ރާއްޖޭގައި ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީން އަތުލައިގަތުމަށް ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަކޮށްގެން އިމިގްރޭޝަނުން ކުރިޔަށްގެންދާ އޮޕަރޭޝަންގެ ތެރެއިން އިތުރު ހަ ބިދޭސީން ހައްޔަރުކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ ގަވާއިދާ ޚިލާފަށް ވިޔަފާރިކުރާ ބިދޭސީންނަށް ޚާއްސަކޮށްގެން ރޭ ކުރިއަށް ގެންދިޔަ ރެއިޑު އޮޕަރޭޝަނުގެ ތެރެއިން މާލެ ސަރަހައްދުގައި ހިންގަމުންދާ ދެ މާރުކޭޓެއް ބަލައިފާސްކޮށްފައިވާ ކަމަށެވެ. އަދި އެ އޮޕަރޭޝަންގެ ތެރެއިން ބިދޭސީ ހަތަރު ފިރިހެނަކާއި ދެ އަންހެނުން އިމިގްރޭޝަނުގެ ބެލެމުުގެ ދަށަށް ގެންގޮސްފައިވާ ކަަމަށް އެ މުއައްސަސާއިން މައުލޫމާތު ދެއެވެ.
އިމިގްރޭޝަނުން ބުނީ ކުރިއަށް އޮތް ތަނުގައި ވެސް މި އޮޕަރޭޝަންތައް ހުއްޓުމެއް ނެތި ކުރިއަށް ގެންދާނެ ކަމަށެވެ.
ރައްޔިތުން ކުރަމުންގެންދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުގައި ގަވާއިދާ ޚިލާފަށް ބިދޭސީން ޝާމިލުވެ، ވިޔަފާރި ކުރަމުންދާތީ އެ ފަދަ ތަންތަން ދެނެގަންނަން އިމިގްރޭޝަނުން މަސައްކަތް ފަށާފައިވާއިރު، އެފަދަ ބިދޭސީން އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެނެސް އިމިގްރޭޝަން ގާނޫނުގެ ދަށުން އަޅަން ޖެހޭ ފިޔަވަޅު އަޅާނެ ކަމަށް އިމިގްރޭޝަނުގެ ކޮންޓްރޯލާ ޖެނެރަލް ޝަމްއާން ވަހީދު ވަނީ ދާދި ފަހުން ވިދާޅުވެފައެވެ.
އިމިގްރޭޝަނުން އެންމެ ފަހުން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާއިރު ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ 1800 ބިދޭސީން ވަނީ އަނބުރާ ފޮނުވާލާފައެވެ.