ސުޕްރިމް ކޯޓުންވެސް ނާކާމިޔާބުވެ، އެމްސީބީއަށް އަލީ ޒާހިރު 2.3 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

ސުޕްރިމް ކޯޓުންވެސް ނާކާމިޔާބުވެ، އެމްސީބީއަށް އަލީ ޒާހިރު 2.3 މިލިއަން ރުފިޔާ ދައްކަން ޖެހިއްޖެ

Author
ޙަސަން މުޙައްމަދު
24 ޖުލައި 2024 10:52
0

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކުރީގެ ޗީފް އޮފް ސްޓާފް އަލީ ޒާހިރު މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ)އަށް 2.3 މިލިއަން ރުފިޔާ ދައްކަންޖޭހޭ މައްސަލާގައި އޭނާއަށް ސުޕްރިމް ކޯޓުންވެސް ނާކާމިޔާބިއާއި ކުރިމަތިލާން ޖެހިއްޖެއެވެ.

އަލީ ޒާހިރު މޮރިޝަސް ބޭންކަށް ދެ މިލިއަން ތިން ލައްކަ ފަސް ހާސް އެއްސަތޭކަ ރުފިޔާ (2,305,100ރ.) ދައްކަން ޖެހޭ މައްސަލައިގެ ޝަރީއަތް ސުޕްރިމް ކޯޓުގައި ފަށާފައިވަނީ މީގެ އަހަރެއް ކުރިންނެވެ.

އަލީ ޒާހިރި ސުޕްރިމް ކޯޓަށް ހުށަހަޅުއްވީ، މިފައިސާ މޮރިޝަސް ބޭންކަށް ދައްކާން ޖެހޭކަމަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމަށް ތާއީދުކޮށް ހައި ކޯޓުން ކޮށްފައިވާ ހުކުމް ބާތިލް ކުރުމަށެވެ.

މޮރިޝަސް ކޮމާޝަލް ބޭންކް (އެމްސީބީ) އަށް 2.3 މިލިއަން ރުފިޔާ ދައްކަން ހައިކޯޓުން ކުރި ހުކުމް އަލީ ޒާހިރު ސުޕްރިމް ކޯޓުގައި އޭނާ އިސްތިއުނާފް ކޮށްފައިވަނީ ފާއިތުވި 2022 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.

2018ވަނަ އަހަރު އެމްސީބީން އަލީ ޒާހިރަށް އެ ބޭންކަށް 2.3 މިލިއަން ރުފިޔާ ދެއްކުމަށް އެންގީ އޭނާ ބޭންކަށް ޗެއްކެއް ދޫކޮށްފައި ވަނިކޮށް، އޭނާގެ އެކައުންޓުގައި އެވަރަށް ފައިސާ ނެތީސް ބޭންކުން އޯވަރޑްރާފްޓްގެ ގޮތުގައި އޭނާއަށް ފައިސާ ދޫކުރުމާއި ގުޅިގެންނެވެ.

އަލީ ޒާހިރު ބޭންކަށް ދޫކޮށްފައިވަނީ ރައީސް އޮފީހުގެ ކުރީގެ އަންޑަރ ސެކްރެޓަރީ އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ ޗެއާމަން އަބްދުﷲ ނަސީރު މުހައްމަދުގެ ޗެކެކެވެ.

އަލީ ޒާހިރު ބޭންކަށް ޗެކް ދޫކޮށްފައިވަނީ، އޭނާގެ އެކައުންޓަށް ހަތަރު މިލިއަން ރުފިޔާ ޖަމާވެއްޖެ ކަމުގެ ރިސިޓް ބޭންކުން ލިބުމަށްފަހުއެވެ. އެހެންނަމަވެސް ބޭންކުން ޗެކަށް ފައިސާ ދޫކޮށްފައިވަނީ އޭނާގެ އެކައުންޓަށް ފައިސާ ޖަމާ ނުވަނީހެވެ. ނަތީޖާއެއްގެ ގޮތުން އޭނާއަށް ބޭންކުން އަންގާފައިވަނީ އެފައިސާ އޭނާ އަބުރާ ދައްކަން ޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އަލީ ޒާހިރު ކޯޓަށް ހުށަހެޅުއްވީ ބޭންކުގެ އެންގުން ބާތިލް ކުރުމަށެވެ.

މިމައްސަލާގައި ސިވިލް ކޯޓުންނާއި ހައި ކޯޓުންވެސް މަސައްކަތް ނިންމާފައިވަނީ އަލީ ޒާހިރާއި ދެކޮޅަށެވެ. ހައި ކޯޓުން މައްސަލަ ނިންމިއިރު، އެއީ އަލީ ޒާހިރު ބޭންކަށް ދަންކަންޖެހޭ ފައިސާކަމަށް ނިންމާފައިވަނީ 3 ފަނޑިޔާރުންގެ ތެރެއިން ދެ ފަޑިޔާރުންގެ އައުލަބިއްޔަތުންނެވެ.

ބޭންކުގެ ނިންމުން ދަމަހައްޓަން ހުކުމް ކުރެއްވި ހައިކޯޓުގެ ދެ ފަނޑިޔާރުން ކަމަށްވާ ފަނޑިޔާރު ހަސަން ޝަފީއު އާއި ފަނޑިޔާރު ޝުއައިބުގެ ހުކުމުގައި ވިދާޅުވެފައިވަނީ "އަލީ ޒާހިރު ދޫކުރި ޗެކެއް ޕްރޮސެސްކޮށް، އަލީ ޒާހިރުގެ ކަރަންޓް އެކައުންޓުން އޯވަޑްރޯކުރި ފައިސާއަކީ ބޭންކުން އަލީ ޒާހިރަށް ދިން ފްރީ ގިފްޓެއް ކަމުގައި ބެލެވެން ނެތް،" ކަމުގައެވެ.

އެހެންނަމަވެސް ފަނޑިޔާރު ފައިސަލްގެ ހުކުމުގައި ވިދާޅުވެފައިވަނީ، އެ ފައިސާއަކީ ބޭންކު އިހުމާލުން ދޫކޮށްފައިވާ ފައިސާ ކަމަށާއި އެ ފައިސާގެ ޒިންމާ އަލީ ޒާހިރު ނަންގަވަން ނުޖެހޭނެ ކަމުގައެވެ.

ސުޕްރިމް ކޯޓުން މިމައްސަލަ ބަލާ ބެންޒުގައި ތިއްބަވަނީ ފަނޑިޔާރު އަޒްމިރަލްޑާއާއި، ފަނޑިޔާރު ޝުޖޫންއާއި، ފަނޑިޔާރު އަލީ ރަޝީދުއެވެ.

އަލީ ޒާހިރުގެ ފަރާތުން އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރުމުން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ އަޣުލަބިއްޔަތުން މިއަދު ކުރެއްވި ހުކުމުގައި ވަނީ އެކައުންޓްގައި ފައިސާ ނެތަސް، ޗެކެއް ދޫކުރުމުން ފައިސާ ދޫކުރުމުގެ އިޚްތިޔާރު ބޭންކްތަކަށް ގާނޫނުގެ ދަށުން އޮންނަ ކަމަށެވެ. އަދި އެކައުންޓްގައި ފައިސާ ނެތަސް، އޯވަރ ޑްރާފްޓްގެ ގޮތުގައި ފައިސާ ދިނުމަކީ ކުރެވިދާނެ ކަމެއްކަމަށް އެމްސީބީން ކަސްޓަމަރުންނާ އެކު ހަދާ އެއްބަސްވުމުގައި ވެސް ބަޔާން ކޮށްފައިވާ ކަމަށް ޙުކުމްގައިވެއެވެ.
އެހެންކަމުން އެ ފައިސާ ޢަލީ ޒާހިރުގެ ފަރާތުން ބޭންކަށް ދައްކަން ޖެހޭނެކަމަށް ކޮށްފައިވާ ޙުކުމަށް ބަދަލު ގެންނަން ޖެހޭ ސަބަބެއް ނެތްކަމަށް ސުޕްރީމް ކޯޓުގެ ޙުކުމުގައިވެއެވެ. އެގޮތަށް ހުކުމް ކުރެއްވީ ފަނޑިޔާރު އައިޝާ ޝުޖޫން މުޙައްމަދާއި، ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރެވެ.
ތިން ފަނޑިޔާރުންގެ ތެރެއިން މައްސަލާގައި ރައުޔު ތަފާތުވި ފަނޑިޔާރު ޢަލީ ރަޝީދު ޙުސައިންގެ ރައުޔަކީ އެ ފައިސާ ޢަލީ ޒާހިރުގެ ފަރާތުން ދައްކަން ނުޖެހޭނެ ކަމަށެވެ. އެ ރައުޔުގައިވަނީ އެކައުންޓްގައި ފައިސާ ނެތީސް، އޯވާޑްރޯކޮށްގެން ފައިސާ ދޫކުރުމުގެ ބާރު ބޭންކްތަކަށް އޮންނަނީ އެއްވެސް ހިފެހެއްޓުމެއް ނެތި ނޫން ކަމަށް ވިދާޅުވެފައިވެއެވެ. އަދި 2.3 މިލިއަން ރުފިޔާގެ ޗެކް ދޫކުރިއިރު އަލީ ޒާހިރުގެ އެކައުންޓްގައި ހުރީ އެންމެ 500ރ. ކަމަށާއި އެހެންވެ، އެ އެހާ ބޮޑު އަދަދެއް އެމްސީބީން ދޫކުރީ ބޭންކަށް އޮޅިގެން ކަމަށް ބެލެވޭ ކަމަށް އެ ރައުޔުގައިވެއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.