ފުލުހުންގެ އިދާރާގެ ސިވިލް މުވައްޒަފުންގެ މުސާރަ ޖޫންމަހު ބޮޑުވާނެކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން ވިދާޅުވެއްޖެއެވެ.
މިނިސްޓަރ މިފަދައިން ވިދާޅުވީ ރޭ ކުރިއަށްދިޔަ 'އަހާ' ފޯރަމްގައި އާންމުންގެ މީހަކު ކުރި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
މިނިސްޓަރ އިހުސާން ވިދާޅުވީ، ސަރުކާރުން ދިވެހި ފުހުލުންގެ ހިދުމަތުގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންގެ އަގު ވަޒަންކުރާކަމަށެވެ. އަދި، އިރާދަކުރެއްވިއްޔާ އެ މުވައްޒަފުންގެ މުސާރަ އަންނަ ޖޫން މަހުން ފައްޓައިން ބޮޑުވާނެކަމަށް ވަޒީރު ވިދާޅުވިއެވެ.
އިރާދަކުރެއްވިއްޔާ މި ބަލަނީ ޖޫންމަހުގައި ލިބޭ މުސާރައިގައި އެ ބަދަލު އަންނާނެ ކަމަށް.
އަދި މުސާރަ ބޮޑުކުރުން ފަދަ ކަންކަން ކުރެވެން އޮންނަނީ ދިވެހިރާއްޖޭގެ އިގުތިސާދު ކުރިއަރަމުންދާ މިންވަރަކުން ކަމުގައިވާއިރު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާއި ހަވާލުވެވަޑައިގައިން އިރު ދައުލަތުގެ މާލީ ހާލަގު އޮތީ މީގެ ކުރިން ދުވަހަކުވެސް ނުދާހާ ދަށަށް ގޮސްފައިކަން ވަޒީރު ފާހަގަ ކުރެއްވިއެވެ.
ވެރިކަން ބަދަލުވެގެންއައި އިރު ދައުލަތުގެ އެތައް ކުންފުންޏެއް އޮތީ ދަރާ ވިކިފައެވެ. އަދި ބޭރު ގައުމުތަކަށް ގިނަ އަދަދެއްގެ ފައިސާ ދައްކަން ޖެހިފައިވެއެވެ.
ރޭގެ އަހާ ފޯރަމްގައި ވާހަކަފުޅު ދައްކަވަމުން އިހުސާން ވިދާޅުވީ، ދިވެހި ފުލުހުންނަކީ ދިވެހިރާއްޖޭގެ އަމާންކަމަށް މުހިންމު ރޯލެއް އަދާކުރާ ބަޔަކަށްވާއިރު، އެ އިދާރާގައި މަސައްކަތްކުރާ ސިވިލް މުވައްޒަފުންނާއި ނުލާ ދިވެހިން އެދޭ އަމާންކަން ހާސިލް ނުވާނެކަމަށެވެ.
ކޮމެންޓު ފޮނުވާ