ރ. މީދޫ މިސްކިތެއްގައި ޓިކްޓޮކް ކުނު މީހުން ތައުބާވާން ޖެހޭނެ ކަމުގައި ދީނީ އިލްމުވެރިޔާ ޝައިޚު އަލި ޒައިދު ވިދާޅުވެއްޖެއެވެ.
ރ. މީދުއަށް ޝޯ ދޭން ގޮސް އުޅުނު ގުރޫޕެއްގެ އަންހެނަކު އެ ރަށުގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށާފައިވަނިކޮށް ޒައިދު ކުރެއްވި އެކްސް ޕޯސްޓެއްގައި ވިދާޅުވީ .މިހާ ދަށުދަރަޖައަށް މިމުޖުތަމަޢުގެ ބައެއް މީހުން ވެއްޓުނީތީ ޙައިރާންވާ ކަމަށާއި، ބަޔަކު މީހުން ނަމާދުކުރާ ދޮޅިއަޅައިގެން ގަމީސްނުލަޢި ވައްތަރު ޖައްސާ ވީޑިއޯއެއްވެސް ފެނިއްޖެ ކަމަށެވެ. އަދި އެއީ މަޖާކަމެއް ނޫންކަމަށް ވިދާޅުވަމުން އޭނާ ވިދާޅުވީ މިހުންނަނީ މަޖަލުގެ ނަމުގައި ހިންގޭ ޖަރީމާތައް ކަމުގައެވެ.
އަދި ޒައިދު ވިދާޅުވީ އެކަން ކުރި މީހުން ތައުބާވުން ލާޒިމް ކަމުގައެވެ.
ރ. މީދޫގެ މިސްކިތެއްގެ ތެރޭގައި ޓިކްޓޮކް ކުޅުނު މައްސަލައެއްގައި ގްރޫޕެއްގެ އަންހެން މެމްބަރަކު މުއްދަތެއް ނެތް ގޮތަށް އެ ގްރޫޕުން މިހާރުވަނީ ސަސްޕެންޑްކޮށްފައެވެ.
މިސްކިތުގައި ޓިކްޓޮކް ކުޅުނު އަންހެންމީހާއަކީ "ދަންދާނަ" ގުރޫޕުގެ އަންހެން މެމްބަރެކެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޓިކްޓޮކް ހަދައި މިސްކިތުގެ ތެރޭގައި ނެށީ މީދޫގައި އީދު ޝޯ ދިނުމަށް ގޮސް ތިބި ގްރޫޕެއްގެ އަންހެނަކު ކަމަށެވެ. އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ.
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ އާސާރީ މިސްކިތެއްގެ ތެރޭގައި އާއި ގޯތިތެރޭގައި ބަނޑިޔާ އަދި މާ ކޯޅިއެއް ހިފައިގެން އެ އަންހެން މީހާ ނަށާ ތަނެކެވެ. އެ މިސްކިތަކީ މިހާރު ވެސް އާންމުން ނަމާދު ކުރުމަށް ބޭނުން ކުރާ މިސްކިތެކެވެ. ލިބާހެއް ލައިގެން ހުރި އެ އަންހެން މީހާ ފެން ހުރި ބަނޑިޔާއެއް ހިފައިގެން މިސްކިތުގެ ތެރެއިން ހިނގާފައި ދާ މަންޒަރު ވެސް ފެނެއެވެ.
ދަންދާނަ ގްރޫޕުން ނެރުނު ބަޔާނެއްގައި ބުނީ އަންހެންމީހާގެ އެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށާއި އެއީ އޭނާ އަމިއްލައަށް ކުރި ކަމެއް ކަމަށެވެ. އަދި އެއީ އެ ގުރޫޕާ އެއްވެސް ގުޅުމެއް އޮވެގެން ކުރި ކަމެއް ނޫން ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.
އެ ގުރޫޕުން ރޭވިފައިވާ އެއްވެސް ދަތުރެއްގައި އެ ގުރޫޕަށް ނިސްބަތްވާ އެއްވެސް މެމްބަރެއްގެ ފަރާތުން އެފަދަ އަމަލެއް ދެން ނުފެންނާނެ ކަމަށް އެ ބަޔާނުގައިވެއެވެ.