ޙަމަލާތަކާ ދެކޮޅަށް އަޑު އުފުލާ އެ ނުބައި ޖަރީމާތައް ހުއްޓާލުމަށް ގޮވާލާ އެއްވުމެއް ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.
އެ އެސޯސިއޭޝަނުން ބުނެފައިވަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފަލަސްޠީން ރައްޔިތުންގެ ޙައްޤުގައި އަޑު އުފުލާ, އެ ޤައުމުގެ މުސްލިމުންނާއެކު ތިބިކަން ހާމަކޮށް އެއްވުންތަކާއި އެހެނިހެން ހަރަކާތްތައް ބޭއްވުމަށް ފަސްތީނުގެ މިނިވަންކަމަށް މަސައްކަތް ކުރަމުންދާ ފަރާތްތަކުން ގޮވާލަމުންދާ ކަމުގައެވެ.
އަދި މި އެއްވުން ބޭއްވުމުގެ އެއް މަގުސަދަކީ އެ ގޮވާލުންތަކަށް އިޖާބަ ދިނުން ކަމުގައިވެސް އެ ޖަމިއްޔާއިން ބުނެފައި ވެއެވެ. އެގޮތުން މިއަދުގެ އެއްވުމުގައި ރާއްޖޭގެ މަދަނީ ބައެއް ޖަމިއްޔާތަކާއި ޖަމާއަތްތަކުން ބައިވެރިވާނެކަންވެސް އެ އެސޯސިއޭޝަނުން ފާހަގަ ކޮށްފައި ވެއެވެ.
އިސްރާ އެސޯސިއޭޝަނުން ބުނެފައިވަނީ އެއްވުން އޮންނާނީ މިއަދުގެ ހަވީރު 4:15 އިން 6 އަށް މާލޭ އާރޓިފިޝަލް ބީޗް ސަރަހައްދުގައި ކަމަށެވެ. މި އެއްވުމުގައި ވީހާވެސް ގިނަ ބަޔަކު ބައިވެރިވުމަށް އެ އެސޯސިއޭޝަނުން ވަނީ އެދިފައެވެ.
އިސްރާ އެސޯސިއޭޝަނަކީ ފަލަސްތީނުގެ މިނިވަންކަމަށް ގޮވާލާ މީގެކުރިން އެއްވުންތައް އިންތިޒާމް ކޮށްފައިވާ ޖަމިއްޔާއެކެވެ. އެގޮތުން ފާއިތުވި މެއި މަހު އެ ޖަމިއްޔާއިންވަނީ އާރޓިފިޝަލް ބީޗުގައި ވަނީ "ރަފަޙް އަންދާލަނީ" ގެ ނަމުގައި ފާއިތުވި މޭމަހު ބޮޑު އެއްވުމެއް ބާއްވާފައެވެ. އެ އެއްވުމުގައި ސިޔާސީ އިސް ފަރާތްތަކާއި އަދި ގިނަ އަދަދެއްގެ އާންމުންވެސް ވަނީ ބައިވެރި ވެފައެވެ.
އޭގެ އިތުރުން ފާއިތުވި ޖޫންމަހުވެސް އެ ޖަމިއްޔާއިންވަނީ ހުޅުމާލޭގައި ވެހިކަލް ރެލީއެއް ބާއްވާފައިވާއިރު، ޖުލައިމަހު އެޖަމިއްޔާއިންވަނީ ފަލަސްތީނުގެ މައްސަލައަށް އަމާޒުކޮށް އިލްމީ ފޯރަމެއްވެސް ބާއްވާފައެވެ.