ރާއްޖެގައި ތިބި އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިއުމަށް އެގައުމުގެ ސަރުކާރުން އަންގައިފިއެވެ.
އިޒްރޭލުގެ ފޮރިން މިނިސްޓްރީން، ރާއްޖޭގައި ތިބި އިސްރާއީލުގެ ރައްޔިތުން ރާއްޖެ ދޫކޮށް ދިއުމާ މެދު ވިސްނުމަށް އިލްތިމާސް ކުރީ އިޒްރޭލުގެ ރައްޔިތުން ރާއްޖެ އެތެރެވުން މަނާކުރުމަށް ގާނޫނުތަކަށް އިސްލާހު ގެނައުމަށް ދިވެހި ސަރުކާރުން ނިންމިކަން އިއުލާނު ކުރުމާ ގުޅިގެންނެވެ.
މިވަގުތު ރާއްޖޭގައި ތިބި އިސްރާއީލު މީހުންނަށް ދަތިތަކާ ކުރިމަތިވެއްޖެނަމަ އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅުގަނޑުމެންނަށް ދަތިވާނެ،" އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވާކަމަށް ޒިންހުއާ ނިއުސް އެޖެންސީގެ ރިޕޯޓު ކޮށްފައި ވެއެވެ.
އިސްރާއީލުގެ ފޮރިން މިނިސްޓްރީން ބުނެފައިވަނީ މުސްލިމުންގެ އަޣުލަބިއްޔަތު އޮންނަ ދިވެހިރާއްޖެއަށް، ޑުއަލް ސިޓިޒަންޝިޕް އޮންނަ އިޒްރޭލު ރައްޔިތުންވެސް ދަތުރު ނުކުރުމަށް އިލްތިމާސް ކުރާކަމުގައެވެ.
ޣައްޒާއަށް އިސްރާއީލުން ދެމުންދާ ޙަމަލާތަކާ ގުޅިގެން ރާއްޖޭގެ ވަޒީރުންގެ މަޖިލީހުގެ އިއްޔެގެ ބައްދަލުވުމެއްގައި އިސްރާއީލު ޕާސްޕޯޓު އޮންނަ މީހުން ރާއްޖެ އެތެރެވުން މަނާކުރުމަށް ވަނީ ނިންމާފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓު ކޮށްފައިވާ ގޮތުގައި އަހަރަކު ރާއްޖެއަށް ޒިޔާރަތް ކުރަމުންދަނީ އިޒްރޭލުގެ 15،000 ވަރަކަށް ޓޫރިސްޓުންނެވެ. އަދި ފާއިތުވި އަހަރު އިސްރާއީލުގެ 11،000 ފަތުރުވެރިން ރާއްޖެ ޒިޔާރަތް ކޮށްފައިވާއިރު އެއީ ރާއްޖެއަށް އެއަހަރު ޒިޔާރަތްކުރި ފަތުރުވެރިންގެ %0.6 އެވެ.