މި އަހަރުގެ ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން ސައުދީ އަރަބިއްޔާ އަށް ދިޔަ ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން އަދާކުރުމުގައި ފުރިހަމަ ހިދުމަތެއް ދެވިފައިވާ ކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ޝަކީލް މިއަދު ވިދާޅުވެއްޖެއެވެ.
ޝަކީލް "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ބޭރު ގައުމެއްގައި އަމިއްލަ ބާރު ނުހިނގާ އެތައް ގޮންޖެހުންތަކާއެކު ދުނިޔޭގެ އެތައް ގައުމަކަށް ނިސްބަތްވާ އެތައް މިލިއަން ހައްޖުވެރިންގެ ތެރެއިން ދިވެހި ހައްޖުވެރިންނަށް ހައްޖުގެ މާތް އަޅުކަން އަދާކުރުމުގެ ހިދުމަތް ފޯރުކޮށްދޭ ވެރިއަކަށް ވުމުގެ ފުރުސަތު ލިބިޑައިގެންނެވުމުން އެ ފުރުސަތު ދެއްވި ކަމަށްޓަކައި ރައީސް ޑރ. މުހައްމަދު މުއިއްޒަށް އިހްލާސްތެރިކަމާ އެކުގައި ޝުކުރު ދަންނަވާ ކަމަށެވެ.
ޝަކީލް ވިދާޅުވީ ފަހުގެ ތާރީހެއްގައި ސައުދީ އަރަބިއްޔާ ތަޖުރިބާ ކުރަމުންދާ އެންމެ ހޫނުގަދަ ދުވަސްތަކުގައި މަގު އޮޅި ގެއްލިގެން ރިޕޯޓް ކުރި 100 އަށްވުރެ ގިނަ ހައްޖުވެރިން ފަހުގެ ޓެކްނޮލޮޖީ އާއި ހައްޖު ކޯޕަރޭޝަންގެ ހީވާގި މުވައްޒަފުންނާއި އެހީތެރިންގެ ބުރަ މަސައްކަތުން ކުޑަ ވަގުތު ކޮޅެއްގެ ތެރޭގައި ހޯދައިގެން ގެނެވުނު ކަމަށެވެ.
ސިއްހީ ބޮޑު މައްސަލައެއް ކުރިމަތި ނުވެ ތަބީއީ މަރަކުން ނިޔާވި އެންމެ ހައްޖުވެރިއެއް ފިޔަވައި އެހެން ހުރިހާ ހައްޖުވެރިންނަށް ސަލާމަތާއި ރައްކާތެރިކަމާއެކު ހައްޖުގެ އަޅުކަން ފުރިހަމަ ކުރުމުގެ ހިދުމަތް ފޯރުކޮށްދެވުމުން الله سبحانه وتعالى އަށް ހަމްދު ކުރައްވާ ކަމަށް ވެސް ޝަކީލް ވިދާޅުވިއެވެ.
"މި ފުރުސަތު އަޅުގަނޑަށް ދެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން. ހައްޖުގެ ކަންކަން އިންތިޒާމް ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ.ޝަހީމް އަބަދުވެސް ދެއްވާ އެހީތެރިކަމާއި ލަފަޔާއި އިރުޝާދަށް އިހްލާސްތެރިކަމާއެކު ޝުކުރު ދަންނަވަން" ޝަކީލް ވިދާޅުވިއެވެ.
މި އަހަރު ހައްޖުގެ އަޅުކަން އަދާކުރުމަށް ރާއްޖެ އިން 1،150 ހައްޖާޖީން ސައުދީ އަށް ދިޔައެވެ. އެކަމަކު، ހައްޖުގެ އަޅުކަން ނުފެށެނީސް އެ ތަނުން އެއް ހައްޖާޖީއަކު ވަނީ ނިޔާވެފައެވެ. ހައްޖު ކޯޕަރޭޝަނުން ބުނާ ގޮތުގައި އުމުރުން ދުވަސްވީ އެ އަންހެން މީހާ ނިޔާވީ ކުއްލިއަކަށެވެ.