ރާއްޖޭގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ދެ ރިސޯޓާއި، ހަތް ކޮމްޕިއުޓަރުން ޤައުމު ހިންގި ދުވަސް މާޒީ ވެއްޖެ ކަމުގައި ވިދާޅުވެ ޕީޕީއެމްގެ ނައިބް ރައީސް މުހައްމަދު ޣައްސާން މައުމޫންގެ ރައްދެއް ރައީސް ނަޝީދަށް ދެއްވައިފިއެވެ.
ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމަސް ތަކުރާރުކޮށް ރައީސް ނަޝީދު ދައްކަވަމުންދާ ވާހަތަކަށް އިޝާރާތް ކުރައްވައި ޣައްސާން ވިދާޅުވީ ރާއްޖޭގައި އޮންނަން ފެންނަ ނިޒާމު ކަނޑައަޅައި ނިންމާފައިވަނީ ދިވެހި ރައްޔިތުން ކަމަށެވެ. ރައްޔިތުންގެ ނިންމުމާއި އެއްގޮތަށް ޤާނޫނު އަސާސީގައި އެކަން އެކަށައެޅި ވެރިކަން ހިންގަމުންދަނީ ރައްޔިތުން ބޭނުންވި ނިޒާމުގެ ތެރެއިން ކަމަށެވެ. މިއަދު އަނެއްކާވެސް މާޒީގައި ކަންކަން ކުރެއްވި އުސޫލުން ކަންކަން އިޔާދަ ކުރެއްވުމަށް އުޅުއްވުމަކީ ރައްޔިތުން ޖާގަ ދޭނެ ކަމެއް ނޫންކަަށް ޣައްސާން ވިދާޅުވިއެވެ.
ރާއްޖޭގެ ރައްޔިތުންނަކީ މިއަދު ދައްކާހާ ކޮންމެ ވާހަކަށް ހެއްލި، ސިޔާސީ ވަކި މަންފާއެއް ހާސިލް ކުރުމަށް ކުރާ ކޮންމެ ކަމަކަށް އާބަސް ބުނާނެ ބައެއް ނޫންކަމަށް ޣައްސާން ވިދާޅުވިއެވެ.
ދިވެހި ރާއްޖޭގައި މިއޮތް ރިޔާސީ ނިޒާމަކީ ރައްޔިތުން އެގޮތަށް ނިންމެވުމުން ޤާނޫނު އަސާސީގައި އެކަށައެޅި ނިޒާމެއް. ބަދަލު ކުރުމުގެ ބާރު އޮތީވެސް ރަތްޔިތުންގެ އަތްޕުޅުގަ. ދައްކާލި ކޮންމެ ވާހަކައަކަށް ދިވެހިން ދެނެއް ނުހެއްލޭނެ. ދެ ރިސޯޓާއި، ހަތް ކޮމްޕިއުޓަރުން ޤައުމު ހިންގި ދުވަސް މާޒީ ވެއްޖެ.
– ޣައްސާން ވިދާޅުވިއެވެ.
މަޖިލީހުގެ 65 ގޮޑި އެމްޑީޕީއަށް ލިބުމާއި، މަޖިލިސް ރައީސްއަކަށް ރައީސް ނަޝީދު ކަނޑައެޅުމުން، ސަރުކާރު ކޯލިޝަންގައި ހިމެނޭ ބައެއް ބޭފުޅުންވެސް ރައީސް ނަޝީދު ނިޒާމު ބަދަލުކުރެއްވުމަށް މަސައްކަތް ކުރައްވާކަމަށް ވިދާޅުވެ ވަނީ ވާހަކަ ދައްކަވާފައެވެ. އަދި އެމަނިކުފަނު މަސައްކަތް ކުރައްމުންދަނީ ބަރުލަމާނީ ނިޒާމަކަށް ބަދަލުކޮށް ބޮޑުވަޒީރުގެ މަޤާމަށް އައުމަށްކަމަށެވެ.
ރާއްޖޭގައި ވެރިކަން ކުރާނީ ރިޔާސީ ނިޒާމަށް ކަމަށް ކަނޑައެޅީ 2007 ވަނަ އަހަރު ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކުން. ރާއްޖޭގެ ވެރިކަން ކުރާ ނިޒާމު ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމުގެ އެންމެ ރަނގަޅު ވަގުތަކީ ކޮބައިތޯ ބަލައި، އެކަން ކުރުމުގެ މަޝްވަރާތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހުއާއި ކުރައްވާނެ ކަމަށް މަޖިލިސް ރައީސް ވަނީ ވިދާޅުވެފައެވެ. ރައީސް ނަޝީދުގެ މިވާހަތަކާއި ގުޅިގެން ވަރަށް ގިނަބައެއްގެ ފާޑުކިޔުން އެމަނިކުފާނަށް އަމާޒުވިއެވެ. އެގޮތުން ކޯލިޝަންގެ އެއްބައިވެރިޔާ އަދި ޣައްސާންގެ ބައްޕާފުޅު ރައީސް މައުމޫން ވިދާޅުވެފައިވަނީ ނިޒާމު ބަދަލު ކުރުމަކީ ދެމީހަކު ވާހަކަ ދައްކައިގެން ކުރެވޭ ގޮތަށް އޮތް ނިޒާމެއް ނޫންކަމަށެވެ.
ކޮމެންޓު ފޮނުވާ