ޣައްޒާގައި ހަތިޔާރު ނެތް އާންމުންނާ ދެކޮޅަށް އިސްރާއީލު ސިފައިން ދެމުން ގެންދާ އަސްކަރީ ހަމަލާތައް ދިވެހި ސަރުކާރުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
ރޭ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ ފަލަސްތީނުގެ އެތައް ސަތޭކަ ބަޔަކު ހިމާޔަތް ހޯދަމުން ދިޔަ ރަފާ ސިޓީގެ ޓެންޓުތަކަށް ބޮން އެޅާއި، އިސްރާއީލުން ހިންގި ޖަރީމާތައް ރާއްޖެއިން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާކަމުގައެވެ.
އާންމުންނަށް އަމާޒުކޮށް ގަސްދުގައި ހިންގާ މިފަދަ ހަރުކަށި އަމަލުތަކާއި ޖަރީމާތަކަކީ ބައިނަލްއަގްވާމީ އިންސާނީ ގާނޫނާ ހިލާފު އަމަލުތަކެއް ކަމަށާއި، 24 މެއި 2024 ގައި ނެރުނު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސްގެ ހުކުމާ އެއްގޮތަށް އަމަލުކުރުމަށް ދިވެހި ސަރުކާރުން އިސްރާއީލަށް ގޮވާލާ ކަމަށާއި އަދި ރަފާގައި އިޒްރޭލުން ދެމުން ގެންދާ ހަމަލާތައް ވަގުތުން ހުއްޓާލާ، އެ ކޯޓުން މީގެ ކުރިން ނިންމި ނިންމުންތަކާއި، ގަތުލުއާންމު ހިނގިޔަ ނުދިނުމަށް އެޅެންހުރި ހުރިހާ ފިޔަވަޅުތަކެއް އެޅުމަށްވެސް މި ބަޔާނުގައި ރާއްޖެއިން ގޮވާލާފައި ވެއެވެ.
ފޮރިން މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވަނީ، ފަލަސްޠީނުގެ ރައްޔިތުންނާ އެކު ދިވެހި ސަރުކާރާއި ރައްޔިތުން އަބަދުވެސް ދެމިތިބޭނެ ކަމަށާއި، 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް ފަލަސްޠީނުގެ މިނިވަން އަދި އިސްތިޤްލާލީ ދައުލަތެއް ޤާއިމުކޮށް، ފަލަސްޠީނުގެ ވެރިރަށަކީ އިރުމަތީ ގުދުސް ކަމަށް ކަނޑައަޅައި، ފަލަސްޠީނުގެ ޤާނޫނީ ޙައްޤުތަކަށް އަބަދުވެސް ތާއީދުކުރައްވާނެކަމުގަވެސް ބަޔާނުގައި ވިދާޅުވެފައި ވެއެވެ.
އިސްރާއީލުން ޣައްޒާގެ ރަފަހައަށް ދިން މިސައިލް ހަމަލާގައި 45 މީހުން މިހާރުވަނީ ޝަހީދު ވެފައެވެ. މިގަތުލުއާންމު ދުނިޔޭގެ ގައުމުތަކުން ދަނީ ކުށްވެރި ކުރަމުންނެވެ.