ބިދޭސީން ރާއްޖެ އަށް ގެނެވޭނެ އަދަދާއި ދާއިރާތައް ކަނޑައެޅުމުގެ ބާރު ސަރުކާރުގެ ކެބިނެޓަށް ލިބޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނު އިސްލާހު ކުރަން ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން މި ބިލް މަޖިލިހަށް ހުށަހެޅުއްވީ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ދާއޫދެވެ.
އެ އިސްލާހުގައި ބުނެފައިވާ ގޮތުގައި ރާއްޖޭގައި ވަޒީފާ އަދާ ކުރުމަށް ރާއްޖެއަށް ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތައް ބިލްގެ ދަށުން ހަދާ ގަވައިދުގައި ބަޔާން ކުރެވިދާނެއެވެ. ބިދޭސީން ގެނެވޭނެ އަދަދުތަކާއި ދާއިރާތައް ކަނޑައެޅުމުގައި އަހަރެއް ތެރޭގައި ބިދޭސީން ގެނެވޭނެ އަދަދާއި ދާއިރާތަކާއި އެއް ގައުމަކުން ގެނެވޭނެ ބިދޭސީންގެ އަދަދާއި ދާއިރާތައް ކަނޑައެޅިދާނެ ކަމަށް ބިލްގައިވެއެވެ.
އެކަމަކު، މިކަން ނިންމަން ވާނީ ރާއްޖޭގައި ބިދޭސީން ވަޒީފާ އަދާ ކުރުމުގެ ސަބަބުން ރާއްޖޭގެ ވަޒީފާގެ ބާޒާރަށް ކުރާނެ އަސަރު ދެނެގަތުމަށްޓަކައި ހަދާ އެސެސްމަންޓަކަށް ފަހު ވަޒީރުންގެ މަޖިލިހުގެ ލަފާގެ މަތިން ކަމަށް ބިލްގައިވެއެވެ.
ވަޒީފާއާ ބެހޭ ގާނޫނުގައި މިހާރު އޮންނަ ގޮތުން ރާއްޖޭގައި ވަޒީފާ އަދާ ކުރަން އެއް ގައުމަކުން އެންމެ ގިނައިން ބިދޭސީން ގެނެވޭނެ އަދަދަކީ 100،000 މީހުންނެވެ. އެއް ގައުމަކުން ތިބި އަދަދު، އެއަށް ވުރެ ގިނަވާ ނަމަ އެ އަދަދަށް ބިދޭސީން މަދު ކުރަން ޖެހޭނެ ކަމަށް ގާނޫނުގައިވެއެވެ.
އެ އެސެސްމަންޓުގައި ވަޒީފާގެ ބާޒާރުގައި ހުރި ގޮންޖެހުންތަކާއި މުހިންމު ދާއިރާތަކަށް ބިދޭސީން ބޭނުންވާ މިންވަރާއި ބިދޭސީން ވަޒީފާ އަދާކުރަމުންދާ މިންވަރާއި ގަވައިދާ ހިލާފަށް މަސައްކަތް ކުރަމުންދާ މިންވަރު ދެނެގަންނަން ޖެހޭނެއެވެ.