ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މޯލްޑިވިއަން އިން ވައިޑްބޮޑީ އެއާކްރާފްޓެއް ގެންނަށް އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.
މޯލްޑިވިއަން އަށް އެއާބަސް A330-200 މަރުކާގެ ބޯޓެެއް ގެނައުމަށް ހަވާލުކޮށްފައިވަނީ, އެއާލައިންތަކަށް މަތިންދާބޯޓު ފޯރުކޮށްދޭ ކުންފުންޏެއް ކަމަށްވާ ޓްރޫނޯޑްއާ އެވެ.
މި އެއްބަސްވުމުގައި އައިލެންޑް އޭވިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސްވެ. ޓްރޫނޯޑް ކުންފުނީގެ ފަރާތުން ސޮއިކުރެއްވީ ޗީފް ކޮމާޝަލް އޮފިސަރ ކާސްޓް ލިންޑްބޫމްއެވެ.
މަތިންދާބޯޓު ގެނައުމުގެ އެއްބަސްވުމުގައި ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ދަތުރުފަތުރާއި މަދަނީ އުދުހުންތަކާބެހޭ ވަޒީރު މުޙައްމަދު އަމީން ވިދާޅުވީ މި މަތިންދާބޯޓުގެ ދަތުރުތައް ފެށުމާއެކު ފަތުރުވެރިކަމުގެ ދާއިރާއަށާއި ރާއްޖޭގެ އިޤުތިޞާދަށް ބޮޑެތި ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށެވެ. އެގޮތުން މީހުން އުފުލޭ މިންވަރު އިތުރުވެ، ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދާއި އެއިން ލިބޭ މާލީ މަންފާ އިތުރުވާނެކަން ފާހަގަކުރެއްވިއެވެ.
މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އައިލެންޑް އޭވިއޭޝަންގެ މެނޭޖިން ޑިރެކްޓަރ އިބްރާހިމް އިޔާސް ވިދާޅުވީ މި މަޝްރޫއަކީ ސަރުކާރުގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު މަސައްކަތެއް ކަމަށެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުވުމުގައި ރާއްޖޭގެ އިގްތިސޯދަށް މުހިންމު މަޝްރޫއެއް ކަމަށް ވެސް ވިދާޅުވިއެވެ.
އިޔާސް އިތުރަށް ވިދާޅުވީ މި ކަމަކީ ބައިނަލްއަގްވާމީ ދުނިޔޭގައި ވާދަވެރި މަހައުލެއްގައި ގައުމީ އެއާލައިން ކުރިއަށް ގެންދިއުމަށް ހުޅުވިގެންދާ ވަރަށް ބޮޑު މަގެއްް ކަމަށާއި އެ މަގުން ވަރަށް ވިސްނުން ތެރިކަމާއިއެކު ކުރިއަށްދާން ޖެހޭނެ ކަމަށެވެ.
ރާއްޖެ ގެނައުމަށް ހަމަޖެހިފައިވަނީ އެއާބަސް A330-200 މަރުކާގެ މަތިންދާބޯޓުތަކެކެވެ. މި ބޯޓު 13000 ކިލޯ މީޓަރު ދުރަށް އެއްވެސް އެއާޕޯޓެއްގައި ނުޖައްސާ ޑައިރެކްޓުކޮށް ދަތުރުކުރެވޭނެ އެވެ. މިއީ ނެރޯ-ބޮޑީ މަތިންދާބޯޓު ދަތުރުކުރާ ރާސްތާއާ އަޅާބަލާއިރު 3 ގުނަ އިތުރު ދުރުމިނެކެވެ.
މި މަތިންދާބޯޓުން އެންމެ ފުރަތަމަ ދަތުރުތައް ފަށާނީ ޗައިނާއަށް ކަމަށްވެސް އިޔާސް ވިދާޅުވިއެވެ. އަދި މުސްތަގުބަލުގައި ޔޫރަޕާއި ދެކުނު އެފްރިކާއަށް ދަތުރު ފައްޓަވާނެ ކަމަށް ވިދާޅުވިއެވެ.