އެމެރިކާގެ އިންތިޚާބީ ރައީސް، ޖޯ ބައިޑްން، ލައިވްކޮށް ޓީވީގެ ކުރިމަތީގައި ކޯވިޑް19 ވެކްސިން ޖައްސަވައިފިއެވެ. ބައިޑްން ކޯވިޑް ވެކްސިން ޖައްސަވާފައިވަނީ، އެމެރިކާގެ ޑެލްވާރުގެ ނިއުވާކް ހޮސްޕިޓަލުގައެވެ.
ވެކްސިން ޖެއްސެވުމަށްފަހު، އުމުރުން 78 އަހަރުގެ ބައިޑްން އެމެރިކާގެ ރައްޔިތުންނަށް ވިދާޅުވެފައިވަނީ، "އެއްވެސް ކަމަކާ ހާސް ނުވުމަށާ' އަދި މާސްކް އަޅައިގެ، ސިއްޙީ މާޙިރުންގެ އިރުޝާދުތައް އަޑުއަހައިގެން އުޅުމަށެވެ.
ބައިޑްންގެ ވާތަށް، ވެކްސިން ޖަހާދީފައިވަނީ، ޑެލްވާރުގެ ނިވާރކްގެ ކްރިސްޓިއާނާ ހޮސްޕިޓަލް ކްރިސްޓިއަން ކެއާރގައި، ހެޑް އޮފް އެމްޕްލޯއީ ސާވިސްއެއްގެ ގޮތުގައި މަސައްކަތް ކުރައްވާ ނާސް ޕްރެކަޓިޝަނަރއެއް ކަމުގައިވާ ޓޭބް މޭސްއެވެ.
"އަހަރުމެން މީގެ ވަރަށް ގިނަ ވެކްސިން ބޭނުންވޭ،" ވެކްސިން އުފެއްދި ފަރާތްތަކަށާއި، ވެކްސިން ފޯރުކޮށްދިނުމުގެ މަސައްކަތް ކުރަމުންދާ ފަރާތްތަކަށާއި އަދި ކުރީސަފުގައި މަސައްކަތްކުރާ ސިއްޙީ އެހީތެރިންނަށް ޝުކުރު އަދާކުރައްވަމުން ބައިޑްން ވިދާޅުވެފައި ވެއެވެ.
ބައިޑްން އިތުރަށް ވިދާޅުވި ގޮތުގައި، ވެކްސިން އާންމު ރައްޔިތުންނާ ހަމައަށް ފޯރުކޮށް ދިނުމަށް، ޓްރަމްޕްގެ ސަރުކާރުން އުފައްދާފައިވާ، ފެޑެރަލް ސަރުކަރުގެ ވެކްސިން ޕްރޮގްރާމް، "އޮޕަރޭޝާން ރެޕް ސްޕީޑް"އިން ކުރަމުން ދާ މަސައްކަތްތަކަށްޓަކާ، ޓްރަމްޕްގެ ސަރުކާރަށް ކޮންމެވެސް ވަރެއްގެ ތައުރީފެއް ހައްގެވެ.
"މިއީ އުއްމީދުން ފުރިގެންވާ ކަމެއް. އަހަރެން މިވެކްސިން މިޖެހީ، ވެކްސިން ޖެހުމަށް އެމެރިކާގެ ރައްޔިތުން ތައްޔާރަށް ތިބެން ޖެހޭކަން ތަމްސީލު ކޮށްދިނުމަށް. ކަންބޮޑުވާންޖެހޭ އެއްވެސް ކަމެއްނެތް. ޖިލްއާއި އަހަރެން މިހާރު އުއްމީދު މި ކުރަނީ މި ވެކްސިންގެ ދެވަނަ ޑޯޒަކަށް،" ވެކްސިން ޖެއްސެވުމަށްފަހު ބައިޑްން ވިދާޅުވެފައި ވެއެވެ.
"އޭނާ (ބައިޑްގެ އަބިކަބަލުން ޖިލް)ވަނީ ފުރަތަމަ ޑޯޒް މިއަދު ހެދުނު ޖަހާފަ، އަދި ހުރީ ވަރަށް ގަޔާވެފަ،" އަބިކަބަލުންގެ އަތުގައި ހިތްޕަވާ ސަމާސާ ކުރައްވަމުން ބައިޑްން ވިދާޅުވިއެވެ.
ބައިޑްން ވިދާޅުވީ ވެކްސިން އަކީ ކޯވިޑް19 އިން ރައްކާތެރި ވުމުގެ އެންމެ ފުރަތަމަ މަރުހަލާ ކަމަށާއި އަދި ކުރަން އޮތް ދަތުރުގެ ދިގު ކަމުން، އެމެރިކާގެ ރައްޔިތުން ސަމާލުވެ ތިބުމަށް ބައިޑްންވަނީ ގޮވާލައްވާފައެވެ.
"މިކަމަށް ވަގުތު ނަގާނެ،" ބައިޑްން ވިދާޅުވިއެވެ.
ބައިޑްން ވެކްސިން ޖައްސަވާފަ މިވަނީ، އެމެރިކާގައި އެންމެ ފުރަތަމަ ފަހަރަށް ވެކްސިން ދޭން ފެށިތާ ހަފްތާއެއް ފަހުންނެވެ. އަދި ދެވަނަ ވެކްސިނެއް ބޭނުންކުރުމުގެ އެމަޖެންސީ ހުއްދަ އެގައުމުގެ ފުޑް އެންޑް ޑްރަގް އޮތޯރިޓީން ދިންތާ 3 ދުވަސް ފަހުންނެވެ.
ކުރިޔަށްއޮތް ދައުރުގެ އެމެރިކާގެ ފަސްޓް ލޭޑީ، ބައިޑްންގެ އަބިކަބަލުން، ޖިލްބައިންޑްވަނީ ހޯމަ ދުވަހު ހެދުނު ފައިޒަރ ވެކްސިން ޖައްސާވާފައެވެ. ޖިލްވެސް ވެކްސިން ޖައްސަވާފަ ވަނީ ބައިޑްންވެސް ވެކްސިްނ ޖެއްސެވި ހޮސްޕިޓަލުގައެވެ.
ކޮމެންޓު ފޮނުވާ