ލަންޑަންގައި ގާއިމްވެފައި ހުންނަ، ދުނިޔޭގެ އެކިގައުމުތަކަށް ފައިސާ ފޮނުވައިދޭ މަޝްހޫރު ޓްރާންފަރވައިސް އިން ރާއްޖެއަށް ފައިސާ ޓްރާންސްފަރ ކޮށްދިނުން ހުއްޓާލާއިފިއެވެ.
ޓްރާންފަރވައިސްއަކީ، އިގިރޭސިވިލާތުގައި ގާއިމްވެފައިވާ، 2011 ވަނަ އަހަރު އުފެދުނު، އޮންލައިން މަނީ ޓްރާންފަރ ސާވިސްއެކެވެ. މި ސާވިސްއިން އެމެރިކާ ޑޮލަރު، ޕައުންޑް، ޔޫރޯ، އޮސްޓްރޭލިއަން ޑޮލަރުގެ އިތުރުން ކެނޭޑިއަން ޑޮލަރު، ތަފާތު 750 ކަރަންސީ ރޫޓެއް ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކަށް ފޮނުވާދިނުމުގެ ޚިދުމަތް ފޯރު ކޮށްދެއެވެ.
2018 ވަނަ އަހަރު ޓްރާންފަރވައިސްގެ ނެޓް ޕްރޮފިޓް 8 މިލިއަނަށް ޑޮލަރަށް އަރާފައިވާއިރު، މި ޕްލެޓްފޯމު ބޭނުންކުރާ ކަސްޓަމަރުންގެ އަދަދު 4 މިއަނަށް ވަނީ އަރައިގެން ގޮސްފައެވެ. އަދި މި ސާވިސްއިން އެވްރެޖްކޮށް މަހަކު 4 ބިލިއަން ޑޮލަރުގެ ޓްރާންސްފަރ ދުނިޔޭގެ އެކި ގައުމުތަކަށް ކުރެއެވެ.
ޓްރާންސްވައިސް އަކީ އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކޮށްދޭ އޮންލައިން ޕްލެޓްފޯމުތަކުގެ ތެރެއިން، ދުނިޔޭގައި އެންމެ އަގުހެޔޮކޮށް އެއްގައުމުން އަނެއްގައުމަށް ފައިސާ ފޯރުކޮށްދޭ އެއް އޮންލައިން ޕްލެޓްފޯމެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ޓްރާންސްފަރވައިސްއިން ރާއްޖެއަށް ފައިސާ އޮންލައިންކޮށް ޓްރާންސްފަރ ކޮށްދިނުމުގެ ޚިދުމަތް ހުއްޓާލީ، އެ ޚިދުމަތް ބޭނުންކޮށްގެން ޓްރާންސްފަރ ކުރާ ފައިސާ ކަސްޓަމަރުންނާއި ހަމައަށް ފޯރާ މުއްދަތު ދިގުވެ ކަސްޓަމަރުންގެ ޝަކުވާތައް އިންތިހާއަށް އިތުރުވެގެން ދިއުމާގުޅިގެންނެވެ. އަދި ފާއިތުވި މުއްދަތުގައި މިމައްސަލައަށް އެދެވޭ ހައްލެއް ލިބިގެން ގޮސްފައި ނުވާތީއެވެ.
ކޯވިޑް19 އަށްފަހު ރާއްޖޭގެ އިގްތިސާދީ ހާލަތަށް އައި ބަދަލާއެކީ، ޑޮލަރުގެ ދާށިކަން އިންތިހާއަށް އިތުރުވެ، ވިޔަފާރިވެރިންނަށްވެސް ވަނީ ޑޮލަރު ލިބުން ދަތިވެފައެވެ. އަދި ބްލެކްމާކެޓްގައި ޑޮލަރުގެ އަގު އިންތިހާއަށް އުފުލިގެން ދިއުމަށްފަހު، އަދިވެސް ޑޮލަރުގެ އަގަށް އެދެވޭ ހެޔޮ ބަދަލެއް އައިސްފައެއް ނުވެއެވެ.
އެހެންނަމަވެސް، އެމްއެމްއޭއިން ބުނެފައިވަނީ، ވިޔަފާރިވެރިންނަށް ޑޮލަރު ލިބުމުގައި އެއްވެސް ދައްޗެއް ފޯރާމުން ނުދާނެ ކަމަށެވެ.
ޑޮލަރުގެ ތާށިކަން އިންތިހާއަށް ބޮޑުވެގެން ދިއުމާގުޅިގެން، އަދި ކަޅު ބާޒާރުގައި ކުރެވޭ ޑޮލަރުގެ ވިޔަފާރި ހުއްޓުވުމަށްޓަކާ ޑޮލަރުން ރާއްޖެއިން ބޭރުން އަންނަ ޕޭމަންޓުތައް ދިވެހިފައިސާއިން ލިބޭގޮތަށް އުސޫލު ބަދަލު ކުރުމުގެ އިތުރުން ބޭންކް އޮފް މޯލްޑިވްސްއިން ވަނީ ކްރެޑިޓް ކާޑުން ރާއްޖެއިން ބޭރުގައި ކުރެވޭ ވިޔަފާރީގެ އަދަދުވެސް ލިމިޓް ކޮށްފައެވެ.
ކޯވިޑް-19ގެ ސަބަބުން ރާއްޖޭގެ ބޯޑަރުތައް ބަންދުކޮށް އިޤްތިޞާދު ހުއްޓުމަކަށް އައުމުގެ ސަބަބުން އެމްއެމްއޭގެ ޔޫސެބަލް ރިޒާވަށް ވަނީ ވަރަށް ބޮޑު ނޭދެވޭ އަސަރެއްކޮށްފައެވެ. މިގޮތުން، ފާއިތުވި 5 އަހަރަށް ބަލާއިރުވެސް ރާއްޖޭގައި ޔޫޒަބަލް ރިޒާވް އެންމެ ބޮޑަށް ދަށްވެފައިވަނީ މިއަހަރުގެ ޖުލައިމަހުއެވެ.
މަރުކަޒީ ބޭންކު (އެމްއެމްއޭ) އިން ޢާންމުކޮށްފައިވާ ތަފާސް ހިސާބުތައް ދައްކާގޮތުން މިއަހަރުގެ އޯގަސްޓްމަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ޔޫޒަބަލް ރިޒާވް ނުވަތަ ބޭނުންކުރެވޭ ރިޒާވްގައި 122 މިލިއަން ޑޮލަރު ހުރިކަމުގައިވި ނަމަވެސް، ޖެހިގެން އައިމަހު ޔޫޒަބަލް ރިޒާވަށް %37ގެ ކުރިއެރުމެއް އައިސްފައި ވެއެވެ.
ރާއްޖޭގެ ރިޒާވް މެނޭޖުކުރުމަށްޓަކައި އެމްއެމްއޭއިން ގިނަ ފިޔަވަޅުތަކެއް އަޅަމުންދާ ކަމަށް އެމުއައްސަސާއިން ބުނަމުން އައިނަމަވެސް، އިގްތިސާދީ ބޭނުންތަކަށް ޑޮލަރު ލިބުމާއި އަދި ރާއްޖެއިން ބޭރުން ކުރަންޖެހޭ ޑޮލަރުގެ މުއާމަލާތްތަކަށް ކުރިމަތިވަމުންދާ ދަތިތަކުގެ ސަބަބުން ވިޔަފާރިވެރިންގެ ކަންބޮޑުވުންތަކާއި ޝަކުވާތައް އިންތިހާއަށް ވަނީ ގިނަވެފައެވެ.
ބޭންކުތަކަށް ޑޮލަރު ވިއްކުމުގައި މިހާރު އެންމެބޮޑު އިސްކަމެއް ދެނީ ޒަރޫރީ ބޭނުންތަކަށް ޑޮލަރު ފޯރުކޮށްދިނު ކަމަށް އެފަރާތްތަކުން މައުލޫމާތު ދެއެވެ.