ނ. އަތޮޅުގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރުޓީއެލް) ފެރީ ދަތުރުކުރާ އަގުތައް އާންމުކޮށްފި އެވެ.
ދިވެހިރާއްޖެ ހައި ސްޕީޑް ފެރީ ވިއުގައަކުން ގުޅާލުމަށް ފަރުމާކޮށްފައިވާ "އިންޓަގްރޭޓެޑް ނެޝަނަލް ޕަބްލިކް ފެރީ ނެޓްވޯކް" މަޝްރޫއުގެ ދެ ވަނަ ފިޔަވަހީގައި ހިމެނޭ ޒޯން ދޭއްގެ ނ. އަތޮޅުގައި އާރުޓީއެލް ފެރީގެ ހިދުމަތް ފަށާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.
މި ހިދުމަތް ދެމުން އަންނަ އެމްޓީސީސީން ބުނެފައި ވަނީ ހިދުމަތް ފެށުމަށް ފަހު އެއް ހަފުތާގެ މުއްދަތަށް އާރުޓީއެލް ފެރީން ހިލޭ ދަތުރުތައް ކުރެވޭނެ ކަމަށެވެ. މި މުއްދަތުގައި ދަތުރު ކުރަން ޖާގަ ހޯދުމަށް ގުޅަން ޖެހޭނީ އެ ރަށެއްގެ ރަށު ކައުންސިލަށެވެ.
ނ. އަތޮޅުގައި ފެށި އާރުޓީއެލް ފެރީގެ ހިދުމަތުން ފައިސާ ނަގަން ފެށުމަށް ހަމަޖެހިފައި ވަނީ ފެށޭ މަހުގެ ދެ ވަނަ ދުވަހުން ފެށިގެންނެވެ. ރަސްމީކޮށް އަގު ނަގައިގެން ހިދުމަތް ފެށުމާ އެކު، ކައުންސިލް މެދުވެރިކޮށް ފެރީގެ ޖާގަ ދޫކުރުން ހުއްޓާލާނެ އެވެ. އެ ދުވަހުން ފެށިގެން ހިދުމަތް ހޯދާ ފަރާތްތަކަށް ޓިކެޓް ދޫކުރާނީ އެމްޓީސީސީން އެކަމަށް ހާއްސަކޮށްފައިވާ ވެބްސައިޓުންނާއި އާރުޓީއެލް ޓްރެވެލް އެޕުންނެވެ.
އާރުޓީއެލް ފެރީ ދަތުރު ކުރުމަށް ސަރުކާރުން ކަނޑައަޅާފައިވާ އަގުތައް ޓްރާންސްޕޯޓް މިނިސްޓްރީން ހާމަކޮށްފައި ވަނީ އެ މިނިސްޓްރީން ގެޒެޓުކުރި އިއުލާނެއްގަ އެވެ. އެ އިއުލާނުގައިވާ ގޮތުން ދަތުރުކުރަން ޖެހޭ ދުރުމިނަށް ބަލައި ދެކޮޅު ޓިކެޓަށް އެންމެ ބޮޑު އަގެއް ނަގަނީ:
- ފޮއްދޫ – ހެނބަދޫ، ކެނދިކުޅުދޫ، ލަންދޫ، މާފަރު އަދި މާޅެންދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
- ހެނބަދޫ – ފޮއްދޫ، ހޮޅުދޫ އަދި ވެލިދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
- ހޮޅުދޫ – ހެނބަދޫ، ކެނދިކުޅުދޫ އަދި މާޅެންދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
- ކެނދިކުޅުދޫ – ފޮއްދޫ، ހޮޅުދޫ އަދި ވެލިދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
- ކުޑަފަރީ – ވެލިދޫ އާ ދެމެދުކުރާ ދަތުރަށް: 180 ރުފިޔާ
- ލަންދޫ – ފޮއްދޫ އަދި ވެލިދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
- މާފަރު – ފޮއްދޫ އަދި ވެލިދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
- މާޅެންދޫ – ފޮއްދޫ، ހޮޅުދޫ އަދި ވެލިދޫ އާ ދެމެދުކުރާ ދަތުރުތައް: 180 ރުފިޔާ
- ވެލިދޫ – ހެނބަދޫ، ކެނދިކޮޅުދޫ، މާފަރު އަދި މާޅެންދޫ އާ ދެމެދުކުރާ ދަތުރުތަކަށް: 180 ރުފިޔާ
ޒޯން ދޭއްގެ ނ. އަތޮޅުގެ އާރުޓީއެލް ފެރީގެ ހިދުމަތް ހަފުތާއަކު ހަތް ދުވަހު، އާރުޓީއެލް ބްރޭންޑްގެ ދެ ސްޕީޑް ފެރީ މެދުވެރިކޮށް، ތިން ރޫޓަކުން ލިބޭނެ އެވެ. ފެރީ ހިދުމަތުގެ ޝެޑިއުލް އާރުޓީއެލް ވެބްސައިޓުންނާއި އާރުޓީއެލް ޓްރެވަލް އެޕް މެދުވެރިކޮށް ފެންނަން ހުންނާނެ އެވެ.