ސައުދީން ވެލާނާ އެއާޕޯޓު ތަރައްގީކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ސައުދީން ވެލާނާ އެއާޕޯޓު ތަރައްގީކުރަން 100 މިލިއަން ޑޮލަރުގެ ލޯނެއް ދީފި

ގުޅުންހުރި

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ހިނގަމުންދާ ތަރައްގީގެ މަޝްރޫއުތައް ނިންމުމަށް ސައުދީ ޑިވެލޮޕްމަންޓް ފަންޑުން ރާއްޖެ އަށް އިތުރު 100 މިލިއަން ޑޮލަރު (1.5 ބިލިއަން ރުފިޔާ) ގެ ލޯނެއް މިއަދު ދީފިއެވެ.

ފިނޭންސް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ސައުދީ ފަންޑުގެ ފަރާތުން ސޮއިކުރެއްވީ ސީއީއޯ ސުލްތާން ބިން އަބްދުއްރަޙްމާން އަލް މަރްޝަދެވެ. ރާއްޖޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ފިނޭންސް މިނިސްޓަރު ޑރ. މުހައްމަދު ޝަފީގެވެ.

ފިނޭންސް މިނިސްޓަރު ޝަފީގު ވިދާޅުވީ ސައުދީން މިހާތަނަށް އައިއިރު ރާއްޖޭގެ އެކި ދާއިރާތަކުން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށެވެ. އޭގެ ތެރޭގައި ސިއްހީ ދާއިރާ އާއި ހައުސިން ދާއިރާ އާއި ފިޝަރީޒް އަދި ކޮމާޝިއަލް އިންފްރާސްޓްރަކްޗާ ހިމެނޭ ކަމުގައި އޭނާ ވިދާޅުވިއެވެ. ޝަފީގު ވިދާޅުވީ 2004 ވަނަ އަހަރު ރާއްޖެ އަށް އެރި ސުނާމީ އާ ގުޅިގެން ވެސް ސައުދީން ރާއްޖެ އަށް އެހީތެރިކަން ދިން ކަމަށެވެ.

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީ ކުރުމަށް އިތުރު 100 މިލިއަން ޑޮލަރު ހަމަޖައްސައި ދިނުމުން ސައުދީ ފަންޑުގެ ބޯޑަށް ހާއްސަ ޝުކުރެއް އަދާކުރައްވާ ކަމަށް ޝަފީގް ވިދާޅުވިއެވެ. އެއާޕޯޓް ތަރައްގީ ކުރުމަށް މީގެ ކުރިން 2016 ވަނަ އަހަރު ވެސް ސައުދީ ފަންޑުން 100 މިލިއަން ޑޮލަރުގެ ލޯނެއް ދިނެވެ. މިއާ އެކުގައި އެއާޕޯޓު ތަރައްގީ ކުރަން ސައުދީން ދިން ލޯންގެ އަދަދު 200 މިލިއަން ޑޮލަރު (ތިން ބިލިއަން ރުފިޔާ) އަށް މިހާރު އަރާނެއެވެ.

ސައުދީ ފަންޑުން ފަހުން ހަމަޖެއްސި ލޯނަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އެދިވަޑައިގަތުމަކަށް މިދިޔަ އޮކްޓޯބަރު މަހު ހަމަޖެއްސި ލޯނެކެވެ.

ސައުދީ ފަންޑުގެ ސީއީއޯ ސުލްތާން ވިދާޅުވީ މި އެހީއާ އެކުގައި ސައުދީގެ އެހީގައި ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ކެޕޭސިޓީ އަހަރެއްގެ މައްޗަށް ހަތް މިލިއަން ފަސިންޖަރުންނަށް އިތުރު ކުރެވޭނެ ކަމަށެވެ. އަދި އެއާކާގޯ ހިދުމަތް ވެސް ވެގެން ދާނީ ވިޔަފާރީގެ ދާއިރާ އާއި ޓޫރިޒަމްގެ ދާއިރާއަށް ހުޅުވޭ ދޮރަކަށް ކަމުގައި އޭނާ ވިދާޅުވިއެވެ.

ސުލްތާން ވިދާޅުވީ މީގެ ކުރިން ވެސް އެއާޕޯޓު ތަރައްގީގެ މަޝްރޫއުތަކަށް އެ ފަންޑުން އެހީތެރިކަން ދީފައިވާ ކަމަށެވެ. އެގޮތުން 1978، 1981، 1992، 1999 އަދި 2016 ވަނަ އަހަރު އެއާޕޯޓު ތަރައްގީ ކުރުމަށް އެހީ ތެރިކަން ފޯރުކޮށްދީފައިވާ ސުލްތާން ފާހަގަ ކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ