އަލަށް އުފަންވާ ކޯވިޑް19ގެ ކޮންމެ ސްޓްރެއިން (ކޮރޯނާ ވައިރަސް މިއުޓޭޓްވެގެން އުފެދޭ ވައިރަހުގެ ތަފާތު ނަކަލެއް) އަކަށްވެސް ވެކްސިން ތައްޔާރުކުރުމުގެ ގާބިލްކަން އެގައުމަށް ލިބިފައިވާކަމަށް، ރަޝިއާގެ ޗަމަކޯވް ފެޑެރަލް ސައިޓިފިކް ސެންޓަރ ފޯރ ރިސާޗް އެންޑް ޑިވެލޮޕްމަންޓް އޮފް އިމިއޫން އެންޑް ބައޮލޮޖިކަލް ޕްރޮޑަކްޓްގެ ޑިރެކްޓަރ ވިދާޅުވެއެޖެއެވެ.
"އަހަރުމެންނަށް ކުރެވުމުންދާ ތަޖުރިބާއަކީ، މިހާރު ފެންނަމުންދާ، ކޮރޯނާއި ވައިރަހުގެ ސްޓްރެއިންތައް އަސްލާ އެހާ ބޮޑުތަކުން ތަފާތެއް ނޫން. މާނައަކީ، ކޮރޯނާ ވައިރަސް މިއުޓޭޓް (ވައިރަހުގެ ޑީއެންއޭ އެތުރިފައިވާ ގޮތަށް އަންނަ ބަދަލެއް) ވަމުންދާ ސްޕީޑް އެހާ އަވަހެއް ނޫން. އެހެންނަމަވެސް، މިވައިރަސް ހަގީގަތުގައިވެސް، ސީރިއަސްކޮށް މިއުޓޭޓް ވެގެން ދިޔަޔަސްވެސް، ޕްރައިމަރީ ސްޓްރެއިންއަށް ބަދަލު ގެނެސް، ވެކްސިން އުފެއްދުމުގެ ޓެކްނޮލޮޖީއާއި ގާބިލްކަން އަހަރުމެން އަތުގައި އެބެހުރި. އެއީ އަހަރުމެންނަށް ހޯދަން ވަރަށް ފަސޭހަ ހައްލެއް،" އައިދަރު އިސްމުހަމެޓޯވް ވިދާޅުވިކަމަށް، ރަޝިއާ ސަރުކާރުގެ ނިއުސް އޭޖެންސީ ޓިއެސްއެސްއިން ރިޕޯޓު ކޮށްފައި ވެއެވެ.
ކޯވިޑް19 ބަލި ޖައްސާ، ކޮރޯނާ ވައިރަހުގެ މުޅިން އާ ސްޓްރެއިންއެއް މިހާރު ވަނީ ފެތުރެން ފަށާފައެވެ. އަދި އިގިރޭސިވިލާތުގައި މިހާރު މި ސްޓްރެއިންގެ ވައިރަސް ދަނީ ފެތުރެމުންނެވެ.
WHO އިން މައުލޫމާތު ދޭގޮތުގައި، މި ސްޓްރެއިންގެ ވައިރަހާ ގުޅުން ހުރި ކޭސްތައް އިގިރޭސިވިލާތުގެ އިތުރުން އެހެން ބައެއްމުތަކުންވެސް މިހާރުވަނީ ފެންނަން ފަށާފައެވެ. މިގޮތުން ޑެންމާކުން މި ސްޓެރެއިންއާ ގުޅުންހުރި 9 ކޭސް ފެނިފައި ވާއިރު، ނެދަރލޭންޑް އަދި އޮސްޓްރޭލިއާއިން ވަނީ ކޮންމެ ގައުމަކުންވެސް 1 ކޭސް ފެނިފައެވެ.
ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާއިން މައުލޫމާތު ދޭގޮތުގައި، ބެލެވޭގޮތުގައި އަލަށް ފެންނަން ފެށި މި ސްޓްރެއިން، އަސްލު ވައިރަހަށްވުރެ މާފަސޭހަކޮށް ގައިން ގަޔަށް ބަލި ފަތުރާދެއެވެ. އަދި މި ސްޓްރެއިން، ވައިރަސް ދެނެގަތުމަށްޓަކާ ކުރެވޭ ޓެސްޓުތަކުގެ ނަތީޖާއަށްވެސް އަސަރުކުރުވާ ކަމަށް ފާހަގަ ކުރެވިފައިވާ ކަމަށްވެސް WHO އިން މައުލޫމާތު ދެއެވެ.
އަލަށް ފެންނަން ފެށި، ކޯވިޑް19 ބަލި ޖައްސާ ކޮރޯނާ ވައިރަހުގެ މި އާ ސްޓްރެއިން އަށް ދީފައިވާ ސައިޓިފިކް ނަމަކީ، VUI 202012/01 އެވެ. VUI ގެ މާނައަކީ، "ވޭރިއަންޓް އަންޑަރ އިންވެސްޓިގޭޝަން" އެވެ.
ރަޝިއާ ސަރުކާރުގެ ނޫސް އޭޖެންސީ ޓީއޭއެސްއެސް (TASS) އިން މައުލޫމާތު ދޭގޮތުގައި، ސަރުކާރުގެ އަމާޒަކީ 2021 ވަނަ އަހަރު ނިމުމުގެ ކުރިން ރަޝިއާގެ މުޅި އާބާދީގެ %80 އަށް ކޯވިޑް19 ވެކްސިން ފޯރުކޮށް ދިނުމެވެ.
"އަހަރުމެންގެ އަމާޒަކީ، މަހެއްގެ ތެރޭގައި ވެކްސިންގެ 5-6 މިލިއަން ދޯޒު އުފައްދަމުން ދިއުން. މިއީ އަހަރުމެން އާބާދީއަށް މަހެއްގެ މައްޗަށް ބޭނުންވާ މިންވަރު. މިގޮތުން އަމާޒަކީ 2021 ނިމޭއިރު، މުޅި އާބާދީގެ %80-70 އަށް ވެކްސިން ދީ ނިންމުން. މި އަމާޒަށް ވާސިލް ވެވިއްޖެ ނަމަ، ވެކްސިން ދީގެން މިބަލި ހުންނާނީ ރަޝިއާގައި ކޮންޓްރޯލް ކުރެވިފައި،" ރަޝިއާގެ، ގަމެލެޔާ ނޭޝަނަލް ސެންޓަރ އޮފް އެޕިޑިއޮމޮލޮޖީގެ ޑިރެކްޓަރ އެލެގްޒެންޑަރ ގިންސްޓބާރގް ވިދާޅުވެފައި ވެއެވެ.
ރަޝިއާގެ ހެލްތު މިނިސްޓަރ މިޚައިލް މުރަޝްކޯ ވިދާޅުވެފައިވަނީ، އެގައުމުގެ އުމުރުން 65 އަހަރުން މަތީގެ މީހުންނަށް އަންނަ ހަފްތާއިން ފެށިގެން ވެކްސިން ދޭން ފަށާނެއެވެ.
ފާއިތު ވެދިޔަ ނޮވެމްބަރުމަހު، ރަޝިއާއިން ބުނެފައިވަނީ، އެގައުމުން އުފައްދާފައިވާ ކޯވިޑް19 ވެކްސިން Sputnik V އަކީ %95 ކާމިޔާބު ވެކްސިނެއް ކަމުގައެވެ.
އަދި ބައިނަލް އަގުވާމީ މާރކެޓުގައި، މި ވެކްސިންގެ އަގު 10 އެމެރިކާ ޑޮލަރަށްވުރެ މަތި ނުވާނެ ކަމަށްވެސް އެގައުމުން ބުނެއެވެ.