މަޖިލިހުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

މަޖިލިހުގެ 33 ޕަސެންޓް އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓް އަންހެނުންނަށް ހާއްސަކުރުމަށް ގާނޫނުއަސާސީއަށް އިސްލާހު ހުށަހަޅައިފިއެވެ.

ގާނޫނު އަސާސީއަށް މި އިސްލާހު ހުށަހެޅީ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމްއެވެ. މަޖިލިހުގެ މިއަދުގެ ޖަލްސާގައިވަނީ މި ބިލުގެ ފުރަތަމަ ކިއުން އިއްވާފައެވެ.

ރޮޒައިނާ އިސްލާހު ހުށަހެޅުއްވީ ގާނޫނު އަސާސީގެ 71 ވަނަ މާއްދާގެ (ށ)ގެ ފަހަތަށް އަކުރުތަކެއް އިތުރު ކުރުމަށެވެ. އެއިސްލާހުގައި ވަނީ މަޖިލީހުގެ މެންބަރުންގެ އަދަދުގެ ތެރެއިން 33 ޕަސަންޓް ހާއްސަކުރަންވާނީ އަންހެނުންނަށް ކަމަށާއި އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅަންވާނީ ގުރުއަތުލައިގެން ކަމަށެވެ.

އިސްލާހުގައިވާ ގޮތުން އަންހެން މެމްބަރުން އިންތިހާބުކުރާނެ ދާއިރާތައް ކަނޑައަޅާނީ ހަމަހަމަވާނެ އުސޫލަކުން ދައުރުވަމުންދާ ގޮތަށެވެ. އަދި މި އުސޫލު ކަނޑައަޅާނެ ގޮތް ގާނޫނަކުން ބަޔާންކުރަންވާނެ ކަމަށްވެސް އިސްލާހުގައި ބުނެފައިވެއެވެ.

އަދި މިގާނޫނަށް އަމަލުކުރަން ފެށުމަށްފަހު ބާއްވާ ފުރަތަމަ މަޖިލިސް އިންތިޚާބު ބާއްވަންވާނީ މި އިސްލާހުގައި ބުނެފައިވާ ގާނޫނާއި އެއްގޮތަށްކަމަށްވެސް އިސްލާހުގައި ބުނެފައި ވެއެވެ.

މި ބިލު ހުށަހެޅުމުގެ ބޭނުމަކީ ރައްޔިތުންގެ މަޖިލީހަށް އިންތިހާބުވާ މެމްބަރުންގެ ތެރޭގައި އަންހެނުންގެ ހިއްސާ ކަށަވަރުކުރުމަށާއި ރައްޔިތުންގެ މަސްލަހަތާއި ގައުމީ މަސްލަހަތު ހިމާޔަތްކުރުމުގައި އަންހެނުންގެ ދައުރު އިތުރުކޮށް ގައުމުގެ މުހިންމު ނިންމުންތަކުގައި އަންހެނުންގެ ބަސް ހިމެނުމަށާއި ރައްޔިތުންގެ މެދުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް ސިޔާސީ މައިދާނުގައި އަންހެނުންނަށް ފުރުސަތުތަކެއް ހުޅުވާލަދީ ސިޔާސީ މައިދާނުގައި އަންހެނުންގެ ނިސްބަތް އިތުރުކުރުން ކަމަށް ފާހަގަކޮށްފައިވެ އެވެ.

ރައްޖޭގެ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވާ އަންހެން މެމްބަރުންގެ މަދުކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން 19 މަޖިލިހަށް އެންމެ 4 މެމްބަރުން އިންތިޚާބުވިއިރު 20 ވަނަ މަޖިލީހަށް އިންތިޚާބުވެފައިވަނީ އެންމެ 3 މެމްބަރުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *