ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކޮށްގެން ސަރުކާރުން ދޫކުރުމަށް ހަމަަޖައްސާފައިވާ 'ކަނޑުފަޅުގެ ނަފާ' ލުއި ލޯނު ސްކީމަށް ހުށަހެޅުމުގެ ފަހު ތާރީޚަކީ މާދަމާކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފިއެވެ.
ފިޝަރީޒް މިނިސްޓްރީން ބުނެފައިވަނީ ކަނޑުފަޅުގެ ނަފާ ލޯނަށް ހުށަހެޅުމުގެ މުއްދަތު އެޕްރީލް މަހުގެ 30 ވަނަ ދުވަހަށް ހަމަވާނެކަމަށެވެ. މި ލޯނަށް އެސްޑީއެފްސީގެ ޕޯޓަލް މެދުވެރިކޮށް އެޕްލައިކުރެވޭ އިރު މި ލޯނު ސްކީމުގެ ދަށުން 700،000 ރުފިޔާއާއި ހަމައަށް ދޫކުރާނެއެވެ.
މި ލުއި ލޯނަކީ އެއްވެސް ރަހުނަކާ ނުލާ 7 ލައްކަ ރުފިޔާއާ ހަމައަށް ފައިސާ ދޫކުރާގޮތަށް ދޫކުރާ ލޯނެކެވެ. މީގެ ކުރިން މިލޯން ދޫކުރަމުން އައީ ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާއާ ހަމައަށެވެ.
މި ލޯނު ތައާރަފްކުރުމަށް ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ޝިޔާމް ވިދާޅުވީ ލުއި ލޯނުގެ ސަބަބުން، ރާއްޖޭގައި ވަރަށް ފުޅާދާއިރާއެއްގައި ކުރަމުން އަންނަ ފަރު މަސްވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް ވަރަށްބޮޑު ލުޔެއް ލިބިގެންދާނެ ކަމުގައެވެ. އަދި އެއީ ސަރުކާރުން ވަރަށް ބޮޑު އެހީތެރިކަމެއް ފޯރުކޮށްދޭންޖެހޭ ސިނާއަތެއްކަމަށްވެސް ޝިޔާމް ވިދާޅުވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ، މި ހުޅުވާލެވޭ ފުރުސަތާ އެކީގައި މިފަދަ ކުދި އައިސްޕްލާންޓްތަކަށް ވެސް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިލޯންގެ އެހީތެރިކަން ލިބިގެންދާނެ ކަމަށެވެ.
މީ ވަރަށް ލުއިކޮށް ދޫކުރެވޭ ލޯނެއް. ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކުރެވޭ ލޯންގައި ކުރިން ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާ މިއޮތީ. ނަމަވެސް މިފަހަރު ފަރުމަސްވެރިކަމަށް މި ހުޅުވާލެވޭ ލޯނުގައި 7 ލައްކަ ރުފިޔާއާ ހިސާބަށް ރަހުނެއް ނުބަހައްޓާ ލޯން ލިބުމުގެ ފުރުސަތު.
ޝިޔާމް ވިދާޅުވި އެވެ.
މި ލޯނު 10 އަހަރަށް ބަހާލައިގެން ދެެއްކޭއިރު ލޯނުގެ ގްރޭސް ޕީރިއަޑަކީ 06 މަސް ދުވަހެވެ. ލޯނުގެ އިންޓްރެސްޓް ރޭޓަކީ އަހަރަކު 50 ޕަސެންޓެވެ.