ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ ވެސް ބިދޭސީންތަކެއް އަތުލައިގެންފިއެވެ.
އިމިގްރޭޝަންއިން ބުނެފައިވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައިވާކަމުގައެވެ.
ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދާ ބިދޭސީން ހޯދުމަށް ކުރިއަށްދާ އޮޕަރޭޝަންގެ ތެރެއިން، މިރޭ ވެސް ވަނީ ހުޅުމާލޭގެ ދެ ތަނެއް ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް ވިޔަފާރި ކުރަމުންދިއަ 04 ބިދޭސީއަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައި. pic.twitter.com/ACC6QCaxUU
— Maldives Immigration (@ImmigrationMV) July 8, 2024
ފަހަކަށް އައިސް އިމިގްރޭޝަނުން ގެންދަނީ ގަވާއިދާ ޚިލާފަށް ވިޔަފާރި ކުރަމުންދާ ގިނަ ބިދޭސީންތަކެއް ހައްޔަރުކުރަމުންނެވެ.
އެގޮތުން ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ދަށުން ރޭވަނީ ހަ ބިދޭސީން ހައްޔަރުކޮށްފައެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން އިމިގްރޭޝަނުގެ ބެލެމުުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް އެ މުއައްސަސާއިން ބުނެފައި ވެއެވެ.
އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.