ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމަށް ގ. ސިލްވަރުގެ، މަރިޔަމް ޚާލިދާ، ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވައިފި އެވެ.
އެކަމަނާ މި މަޤާމައް އައްޔަން ކުރައްވާފައިވަނީ މިދިޔަ އާދީއްތަ ދުވަހުން ފެށިގެންނެވެ. އެކަމަނާ އަކީ އެންމެ ކުޑަ އުޖޫރަ ކަނޑައެޅުމާ ގުޅޭ ގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ލަފާ ދިނުމަށް އެކުލަވާލާފައިވާ ބޯޑުގެ ޗެއާވެސް މެއެވެ. މީގެ އިތުރުން އެމްއެމްއޭގެ ފައިނޭންޝަލް އެންޑް ކޮންޒިއުމާ ސާވިސަސް ޑިވިޝަންގެ އެގްޒެކްޓިވް ޑިރެކްޓަރުގެ މަގާމުގައިވެސް މީގެކުރިން އެކަމަނާ ވަނީ މަސައްކަތް ކުރައްވާފައެވެ.
މަރިޔަމް ޚާލިދާ އަކީ ރާއްޖޭގެ ފޮރިން ސެކްރެޓަރީ އަބްދުލްޣަފޫރު މުޙައްމަދުގެ އަނބިކަނބަލުންނެވެ.
މީގެއިތުރުން ހެލްތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް، ކުރިން ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އަޙްމަދު އާދިލް ވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ އައްޔަންކުރައްވާފައެވެ.
ރާއްޖެއަށް ވެންޓިލޭޓަރުތަކެއް ގެނައުމުގައި ފެންމަތިވި ކޮރަޕްޝަނުގެ މައްސަލަތަކުގެ ސަބަބުން ހެލްތު މިނިސްޓްރީގެ ސިޔާސީ މަގާމުތަކުގައި ތިއްބެވި ބައެއް ބޭފުޅުން ސަސްޕެންޑް ކުރުމުން އަޙްމަދު އާދިލް ވަނީ ވަގުތީގޮތުން ހެލްތު މިނިސްޓްރީގެ ބައެއް މަސައްކަތްތައް ކުރައްވާފައެވެ. އަދި އެބޭފުޅާވެސް ރަސްމީކޮށް ހެލްތު މިނިސްޓްރީއަށް އައްޔަންކުރައްވާފައި ވަނީ އާދީއްތަ ދުވަހުން ފެށިގެންނެވެ.
ހެލްތު މިނިސްޓްރީގައި މިވަގުތު 4 ޑެޕިއުޓީ މިނިސްޓަރުން އެބަތިއްބެވިއެވެ. އޭގެތެރެއިން 2 ބޭފުޅުން އަދިވެސް ތިއްބެވީ ވެންޓިލޭޓަރުތަކުގެ މައްސަލާގައި ސަސްޕެންޑްކޮށްފައެވެ.
ކޮމެންޓު ފޮނުވާ