ދިވެހިރާއްޖެއިން މަރާލާފައިވާ 2 ނޫސްވެރިންނާއި، ފަލަސްތީނުގެ ގައްޒާއިން މަރާލާފައިވާ އެތަކެއް ނޫސްވެރިންނަށް އިންސާފު ނުލިބި ހޭދަވާ ކޮންމެ ދުވަހަކީވެސް، މުޅިދުނިޔޭގެ ނޫސްވެރިކަމަށްވެސް ލިބޭ އިއާދަނުކުރެވޭ ބޮޑު ގެއްލުމެއްކަމުގައި މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ)ގެ ރައީސް އަޙްމަދު މުސްތަފާ މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަ ކުރެވެމުންދާ ނޫސްވެރިކަމުގެ މިނިވަންކަމުގެ ދުވަހުގެ މުނާސަބަތުގައި އެމްއެމްސީގެ ރައީސް ދެއްވި ޚިޡާބުގައި ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދިވެހިރާއްޖޭގެ ޤާނޫނުއަސާސީއިން ކަށަވަރުކޮށްދީފައިވީނަމަވެސް، ނޫސްވެރިންނާއި މީޑިއާތަކަށް އަބަދުވެސް ގިނަގުނަގޮންޖެހުންތައް ކުރިމަތިވަމުންދާކަމަކީ ފެންނަން އޮތް ހަޤީޤަތެއް ކަމުގައެވެ.
އެގޮތުން، ޤާނޫނީގޮތުންނާއި، އެހެނިހެން ގޮތްގޮތުން ދިމާވާ އެކިއެކި ހުރަސްތަކާއި، ނޫސްވެރިންނަށް އަނިޔާކުރުމާއި، ފުރައްސާރަކޮށް އިންޒާރުދިނުންފަދަ ކަންކަން ހުއްޓާލައިގެން މެނުވީ ޑިމޮކްރަސީގެ މި މުހިންމު އަސާސް ޤައުމުގައި ނޯންނާނެކަން އެންމެންވެސް ގަބޫލުކުރަންޖެހޭ ކަމުގައި އެމްއެމްސީގެ ރައީސްގެ ޚިޡާބުގައި ވިދާޅުވެފައިވެއެވެ.
އެގޮތުން ބަވަނަވެފައިވާ މިދުނިޔޭގައި ނޫސްވެރިކަމަށް އިންޤިލާބީ ބަދަލުތަކެއް ވަނީ އައިސްފައިވާކަން ފާހަގަ ކުރައްވަމުން މުސްތަފާ ވިދާޅުވީ، މީސްމީޑިއާ އާއި އާޓިފިޝަލް އިންޓެލިޖެންސްގެ ސަބަބުން ނޫސްވެރިކަމަށް ވަނީ ވަރަށް ބޮޑު ކުރިއެރުމެއް ލިބިފައިވާކަމުގައެވެ.
އެއާއެކުވެސް ސަމާލުކަން ދޭންޖެހޭ އެންމެ ބޮޑު އެއްކަމަކީ ނޫސްވެރިންނާއި މީޑިއާގެ ވަސީލަތްތަކުން ފަތުރާ ޚަބަރާއި މައުލޫމާތަކީ، ނުފޫޒުން އެއްކިބާވެފައިވާ ސައްޙަ ތެދު މައުލޫމާތުކަމުގައި ވުންކަމަށް ވިދާޅުވަމުން މުސްތަފާ ވިދާޅުވީ، ޤަބޫލްކުރަން ޖެހޭ ޙަޤީގަތަކީ ނޫސް އިދާރާތަކުގެ މާލީ މިނިވަންކަން އޮންނަ މިންވަރެއްގެ މައްޗަށް އެމީޑިއާތަކުގެ މިނިވަންކަން ބަރޯސާ ކުރަންޖެހޭ ޙާލަތު ކޮންމެވެސް މިންވަރަކަށް ތަޖްރިބާ ކުރަންޖެހޭކަމެއް ކަމުގައެވެ.
މިކަމަށް ދައުލަތުގެ ހުރިހާ ބާރުތަކަކުން ޚާއްޞަ ނަޒަރިއްޔާތެއް ބެހެއްޓުން މުހިންމުކަމުގައި އޭނާ ވިދާޅުވިއެވެ.