ފެން މީޓަރުތަކުގައި ތަޅު އަޅުވާ މައްސަލަތައް އެޗްއާރުސީއެމްއިން ތަހުގީގު ކުރަނީ

ފެން މީޓަރުތަކުގައި ތަޅު އަޅުވާ މައްސަލަތައް އެޗްއާރުސީއެމްއިން ތަހުގީގު ކުރަނީ

Author
ހުސައިން
16 ޖޫން 2024 05:22
0

ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް ގިނަވެ އެޗްއާރްސީއެމް އިން މި މައްސަލަތައް ތަޙްޤީގުކުރަމުން ދާކަމަށް ބުނެފިއެވެ.

މިއަދު ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވެސް (އެޗްއާރްސީއެމް) އިން  ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މި ފަހަކަށް އައިސް، ގޭގެ ވެރިފަރާތުން ފެންކަނޑާލުމުގެ މައްސަލަތައް އެ ކޮމިޝަނަށް ހުށަހަޅަމުން ދާކަން ފާހަގަކުރެވޭ ކަމަށެވެ.

އެގޮތުން ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް ޤަވާއިދުން ބިލް ދައްކަމުން ދަނިކޮށް، ގޭގެ ވެރިފަރާތުގެ އެދުމުގެ މަތިން، ފެން މީޓަރުގައި ކުންފުނީގެ ފަރާތުން ތަޅު އެޅުވުމުގެ މައްސަލައާއި، ފެނުގެ ޚިދުމަތް ފޯރުކޮށްދެމުންދާ ކުންފުންޏަށް އެންގުމަކާ ނުލައި ގޭގެ ވެރިފަރާތުން ފެން މީޓަރުގައި ތަޅު އަޅުވާ، ޚިދުމަތް މެދުކަނޑާލުމުގެ މައްސަލަތައްވެސް އެޗްއާރްސީއެމް އަށް ހުށަހަޅަމުން ދާކަން އެ ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

މި ކަމާ ގުޅިގެން އެޗްއާރްސީއެމުން ބުނެފައިވަނީ، މިއީ ވަރަށް ކަންބޮޑުވާކަމެއް ކަމަށާއި، މި މައްސަލަތައް ތަޙްޤީގުކުރަމުން ދާކަމަށެވެ. އަދި މީގެ ކުރިން ކޮމިޝަނަށް ހުށަހެޅިފައިވާ މި ފަދަ މައްސަލަތަކުގައި، މައްސަލައިގައި ޝާމިލްވާ ފަރާތްތަކާ އަދި ގުޅުން ހުރި އިދާރާތަކާއެކު މަޝްވަރާކޮށްގެން، ބައެއް މައްސަލަތަކަށް ހައްލު ހޯދައިދީފައިވާކަން އެޗްއާރްސީއެމުން ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން އެޗްއާރްސީއެމުން ވަނީ، ދިމާވާ މިފަދަ އެކިއެކި މައްސަލަތަކުގައި، ކަނޑައެޅިފައިވާ ގޮތުގެ މަތިން، ގުޅުންހުރި އިދާރާއަކަށް އެ މައްސަލަ ހުށަހެޅުމަށާއި، ޤާނޫނީ އިމުގެ ތެރެއިން، ހައްލު ހޯދެއްވުމަށް އިލްތިމާސްކުރައްވާފައެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.