ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ޝަމްނާޒާއި އޭނާގެ ކޮއްކޮ ދޫކޮށްލައިފިއެވެ.
ސިހުރު ހެދި ކަމަށް ތުހުމަތު ކުރެވިގެން ހައްޔަރުކުރި ފާތިމަތު ޝަމްނާޒް އަލީ ސަލީމާއި އޭނާގެ ކޮއްކޮގެ ބަންދުގެ މުއްދަތަށް 5 ދުވަސް އެންމެ ފަހުން ޖެހީ މިމަހުގެ 8 ވަނަ ދުވަހުއެވެ. އޭގެ ކުރިން ވަނީ އެ ދެމީހުންގެ ބަންދަށް 7 ދުވަސް ޖަހައިފިއެވެ.
ފުލުހުން މިއަދު ބުނީ މިމަހުގެ 23ވަނަ ދުވަހު ފުލުހުން ތަހުގީގު ކުރަމުންދާ މައްސަލައަކާއި ގުޅިގެން ހައްޔަރުކުރި 40 އަހަރުގެ އަންހެން މީހާ އާއި 26 އަހަރުގެ އަންހެން މީހާ ފުލުހުންގެ ބަންދުން މިއަދު ދޫކޮށްލާފައިވާ ކަމަށެވެ. އެމީހުން ބަންދުން ދޫކޮށްލާފައި ވަނީ ބަންދުގައި ބައިތިއްބަން ނުފެންނާތީ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ސިހުރު ހެދި ކަމުގެ ތުހުމަތުގައި ޝަމްނާޒް ހައްޔަރުކުރީ މިދިޔަ މަހުގެ 23 ވަނަދުވަހުއެވެ. ޝަމްނާޒާއި އެކު އޭނާގެ ކޮއްކޮ ހައްވާ ސަނާ ސަލީމް އިތުރު ތ. ކިނބިދޫ ހުސައިން ސަމީރުވެސް ހައްޔަރުކުރި އެވެ. އޭނާ ވަނީ މީގެ ކުރިން ދޫކޮށްލާފައެވެ.
ޝަމްނާޒާއި އޭނާގެ ކޮއްކޮ ބަންދުގެ މުއްދަތުގެ އަޑުއެހުން ކުރިޔަށް ގެންގޮސްފައިވަނީ ސިއްރުކޮށްގެނެވެ. މި މައްސަލާގައި މި ތިން މީހުންވެސް ހައްޔަރުކުރީ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށެވެ.
ރައީސް ޑރ މުހައްމަދު މުއިއްޒު، ހިތްޕުޅާވޭތޯ "އިސްތިރި" އެއް ހެދި ކަމަށް ތުހުމަތު ކުރެވިގެން ފާތިމަތު ޝަމްނާޒް އަލީ ސަލީމް ހައްޔަރުކުރި ނަމަވެސް އެކަމާއި ރައީސްގެ ދަ ކަނބަލުންނާއި ގުޅުމެއް ނެތްކަމަށް ރައީސް އޮފީހުން ވަނީ ބުނެފައެވެ. އަދި އެ މައްސަލަ ހުށައެޅީ މުލިއާގެއިން ނޫންކަމަށްވެސް ވަނީ ބުނެފައެވެ.
މި މައްސަލަ ފެންމަތިވުމުން ޝަމްނާޒާާއި އޭނާގެ ކޮއްކޮގެ އިތުރުން އޭނާގެ ކުރީގެ ފިރިމިހާ އާދަމް ރަމީޒު ވަނީ މަގާމުން ސަސްޕެންޑްކޮށްފައެވެ. ރައީސް ޑރ. މުއިއްޒާއި ވަރަށް އަރިސްކޮށް އުޅުއްވި ރަމީޒު ހުންނެވީ ރައީސް އޮފީހުންގެ މިނިސްޓަރުގެ މަގާމުގައެވެ. ޝަމްނާޒް ހުރީ ތިމާވެއްޓާ ބެހޭ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ މަގާމުގައެވެ. އޭނާގެ ކޮއްކޮ ސަނާ ހުރީ އެ މިނިސްޓްރީގެ ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުގައެވެ.