މި ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި 2.5 ބިލިއަން ރުފިޔާގެ ތަރައްޤީގެ މަޝްރޫއުތައް އެވޯޑްކޮށްފައިވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ، އެވުޒާރާގެ މަސައްކަތްތަކާއި ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
މި ސަރުކާރުގެ ފުރަތަމަ 6 މަސްދުވަހުގެ ތެރޭގައި މާލީ ވުޒާރާއިން ކޮށްފައިވާ މުހިންމު ކަންކަމުގެ މައުލޫމާތު ހާމަކުރެއްވުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވީ، ސަރުކާރުން ތަރައްޤީގެ މަޝްރޫއުތަކަށް އިސްކަންދީގެން އެކަންކަން ކުރަމުންދާކަމަށެވެ. އެގޮތުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަހު އެކަނިވެސް 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓް އެވޯޑްކޮށްފައިވާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
"ސަރުކާރުން ތަރައްޤީގެ މަޝްރޫޢުތަކަށް އިސްކަމެއްދީ މި މަޝްރޫޢުތައް ހިންގުމުގައި އާންމު ރައްޔިތުންނަށް ފައިދާހުރި މުހިންމު ޕްރޮޖެކްޓްތަކަށް ޚާއްސަ ސަމާލުކަމެއްދީ މިއަހަރުގެ މިހާހިސާބަށް އައިއިރު 2.5 ބިލިއަން ރުފިޔާގެ ޕްރޮޖެކްޓްސް ވަނީ އެވޯޑްކުރެވިފައި. މީގެތެރޭގައި ޚާއްސަކޮށް ހެލްތު ސެކްޓަރއަށް އޭގެ %20 ދެވިފައިވާކަން ފާހަގަކުރަން." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ، ޕޭ ހާމަނައިޒް ކުރުމަކީ ސަރުކާރުގެ ވަރަށް ބޮޑު އަމާޒެއްކަމަށެވެ. ކުރިންވެސް ޕްލޭންކުރެވިފައިވާގޮތަށް މިއަހަރުގެ ތެރެގައި 2 މުއައްސަސާއެއްގެ ޕޭ ހާމަނައިޒްކުރެވިފައިވާކަމަށެވެ. މިހާރު ޖުމްލަކޮށް %46 ވަނީ ޕޭ ހާމަނައިޒްކުރެވިފައިކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މާލީ ވުޒާރާއަކީ ދައުލަތުގެ އެހެން މުއައްސަސާއެކޭ އެއްގޮތަށް ބޭރުގެ ސަރުކާރުތަކާއި އަދި ޖަމްޢިއްޔާ ޖަމާޢަތްތަކާއި ވަރަށް ބޮޑަށް ގުޅިގެން މަސައްކަތް ކުރަންޖެހޭ މުއައްސަސާއެއްކަމުން ދުނިޔޭގެ މާލީ އިދާރާތަކާއި އޮންނަ ގުޅުން ހަރުދަނާ ކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި އައިއެމްއެފް، ވޯލްޑް ބޭންކް، އޭޑީބީ ފަދަ މުއައްސަސާތަކާއި ގާތް ގުޅުމެއް ބާއްވައި އެފަރާތްތަކުން ދޭ އިރުޝާދު ބަލައި ލަފާ ހޯދައި ކަންކަން ބައްޓަންކުރަމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ. އެގޮތުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދުކުޑަކުރުމަށް ކުންފުނިތައް ރިފޯމްކުރުމަށް ކުރަމުންދާ މަސައްކަތަކީ އެ އިދާރާތުގެ ލަފައާއެކު ކުރަމުންދާ މަސައްކަތްތަކެއްކަން ވަޒީރު ފާހަގަކުރެއްވިއެވެ.