ވަރޗުއަލް ރިއަލިޓީއަށް ހާއްސަކޮށް ގޭމު ކުޅެވޭނެ އިންތިޒާމާއެކު ދާދިފަހުން މާލޭގައި ހުޅުވި ވީއާރުކެފޭ އިން އޫރިދޫގެ އެހީތެރިކަމާއިއެކު ވާރޗުއަލް ގޭމިން މުބާރާތެއް ރާއްޖޭގައި ބޭއްވުމަށް މަސައްކަތް ކުރަމުން ގެންދާކަމަށް އެ ކެފޭއިން ހާމަކޮށްފިއެވެ.
ވީއާރުކެފޭ އިން ބުނީ މި މުބާރާތް ކުރިއަށް ގެންދާނީ އީޓޫއެސް ގޭމިންއާ ގުޅިގެން އުރީދޫގެ އެހީތެރިކަމާއެކު ކަމަށެވެ. މިކަން ހާމަކުރީ އުރީދޫއިން މާލޭގެ ބޮޑު ސަރަހައްދަކަށް އެކުންފުނީގެ 5 ޖީ ހިދުމަތް ތަޢާރަފްކުރުމަށް ބޭއްވި ރަސްމިއްޔާތުގައެވެ. ނަމަވެސް މި މުބާރާތުގެ އިތުރު ތަފްސީލެއް މި ރަސްމިއްޔާތުގައި ހާމައެއް ނުކުރެއެވެ.
މި ރަސްމިއްޔާތުގައި "ވަރޗުއަލް ރިއަލިޓީ ކެފޭ" އަކީ އުރީދޫގެ 5ޖީ އެކްސްޕީރިއެންސް ޒޯންއެއްގެ ގޮތުގައި ހަމަޖައްސާ އެކަންވަނީވެސް ވަނީ އިއުލާން ކޮށްފައެވެ. ވީއާރްކެފޭގެ ޑިޖިޓަލް ޕާޓްނަރަކީ ވެސް އުރީދޫއެވެ.
މިރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ވީއާރުކެފޭގެ ސީއީއޯ އަލީ ނާހިޒް ވިދާޅުވީ، އުރީދޫގެ 5ޖީ އެކްސްޕީރިއެންސް ޒޯންއެއްގެ ގޮތުގައި ފުރަތަމަ ވިޔަފާރިއަކަށް ވީއާރުކެފޭ ވުމުން ވީއާރު އަދި އޭރާއު ގޭމްތައް ހައި ކޮލިޓީ އިންޓަރނެޓްއެއްގައި ތަޖުރިބާކޮށްލުމުގެ ފުރުސަތު ލިބިގެން ހިނގައްޖެ ކަމަށެވެ. އަދި 5ޖީ ޓެކްނޮލޮޖީއަކީ ގޭމްކުޅޭ ފަރާތްތަކުން އިންތިޒާރުކުރަމުން އަންނަ ޓެކްނޮލޮޖީއެއް ކަމަށް ނާހިޒް ވިދާޅުވިއެވެ.
އުދީދޫގެ 5ޖީ ޚިދުމަތަކީ ވިޔަފާރި އުސޫލުން ރާއްޖޭގައި ބޭނުން ކުރެވޭގޮތަށް ތައާރަފު ކުރި ފުރަތަމަ 5ޖީ ހިދުމަތެވެ. މި ހިދުމަތާއެކު ވަޔަރލެސް އިންޓަނެޓާއި ފޯނުގެ ހިދުމަތް މިހާރަށްވުރެ ފަސޭހަވެ، ސްޕީޑްވެސް އަވަސް ވެގެންދާނެ ކަމަށް އުރީދޫ އިން ބުންޏެވެ.
އުރީދޫގެ މެނޭޖިން ޑިރެކްޓަރ އަދި ސީއީއޯ ނަޖީބް ޚާން ވިދާޅުވީ، ފާއިތުވެދިޔަ އަހަރު ތެރޭގައި ރާއްޖޭގެ ހުރިހާ ދާއިރާއަކުން ވެސް ޑިޖިޓަލް ނިޒާމަށް ބަރޯސާވެ ހިދުމަތްތަކަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި ކޯވިޑް-19ގެ ހާލަތާއެކު އޮންލައިންކޮށް ހޯދާ ހިދުމަތްތައް ގިނަވި ކަމަށާއި އިންޓަނެޓް ބޭނުންކުރާ މިންވަރު އިތުރުވިކަމަށް އޭނާ ވިދާޅުވިއެވެ. އެހެންކަމުން އުރީދޫ އިން މަސައްކަތް ކުރާނީ އަބަދުވެސް ކަސްޓަމަރުންނަށް އެންމެ ރަނގަޅު ޚިދުމަތް ފޯރުކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. އަދި 5ޖީ އާއެކު ދިރިއުޅުމަށް ބޮޑު ބަދަލެއް އަންނާނެ ކަމަށް ވެސް ނަޖީބް ޚާން ވިދާޅުވިއެވެ.
ވާޗުއަރ ރިއަލިޓީ ނުވަތަ ވީއާރ އަކީ، ވަކި ޚާއްސަ ހެޑްސެޑްއެއްގެ އެހީގައި ދުނިޔަވީ ނޫން މަންޒަރެއް ކޮންޕިއުޓަރ ޓެކްނޮލޮޖީގެ އެހީގައި ދައްކާލުމެވެ. މި ހެޑްސެޓް އިން އޮގްމެންޓޭޓިވް އަދި ވާޗުއަލް ޓެކްނޮލޮޖީގެ އެހީގައި ޚިޔާލީ ދުނިޔެއަކަށް މީހާ ފޮނުވާލައެވެ. ވާޗުއަލް ރިއަލިޓީގައި، ޚިޔާލީ ދުނިޔޭގައި ފެންނަ ޚިޔާލީ ތަކެތީގައި އަތްލެވި ކަންތައް ކުރެވޭނެއެވެ.
ވީއާރް ކެފޭގައި ގާއިމްކޮށްފައިވަނީ ވާޗުއަލް ރިއަލިޓީގެ ދުނިޔޭގައި އެންމެ ކުރީގައި އުޅޭ ދެ ބްރޭންޑު ކަމަށްވާ އޮކިއުލަސް ކުއެސްޓުގެ އިތުރުން އެސްޓީސީ ވައިވްގެ ގޭމިން ސިސްޓަމެވެ. އޮކިއުލަސް ކުއެސްޓަކީ ދުނިޔޭގެ އެންމެ ފުރަތަމަ އޯލް އިން ވަން ވީއާރް ގޭމިން ސިސްޓަމެވެ. މީގެ އިތުރުން ވީއާރް ކެފޭއިން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ވާޓުއިކްސް އޮމްނީ ގޭމިންގެ ހިދުމަތް ވެސް ފަށާފައެވެ. ވާޓުއިކްސް އޮމްނީ އަކީ ޚިޔާލީ ދުނިޔޭގައި ހިނގައި، ދުވެ އުޅޭވޭ ގޮތަށް އުފައްދާފައިވާ ވީއާރް މޯޝަން ޕްލެޓްފޯމެކެވެ.