އިސްރާއީލުން ޣައްޒާއަށް ދެމުންދާ ހަމަލާތައް ހުއްޓާ ނުލަނީސް، އިސްރާއީލަށް ދެމުންދާ ހަމަލާތައް ހުއްޓައެއް ނުލާނެކަމަށް ލުބުނާންގެ ހިޒްބުﷲ ޖަމާއަތުން ބުނެފިއެވެ.
ހިޒްބުﷲ ޖަމާއަތުން މިކަން ހާމަކޮށްފައިވަނީ، އިސްރާއީލުން ލުބުނާނަށް ހަމަލާ ދިނުމަށް ތައްޔާރުވަމުންދާ ކަމަށް ބުނެ އެމެރިކާއިން އަރަބި ގައުމުތަކާއެކީ ބޭއްވި މަޝްރަރާތަކުގައި ބައިވެރިވި އަރަބި ގައުމުތައް މެދުވެރިކޮށެވެ.
އިސްރާއީލުން ޢައްޒާއަށް ހަމަލާދޭން ފެށިފަހުން ހިޒްބުﷲ ޖަމާއަތާއި އިސްރާއީލުން ދަނީ ހަމަލާތައް ބަދަލު ކުރަމުންނެވެ. މިހަމަލާތަކުގައި ހިޒްބުﷲ ޖަމާއަތުގެ ބައެއް އިސްވެރިން ޝަހީދުވެފައިވާއިރު، އިސްރާއީލުގެ ބައެއް ސިފައިންވެސް ވަނީ މި ހަމަލާތަކުގައި މަރުވެފައެވެ.
އެމެރިކާއިން ބައެއް އަރަބި ގައުމުތަކަށް މައުލޫމާތު ދީފައިވާ ގޮތުގައި އިސްރާއީލުން މިހާރުވަނީ ލުބުނާނަށް އެރުމަށް ނިންމާފައެވެ. އަދި އިސްރާއީލުގެ މަގުސަދަކީ، އިސްރާއީލާއި ލުބުނާނާ ދެމެދު ބަފަޒޯނެއް ގާއިމް ކުރުމަށް ހިޒްބުﷲ ޖަމާއަތުގައި ސިފައިން ފަހަތައް ޖެއްސުމެވެ. އޭގެ ބޭނުންމަކީ، ހިޒްބުﷲ ޖަމާއަތުގެ ހަމަލާތަކުގެ ސަބަބުން ބޯޑަރު ސަރަހައްދުން ދުރަށް ދާންޖެހިފައިވާ އެތައްހާސް އެގައުމުގެ ރައްޔިތުންނަށް އަނބުރާ އެ ސަރަހައްދުތަކަށް އާދެވޭނެ މާހައުލެއް ގާއިމް ކުރުމަކީވެސް އިސްރާއީލުގެ މަގުސަދެއްކަމުގައިވެސް ހާމަކޮށްފައި ވެއެވެ.
ހިޒްބުﷲ ޖަމާއަތަކީ ލުބުނާނުގައި ހަރަކާތްތެރި ވަމުން އަންނަ ހަގުރާމަވެރި ޖަމާއަތެކެވެ. 1992 ވަނަ އަހަރުންފެށިގެން މިޖަމާއަތުގެ ވެރިއަކަށް ހުންނަވަމުން ދަނީ އެޖަމާއަތުގެ ސެކެޓްރީ ޖެނެރަލެއްގެ ހައިސިއްޔަތުން ހަސަން ނަސްރުﷲ އެވެ.
ހިޒްބުﷲ ހަމާއަތުގެ އަސްކަރީ ގާބިލްކަން ވަނީ 2006ވަނަ އަހަރުން ފެށިގެން ވަނީ ވަރަށް ބޮޑަށް އިތުރުވެގެން ގޮސްފައެވެ. މިގޮތުން އެ ޖަމާއަތުގެ އަސްކަރީ ބާރު ލުބުނާނުގެ އަސްކަރިއްޔާއަށްވުރެ ފަހަކަށް އައިސްވަނީ ވަރުގަދަ ވެގެން ގޮސްފައެވެ. އަދި ހިޒުބުﷲ ޖަމާއަތުގެ ބާރު ލުބުނާނުގައި ގަދަވެ، އެ ޖަމާއަތަށް ނިސްބަތްވާ ވަޒީރުން ލުބުނާނުގައި ކެބިނެޓްގައިވެސް ހިމެނިގެން ގޮސްފައިވެއެެވެ.
އަދި މިޖަމާއަތުން ރޭޑިއޯ ސްޓޭޝަނަކާއި އަމިއްލަ ޓީވީ ސްޓޭޝަނެއް ހިންގާ، އިޖުތިމާޢީ އެތައް ޚިދުމަތެއް ފޯރު ކޮށްދިނުމުގެ އިތުރުން މިޖަމާއަތުގެ ހަގުރާމަވެރިން ލުބުނާނުގެ އެކި ކަންކޮޅުތަކުގައި ހަރަކާތްތެރި ވަމުންދެއެވެ.
ހިޒްބުﷲ ޖަމާއަތަކި އިރާނުން އެހީތެރި ވެދެމުންދާ ޖަމާއަތެކެވެ.