ޕްރޮސެކިއުޓަރ ޖެނެރަލް (ޕީޖީ) އޮފީހުން ދުވަހުން ދުވަހަށް ކުށުގެ ރެކޯޑް ސާފުކޮށްދޭން ފަށަން ނިންމައިފިއެވެ.
ޕީޖީ އޮފީހުން މީގެކުރިން ކުށުގެ ރެކޮޑު ސާފުކޮށްދެމުން އައިސްފައިވަނީ އެއޮފީހުގެ ކައުންޓަރަށް ފޯމް ލިބޭ ދުވަހު ނޫން އަނެއް ދުވަހުއެވެ. ޕީޖީ އޮފީހުން ބުނެފައިވަނީ އެ އޮފީހަށް ލިބޭ ކުޑުގެ ރެކޯޑު ފޯމުތައް ދުވަހުން ދުވަހަށް ނިންމާދޭން ނިންމާފައިވަނީ އެ އޮފީހުން ފޯރުކޮށްދޭ ޚިދުމަތްތައް ވީހާވެސް ލުއިފަސޭހަކޮށް އަދި އަވަހަށް ފޯރުކޮށްދިނުމުގެ މަގުސަދުގައި ކަމުގައެވެ.
އެގޮތުން ކުށުގެ ރިކޯޑު ސާފުކުރަން ކޮންމެ ދުވަހަކު ހެނދުނު ހުށަހަޅާ ފޯމުތައް، އެ ދުވަހުގެ މެންދުރު ފަހު 13:30 ގައި ލިބޭގޮތަށް ހަމަޖައްސާފައިވާއިރު، މެންދުރު 12 ގެ ފަހުން ހުށަހަޅާ ފޯމުތަކަށް ވެސް ޖެހިގެން އަންނަ ދުވަހުގެ ހެނދުނު 9:00 ގެ ކުރިން ކުށުގެ ރިކޯޑު ސާފުކޮށްދޭނެ ކަމަށް އެ އޮފީހުން ބުނެފައި ވެއެވެ.
ޕީޖީ އޮފީހުން ނިންމާފައިވަނީ ކުށުގެ ރެކޯޑް ނެތް މީހެއްނަމަ ވަގުތުން ރެކޯޑް ސާފު ކުރެވޭ ގޮތަށެވެ. އަދި އޮންލައިންކޮށް ކުށުގެ ރެކޯޑް ސާފުކުރުމަށް ހުށަހަޅާ މީހުންގެ ރެކޯޑް 10 މިނިޓް ތެރޭ ސާފުކޮށް ދިނުމުގެ ޚިދުމަތް މިހާރުވެސް އެ އޮފީހުން އަންނަނީ ދެމުންނެވެ.