މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ރާއްޖެއަށް އަލުން ފަށައިފި

މެލޭޝިއާގެ ޤައުމީ އެއަރލައިން، މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް ކުރާ ދަތުރުތައް މިއަދު އަލުން ފަށައިފިއެވެ. މިގޮތުން މެލޭޝިއާގެ ވެރިރަށް ކުއަލަލަމްޕޫރް އިންޓަރނޭޝަނަލް އެއަރޕޯޓުން 168  ފަސިންޖަރުންނާއިއެކު ފުރި މެލޭޝިއާ އެއަރލައިންސްގެ ބޯޓު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ޖައްސާފައިވަނީ މިއަދު 1120 ގައެވެ.

މެލޭޝިއާ އެއަރލައިންސްއަށް މަރުހަބާ ކިޔުމަށް ބޭއްވި ރަސްމިއްޔާތުގައި ފަތުރުވެރިކަމާއި ބެހޭ ވުޒާރާ އާއި، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވުޒާރާ އާއި، މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑާއި މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމް.އެމް.ޕީ.އާރް.ސީ)ގެ އިތުރުން މެލޭޝިއާ އެއަރލައިންސްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން، ދަތުރުފަތުރާއި މަދަނީ އުދުހުންތަކާ ބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްއަކީ ދުނިޔޭގެ އެންމެ ބޮޑު އެއް އެއަރލައިން ކަމަށާއި މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުމުން، ދިވެހިރާއްޖޭގެ ފަތުރުވެރިކަމަށާއި އިޤްތިޞާދަށް ހެޔޮ ބަދަލުތަކެއް އަންނާނެ ކަމަށެވެ. އަދި އޮސްޓްރޭލިއާއާއި ނިއުޒީލެންޑް ހިމެނޭ އޯޝޭނިއާ ރީޖަން އިން ފަތުރުވެރިންނަށް ރާއްޖެއަށް ޒިޔާރަތްކުރުމުގެ ފުރުސަތު ފަހިވެގެންދާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު އަމީން ވިދާޅުވީ، ސަރުކާރުން ގެންނަމުންދާ ބަދަލުތަކުގެ ތެރެއިން ގެންނަންޖެހޭ މުހިންމު އެއް ބަދަލަކީ، ރާއްޖެއަށް ބޮޑެތި އެއަރލައިންތައް އަންނަމުންދާއިރު، އެ ފަރާތްތަކުގެ ގްރައުންޑް ސަރވިސް އޭޖެންޓް (ޖީ.އެސް.އޭ) ނުވަތަ ހޭންޑްލިންގ އޭޖެންޓަކީ ދިވެހި ކުންފުނިތަކަށް ހެދުންކަމަށެވެ. އެގޮތުން ދިވެހިންނަށް ޖީ.އެސް.އޭ ގެ ނަފާ ލިބޭނެ ގޮތަށް ގެންނަންޖެހޭ ބަދަލުތައް ކުރު މުއްދަތެއްގެ ތެރޭގައި ގެނައުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ފެށުން ފާހަގަކުރުމުގެ ގޮތުން، އެ އެއަރލައިންގެ ޗެކިންގ ފަށާފައި ވަނީވެސް ޚާއްސަ ހަރަކާތަކުންނެވެ. އެގޮތުން މެލޭޝިއާ އެއަރލައިންސްގެ ޗެކިން ކައުންޓަރ ހުޅުއްވައިދެއްވީ މެލޭޝިއާ އެއަރލައިންސްގެ އިސްވެރިންނާއި އެމް.އޭ.ސީ.އެލްގެ ޓަރމިނަލް އަދި ޕަސެންޖަރ ސަރވިސްގެ ޑެޕިއުޓީ ޗީފް އޮފިސަރުންނެވެ.

މެލޭޝިއާ އެއަރލައިންސްއިން ދަތުރުތައް ފެށުން ފާހަގަކުރައްވާ، އެމް.އޭ.ސީ.އެލްގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ، އިބްރާހިމް ޝަރީފް މުޙައްމަދު ވިދާޅުވީ، މެލޭޝިއާ އާއި ރާއްޖެއާއި ދެމެދު ކުރެވޭ ވައިގެ ދަތުރުތައް، މެލޭޝިއާ އެއަރލައިންސްއާއި އެކު އިތުރުވެގެން ދިޔުމަކީ އިޤްތިޞާދީގޮތުން ދެޤައުމުގެ މެދުގައި އޮތް ގުޅުން އިތުރަށް ވަރުގަދަވެގެންދާނެ ކަމެއް ކަމަށެވެ. އަދި އެމް.އޭ.ސީ.އެލްއިން އަބަދުވެސް މަސައްކަތްކުރަމުންދަނީ އެއަރލައިންތަކާއި ފަސިންޖަރުންނަށް ފަސޭހަ މާޙައުލެއް ޤާއިމްކޮށްދީ ޚިދުމަތްތަކުގެ ފެންވަރު މަތިކުރުމަށް ކަމުގައި ވިދާޅުވިއެވެ.

މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް އަލުން ފެށުމާއި ގުޅިގެން، އެމް.އެމް.ޕީ.އާރް.ސީގެ ސީ.އީ.އޯ އަދި މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޝިއުރީ ވިދާޅުވީ، މެލޭޝިއާ އެއަރލައިންސްގެ ސީދާ ދަތުރުތައް އަލުން ފެށިގެން ދިޔުމާއިއެކު ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވެގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެއަރލައިންތަކާއެކު ޤާއިމުކުރެވޭ ގުޅުންތަކަކީ، ދުނިޔޭގެ އެކި ސަރަހައްދުތަކުން ދިވެހިރާއްޖެއަށް ފަތުރުވެރިން ޒިޔާރަތްކުރުމުގެ ފުރުސަތުތައް ފަހިކުރުމަށް އެމް.އެމް.ޕީ.އާރް.ސީ އިން ކުރަމުންދާ މަސައްކަތްތަކުގެ ހެއްކެއްކަމުގައި ޝިއުރީ ފާހަގަކުރެއްވިއެވެ.

ކޮންމެ ދުވަހަކުވެސް މެލޭޝިއާ އެއަރލައިންސްގެ ދަތުރުތައް ބޭއްވުމަށް ހަމަޖެހިފައިވާއިރު މިދަތުރުތަކުގައި ބޭނުންކުރާނީ ބޮއިންގ 800-737 މަކުރާގެ 174 ސީޓުގެ ފުލައިޓެކެވެ. މެލޭޝިއާ އެއަރލައިންސް އިން ދިވެހިރާއްޖެއަށް އެންމެ ފަހުން ދަތުރު ކޮށްފައިވަނީ 2017 ވަނަ އަހަރުއެވެ.

އެއަރ އޭޝިއާ އަދި ބަޓިކް އެއަރ އިން މެލޭޝިއާ އާއި ރާއްޖެއާ ދެމެދު ދަނީ ދަތުރުތައް ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *