ރާއްޖޭގައި މަސައްކަތްކުރާ ބިދޭސީންނާ މެދުގައި އިހުމާވެ، އެމީހުންނަށް މުސާރަ ނުދޭ ނަމަ، އިހުމާލުވާ ކޮންމެ ބިދޭސީއަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަޒީފާއާ ބެހޭ ގާނޫނަށް އިސްލާހެއް ހުށަހަޅައިފިއެވެ.
ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލިހުގެ ކުޅުދުއްފުށީ އުތުރު ދާއިރާގެ ޕީއެންސީގެ މެމްބަރު މުހައްމަދު ދާއޫދު ހުށަހެޅުއްވި އިސްލާހުގައި ވަނީ ބިދޭސީއަކު ރާއްޖެ ގެނައުމަށް ފަހު، ވަޒީފާ ދޭ ފަރާތުން އިހުމާލު ވެއްޖެ ނަމަ، އެޅިދާނެ ފިޔަވަޅުތައް ބަޔާންކޮށްފައެވެ.
އެއީ ބިދޭސީން މަސައްކަތްތެރިން ރާއްޖެ ގެނައުމަށް ފަހު އިހުމާލުވާ ވަޒީފާ ދޭ ފަރާތްތަކުގެ މައުލޫމާތު އާންމު ކުރުމާއި އިހުމާލުވާ ކޮންމެ މުވައްޒަފަކަށް 50،000ރ. ގެ މަގުން ޖޫރިމަނާ ކުރުމާއި ބިދޭސީ މަސައްކަތްތެރިންނާ ގުޅޭ ގޮތުން ވަޒީފާދޭ ފަރާތަށް ދޭ ހިދުމަތްތައް ބިލްގެ ދަށުން ހަދާ ގަވައިދާ އެކުގައި ވަކި މުއްދަތަކަށް ހުއްޓާލުމެވެ.
ބިލްގައި ބުނި ގޮތުގައި ވަޒީފާދޭ ފަރާތުން ބިދޭސީންނާ މެދުގައި އިހުމާލުވި ކަމުގައި ބެލޭނެ ހާލަތްތަކަކީ މުސާރަ ނުދިނުމާއި ވަޒީފާ ދޭ ފަރާތުން ފޯރުކޮށްދޭން ޖެހޭ އަސާސީ ކަންކަން ކަމުގައި މި ބިލްގެ ދަށުން ހަދާ ގަވައިދުގައި ކަނޑައަޅާ ކަންކަން ފުރިހަމަ ނުކުރުމާއި ބިދޭސީން ރާއްޖެ ގެނައުމުގައި އެކްސްޕްލޮއިޓޭޝަންގެ އަމަލެއް ހިންގުން ނުވަތަ އެ މީހުން ލައްވާ ގާނޫނާ ހިލާފު އަމަލުތައް ހިންގުމާއި ބިދޭސީ މަސައްކަތްތެރިޔާ ގެންނަ ވަޒީފާ ނޫން އެހެން ވަޒީފާއެއް އަދާ ކުރުމެވެ.
ބިދޭސީ މަސައްކަތްތެރިޔާގެ ވަޒީފާގެ އެއްބަސްވުމުގެ ދާއިރާގެ ތެރެއިން ކުރާ އެހެނިހެން މަސައްކަތް ކުރުމަކީ އެހެން ވަޒީފާއެއް އަދާ ކުރުން ކަމުގައި ނުބެލެވޭނެ ކަމަށް ބިލްގައިވެއެވެ.
ބިދޭސީންނަށް ރާއްޖޭގައި ވަޒީފާ އަދާ ކުރެވޭނީ ބިލްގެ ދަށުން ހަދާ ގަވައިދުގައިވާ ގޮތުގެ މަތިން ރާއްޖޭގައި މަސައްކަތް ކުރުމުގެ ހުއްދަ ހޯދުމަށް ފަހު ކަމަށް ބިލްގައިވެއެވެ.
އެކަމަކު، ޑިޕްލޮމެޓިކް އިމްތިޔާޒް ލިބިގެންވާ ބިދޭސީންނާއި ރާއްޖެ އިން ބައިވެރިވެފައިވާ ބައިނަލްއަގުވާމީ މުއާހަދާއެއް ނުވަތަ އެއްބަސްވުމެއްގެ ދަށުން ރާއްޖޭގައި މަސައްކަތް ކުރާ ބައިނަލްއަގުވާމީ ޖަމިއްޔާތަކުގައި ވަޒީފާ އަދާކުރާ ބިދޭސީ ފަރާތްތަކާއި އެފަދަ އެއްބަސްވުންތަކުގެ ދަށުން ކަނޑައެޅޭ ވަކި މުއްދަތަކަށް ސެކަންޑްމަންޓްގެ އުސޫލުން ނުވަތަ އެ ނޫން ގޮތަކުން ވެސް ރާއްޖޭގައި މަސައްކަތް ކުރުމަށް ކަނޑައެޅޭ ފަރާތްތަކަށް މި އުސޫލު ތަންފީޒު ނުވާނެއެވެ.
އަދި އިމިގްރޭޝަންގެ ގާނޫނުގެ ދަށުން ވޯކް ވިސާ ފިޔަވައި އެ ނޫން ބާވަތެއްގެ ވިސާގައި ރާއްޖޭގައި ވަޒީފާ އަދާކުރުމުގެ ހުއްދަ ލިބިދީފައިވާ މީހުންނަށް ވެސް ބިލް ތަންފީޒު ނުވާނެއެވެ.