ތިލަމާލެ ބްރިޖުގެ %40 މަސައްކަތް ނިމިއްޖެ

ތިލަމާލެ ބްރިޖުގެ %40 މަސައްކަތް ނިމިއްޖެ

Author
އަހުމަދު
11 ޖުލައި 2024 09:34
0

މާލެ، ވިލިމާލެ، ގުޅިފަޅު އަދި ތިލަފުށި ގުޅުވާލުމަށް ހަދާ ތިލަމާލެ ބްރިޖުގެ 40 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ހާމަކޮށްފިއެވެ.

އެ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އިބްރާހީމް ތައާމު މުހައްމަދު ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރުގެ ނިޔަލަށް ބްރިޖުގެ ނިމިފައި އޮތީ 29 ޕަސެންޓް ކަމަށެވެ. ނަމަވެސް މިހާރު ބްރިޖުގެ 40.47 ޕަސެންޓް މަސައްކަތް ނިމިފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އިބްރާހިމް މުއްތޮލިބް ވިދާޅުވީ ތިލަމާލެ ބްރިޖު މަޝްރޫއުގެ ދަށުން ތަބުތަކުގެ ޕައިލިންގެ %65 ނިމި، ޕައިލް ކެޕްގެ %46 ނިމިފައިވާ ކަމަށެވެ. އަދި މަޝްރޫއުތަކުގެ ޑެކްގެ ބޭނުންވާ ޕްރީ ކާސްޓުތަކުގެ %31 ވަނީ ކާސްޓްކޮށް ނިމިފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ތިލަމާލެ ބްރިޖްގެ މާލެއިން ގުޅިފަޅަށް މަސައްކަތްތައް ނިންމުމަށް ތާވަލުކޮށްފައިވަނީ އަންނަ އަހަރުގެ ފަހުކޮޅެވެ. އަދި ބާކީ މަސައްކަތްތައް 2026 ގެ ނިޔަލަށް ނިންމަން ވަނީ އަމާޒު ހިފައިފައެވެ.

ތިލަމާލެ ބްރިޖަކީ 500 މިލިއަން ޑޮލަރު (7.7 ބިލިއަން ރުފިޔާ)ގެ މަޝްރޫއެކެވެ. އެއީ އިންޑިއާގެ އެގްޒިމް ބޭންކްގެ ލައިން އޮފް ކްރެޑިޓްގެ ދަށުން ދޭ 400 މިލިއަން ޑޮލަރާއި އިންޑިއާގެ ސަރުކާރުން ދޭ ހިލޭ އެހީގެ ގޮތުގައި ލިބޭ 100 މިލިއަން ޑޮލަރެވެ.

ގްރޭޓަރ މާލެ ކަނެކްޓިވިޓީ ބްރިޖްގެ އަމަލީ މަސައްކަތް ފަށާފައިވަނީ 2022 ވަނަ އަހަރުގެ އޯގަސްޓްމަހުގެ ތެރޭގައެވެ. މި މަޝްރޫޢަކީ މާލެ ސަރަޙައްދުގައި އުމްރާނީ ގޮތުން ކުރިއަށް ގެންދެވޭ އެންމެ ބޮޑު ބިޔަ މަޝްރޫޢެވެ.

މިމަޝްރޫއުގެ ދަށުން ޤާއިމްކުރާ 3 ބުރިޖާއި، ކޯސްވޭ އަދި މަގުތަކުގެ ނެޓްވޯކުގެ ދިގުމިނުގައި 6.7 ކިލޯމީޓަރު ހުންނާނެއެވެ. މީގެއިތުރަށް ގުޅާލާ، ކޮންމެ ރަށަކަށް އަރާ ފޭބުމަށް އިންޓަރޗޭންޖް ޕޮއިންޓްތަކާއި، ޕާކިން ސަރަހައްދުތައް ވެސް ހުންނާނެއެވެ.

މުޅި މި މަޝްރޫޢަށް 500 މިލިއަން ޑޮލަރު ހޭދަވާނެއެވެ. އެއީ 7 ބިލިއަނަށްވުރެ ގިނަ ރުފިޔާއެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.