ފޮރިން މިނިސްޓަރ މޫސާ ޒަމީރު އިންޑިއާއަށް ވަޑައިގެންފިއެވެ.
މިނިސްޓަރ ޒަމީރު މިމަހުގެ 8 އިން 10 އަށް އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި މާދަމާ އިންޑިއާގެ އެކްސްޓާރނަލް އެފެއާޒް މިނިސްޓްރ ޑރ. ޖައިޝަންކަރުއާއ ބައްދަލުުކުރައްވާނެއެވެ.
މި ބައްދަލު ކުރެއްވުން ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ މެންދުރު 12:30 ގައެވެ.
މި ބައްދަލުވުމުގައި ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ޒަމާންވީ ގުޅުން އިތުރަށް ބަދަހިކޮށް ފުޅާކުރުމާ ބެހޭ ގޮތުން މަޝްވަރާ ކުރައްވާނެއެވެ.
މިއީ ފޮރިން މިނިސްޓަރު ޒަމީރު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އިންޑިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.
މިއީ ރައީސް ޑރ. މުހައްމަދު މުއިއްޒު މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެމަނިކުފާނުގެ ސަރުކާރުގެ އިސް ބޭފުޅަކު އިންޑިއާ އަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރެވެ.
މީގެކުރިން ރާއްޖޭގެ ވެރިކަމަށް ވަޑައިގަންނަވާ ރައީސަކު އެންމެ ފުރަތަމަ ފުރަމާނަ ދަތުރުފުޅު ކުރައްވަނީ އިންޑިއާ އަށެވެ. އެކަމަކު، ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގަތުމަށް ފަހުގައި ފުރަމާނަ ދަތުރުފުޅެއް އެންމެ ފުރަތަމަ ކުރެއްވީ ޗައިނާއަށެވެ.
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ޗައިނާއާ ހާއްސަ ގުޅުމެއް ބާއްވަމުން އަންނާތީ އިންޑިއާގެ މީޑިއާތަކުން އަންނަނީ އެކަމަށް ފާޑު ކިޔަމުންނެވެ.
ރައީސް މުއިއްޒުގެ އެންމެ ބޮޑު އެއް ވައުދަކީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން ބޭލުމެވެ. އެ ވައުދު އެމަނިކުފާނު ގެންދަވަނީ ފުރިހަމަ ކުރައްވަމުންނެވެ. އެގޮތުން ރާއްޖޭގެ ދެ ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިން ރާއްޖެ އިން ވަނީ ފޮނުވާލައިފައެވެ. ބާކީ ތިބީ އެންމެ ސަރަހައްދެއްގައި ގާއިމުވެ ތިބި އިންޑިއާ ސިފައިންނެވެ. އެ ސިފައިންތައް ވެސް މި މަހުގެ 10 ގެ ކުރިން ރާއްޖެ އިން ފައިބާނެ ކަމަށް ސަރުކާރުން ހާމަކުރެއެވެ.