ޑެންގީ ހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓް ކޮށްގެން ފަރުވާ ދެނީ

ޑެންގީ ހުން ޖެހިގެން 6 ކުއްޖަކު އެޑްމިޓް ކޮށްގެން ފަރުވާ ދެނީ

ގުޅުންހުރި

ޑެންގީހުން ޖެހިގެން 6 ތުއްތު ކުއްޖަކު އައިޖީއެމްއެޗްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށާފައި ވާކަން އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޚާއްސަ ޑޮކްޓަރު އަހުމަދު ފައިސަލް ހާމަ ކޮށްފިއެވެ.

އޭނާ ވިދާޅުވީ ޑެންގީއަކީ މަދިރިން ފެތުރޭ ބައްޔެއް ކަމަށާއި، ހުމުގެ ކޭސްތައް ގިނަވެފައިވާ ކަމަށެވެ. މިފަހުން ކޮންމެ ދުވަހަކު ވެސް ޑެންގީހުން ޖެހިގެން ޑޮކްޓަރަށް ދެއްކުމަށް ގެންދާ ކުޑަ ކުދިންގެ އަދަދު ގިނަ ކަމަށްވެސް އޭވި ދާޅުވެފައި ވެއެވެ.

އޭނާ ވިދާޅުވީ ޑެންގީހުން ޖެހިގެން 6 ކުއްޖަކަށް ފަރުވާ ދެމުންދާ ކަމަށާއި، މިއީ ފުރާނައަށް ނުރައްކާވެދާނެ ބައްޖެއްކަން ހަނދާން ނައްތާލައިގެން ނުވާނެ ކަމުގައެވެ.

އަދި މަދިރިން ރައްކާތެރިވުމަށް އޭނާ އިލްތިމާސް ކޮށްފައި ވެއެވެ.

ބަލިން ރައްކާތެރިވުމަށް ކުރެވޭނެ ބައެއް ކަންކަން:

  • ހަށިގަނޑު ރަނގަޅަށް ނިވާގޮތަށް ހެދުން އެޅުން
  • މަދިރި ލޯޝަން، ސްޕްރޭ، ރެޕެލެންޓް ބޭނުންކުރުން
  • ފަތިސްވަގުތާއި އިރު އޮއްސޭ ވަގުތު ގޭގެ ދޮރުތަކާއި ކުޑަ ދޮރުތައް ލައްޕާފައި ބެހެއްޓުން (މަދިރި އިތުރުވާ ވަގުތެއް)
  • ޑެންގީފަތުރާ މަދިރި އާލާވާ ތަންތަން ނައްތާލުން (ގެއާއި ގޯތިތެރެ، މީހުން ދިރިއުޅޭ ސަރަޙައްދުތަކުގައި ހުންނަ ފެންހަރުލާ ޒާތުގެ ތަންތަން)

މަދިރި އާލާވުން މަދުކުރުމަށް ގޭތެރޭގައި ފެނުގައި ހައްދާގަސް، ތަށި ޓްރޭފަދަ ފެންހަރުލާ ތަންތަން ސާފުކުރުމާއި ގޯތިތެރޭގައި ހުންނަ ގަސްމުށި، ފެންތާނގީފަދަ ތަކެތި ސާފުކުރުން މުހިންމެވެ. އާންމު ތަންތަނަށް ހުސްފުޅިއާއި ދަޅުފަދަ ފެންހަރުލާ ތަކެއްޗާއި ކޮންސްޓްރަކްޝަން މަސައްކަތް ކުރުމަށް ގެންގުޅޭ ފެންހަރުލާ ތަކެތި އުކާ ނުލުން ވަރަށް މުހިންމެވެ.

ބައްޔާމެދު ސަމާލުކަން ދޭންވީ ކަންކަމުގެ ތެރޭގައި 03 ދުވަހަށްވުރެ ގިނައިން ހުން އަންނަނަމަ، ނުވަތަ ޑެންގީގެ ނުރައްކާތެރި އަލާމާތްތައްކަމަށްވާ ކުޑަކަމުދެވޭ މިންވަރު މަދުވުމާއި އާދަޔާ ޚިލާފަށް ވަރުދެރަވުމާއި ބަނޑުގައި ރިއްސުންފަދަ ކަމެއް ފެނިއްޖެނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުން ވަރަށް މުހިންމެވެ.

ގޭތެރޭގައި ދެވިދާނެ ބައެއް ފަރުވާ:

  • އަރާމުކުރުން. މީގެ ސަބަބުން ބަލި ފަސޭހަވުން އަވަސް ވުމާއިއެކު ބަލި ފެތުރުމުން ރައްކާތެރިކޮށްދޭ
  • ގިނަގިނައިން ދިޔާ އެއްޗެހި ބުއިން (ލޮނު ޕެކެޓު، ކުރުނބާ، ސޫޕް ފަދަ ތަކެތި)
  • ހުން އައިސް ގައިގައި ރިއްސާނަމަ ގަޑިންގަޑިއަށް ޕެރަސެޓަމޯލް ކެއުން
  • ހާލަތު މާބޮޑަށް ދެރަވާނަމަ ޑޮކްޓަރަށް ދެއްކުން

ޑެންގީގެ އިތުރުން އަރިދަފުސް ރޯގާއާއި ބޭރަށްހިންގުމާއި ހޮޑުލެވޭ ރޯގާވެސް ވަނީ މިދުވަސްވަރު އިތުރުވެފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *

ފަހުގެ