މަނަދޫ، މުލި އަދި އަލިފުށީގައި އާ ހޮސްޕިޓަލް ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި

މަނަދޫ، މުލި އަދި އަލިފުށީގައި އާ ހޮސްޕިޓަލް ހަދަން އެމްޓީސީސީ އާއި ހަވާލުކޮށްފި

ރ. އަލިފުށި، މަނަދޫ އަދި މުލީގައި އާ ހޮސްޕިޓަލް ހަދަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އާ 498 މިލިއަން ރުފިޔާއަށް ހަވާލުކޮށްފިއެވެ.

މުލި ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އަހުމަދު ގާސިމެވެ. މަނަދޫ ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު އިސްމާއިލް އަބްދުﷲ އެވެ. އަދި ރ. އަލިފުށި ހޮސްޕިޓަލްގެ އެއްބަސްވުމުގައި ހެލްތް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރު ހަދީޖާ އަބްދުއްސަމަދު އަބްދުﷲ އެވެ.

އެ ތިން ހޮސްޕިޓަލްގެ އެއްބަސްވުމުގައި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

ހެލްތް މިނިސްޓްރީން ބުނި ގޮތުގައި މުއްޔާއި މަނަދޫގައި ހަދާނީ 50 އެނދުގެ ހޮސްޕިޓަލެކެވެ. އެ ދެ ހޮސްޕިޓަލްގެ މަސައްކަތް ޖުމުލަ 370 މިލިއަން ރުފިޔާއަށް އެމްޓީސީސީއާ ހަވާލުކުރީ ދެ އަހަރު ދުވަހުގެ ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށް ބުންޏެވެ.

އަލިފުށީގައި ހަދާ 30 އެނދުގެ ހޮސްޕިޓަލްގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކުރީ 128 މިލިއަން ރުފިޔާއަށް ދެ އަހަރު ތެރޭގައި މަސައްކަތް ނިންމާ ގޮތަށް ކަމަށް މިނިސްޓްރީން ބުނެއެވެ.

ހެލްތް މިނިސްޓްރީން ބުނީ، އެ ތިން ހޮސްޕިޓަލްވެސް ހަދާނީ ކޮވިޑް ފަދަ ބަލިތަށް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕަރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭނެ ގޮތަށް ފްލޫ ކްލިނިކާއި އައިސޮލޭޝަން ފެސިލިޓީއެއް ހިމަނައިގެން ކަމަށެވެ. އަދި ހޮސްޕިޓަލުތަކުގެ ކަރަންޓު ހަރަދުތައް ކުޑަކުރުމަށް، ކޮންމެ ހޮސްޕިޓަލެއްގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރާނެ ކަމަށްވެސް ބުންޏެވެ.

އޭގެ އިތުރުން އެ ހޮސްޕިޓަލުތަކުގެ ހުރިހާ އެނދަކަށް ޕައިޕްޑް އޮކްސިޖަން، މެޑިކަލް އެއާ އަދި ސަކްޝަން އަޅާނެ ކަމަށްވެސް މިނިސްޓްރީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *