އެއަރޕޯޓު ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު މިއަހަރު އާމްދަނީއަށް %11 ގެ ކުރިއެރުމެއް ލިބިފައިވާކަމަށް ފިނޭންސް މިނިސްޓްރީން އާންމުކުރި ތަފާސް ހިސާބުތަކުން ދައްކައިފިއެވެ.
ފިނޭންސް މިނިސްޓްރީން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިޔަ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް އޭޑީއެފް އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބުނު އާމްދަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ވަނީ 11.2 އިންސައްތަ އިތުރުވެފަ އެވެ. މިދިޔަ އަހަރުގެ އެ މުއްދަތުގައި އޭޑީއެފް އާއި ޑިޕާޗާ ޓެކުހުގެ ގޮތުގައި ދައުލަތަށް ލިބިފައި ވަނީ 633.3 މިލިއަން ރުފިޔާ އެވެ.
އެހެންނަމަވެސް
ދައުލަތުގެ ބަޖެޓުގައި ހިމަނާފައިވާ ގޮތުން، މި އަހަރު އޭޑީއެފްގެ ގޮތުގައި އެއް ބިލިއަން ރުފިޔާ އަދި ޑިޕާޗާ ޓެކުހުގެ ގޮތުގައި އެއް ބިލިއަން ރުފިޔާ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކޮށްފައި ވެއެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ ނަގަމުން އައި ގޮތަށް ބަދަލު ގެނައުމުގެ އިތުރުން އެއާޕޯޓް ސާވިސް ޗާޖު އުވާލުމަށްފަހު ޑިޕާޗާ ޓެކްސް ނަގަން ފަށާފައި ވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ އެއްވަަނަ ދުވަހުން ފެށިގެންނެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި އެއާޕޯޓް ސާވިސް ޗާޖުގެ ގޮތުގައި ދިވެހީންގެ އަތުން 12 ޑޮލަރު އަދި ބިދޭސީންގެ އަތުން 25 ޑޮލަރު ނަގަމުން އައި ނަމަވެސް ގެނައި ބަދަލާ އެކު އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އާއި ޑިޕާޗާ ޓެކްސް ނަގަމުން ދަނީ އެ މީހަކު ދަތުރުކުރާ ކްލާހަކަށް ބެލުމަށް ފަހުގަ އެވެ.
އެއާޕޯޓް ޑިވެލޮޕްމަންޓް ފީ އަދި ޑިޕާޗާ ޓެކްސް ނަގަމުންދަނީ:
- އިކޮނޮމީ ކްލާހުން ދަތުރުކުރާ – ދިވެހިންގެ އަތުން 12 ޑޮލަރު
- އިކޮނޮމީ ކްލާހުން ދަތުރުކުރާ – ބިދޭސީންގެ އަތުން 30 ޑޮލަރު
- ބިޒްނަސް ކްލާހުން ދަތުރުކުރާ – ދިވެހީންނާއި ބިދޭސީންގެ އަތުން 60 ޑޮލަރު
- ފަސްޓް ކްލާހުން ދަތުރުކުރާ – ދިވެހީންނާއި ބިދޭސީންގެ އަތުން 90 ޑޮލަރު
- ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ – ދިވެހީންނާއި ބިދޭސީންގެ އަތުން 120 ޑޮލަރު
ޑިޕްލޮމެޓިކް އިމިއުނިޓީ ލިބިފައިވާ މީހުންނާއި ޓްރާންސިޓް ފަސިންޖަރުންގެ އިތުރުން އުމުރުން ދެ އަހަރު ފުރިހަމަ ނުވާ ކުޑަކުދިންގެ އަތުން ޑިޕާޗާ ޓެކުހެއް ނުނަގާނެ އެވެ.