މާލޭގެ މަގަކަށް ފަލަސްތީނުގެ ނަން ދޭއިރު، އެ ނަން ކިޔަން ވާނީ ބޮޑު މަގަކަށް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް ވިދާޅުވެއްޖެއެވެ.
މައުމޫން "އެކްސް" ގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ފަލަސްތީނާ ގުޅުވައިގެން މާލޭގެ މަގަކަށް ނަން ކިއުމަކީ ފެނިވަޑައިގަންނަވާ ކަމެއް ކަމަށެވެ. އަދި އެ ނަން ކިޔަން ވާނީ އެކަށީގެންވާ ބޮޑު މަގަކަށް ކަމަށް ވެސް މައުމޫން ވިދާޅުވިއެވެ.
މާލެ ސިޓީ ކައުންސިލުން އިއްޔެ ބޭއްވި ޖަލްސާއެއްގައި މާލޭގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ މާލޭގައި އެއްވެސް ނަމެއް ނުކިޔާ ދެ މަގެއް އޮތް ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށެވެ. އެ ތަނުން މަގަކަށް ނޫނީ އެ ނޫން ވެސް މަގަކަށް "ފަލަސްތީނު ހިނގުން" ކިޔަން ފެނޭތޯ އޭނާ ހުށަހެޅުއްވިއެވެ.
"އެ ތަނުން މަގެއް ނޫނީ އެހެން މަގަކަށް ނަމަވެސް، ފަލަސްތީނަކީ އަޅުގަނޑުމެންގެ ހިތާ ވަރަށް ގުޅިފައި ހުރި ތަނެއް. އެހެންވީމަ އަޅުގަނޑުމެންގެ މަގަކަށް ފަލަސްތީނު ހިނގުން ނަމަވެސް ކިޔުން ކިހިނެއްތޯ ފެނިވަޑައިގަންނަވަނީ؟" އާޒިމް ވިދާޅުވިއެވެ.
އާޒިމް އެގޮތަށް ހުށަހެޅުއްވުމުން ގިނަ ކައުންސިލަރުން އެކަމަށް ތާއީދު ކުރެއްވިއެވެ. އެހެންވެ އެ ޖަލްސާގައި އެގޮތަށް ފާސްވެސް ވިއެވެ.
އާޒިމް ވިދާޅުވީ އެ ނަން ކިޔާނެ ތަނާއި އިތުރު މައުލޫމާތު ފަހުން ހިއްސާކުރައްވާނެ ކަމަށާއި ނަން ކިޔާނީ ރަސްމިއްޔާތަކާ އެކުގައި ކަމަށެވެ.