ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ރަށަކީ މާލެ

ފާއިތުވި 24 ގަޑިއިރު އެންމެ ގިނައިން ވާރޭ ވެހުނު ރަށަކީ މާލެ

ވޭތުވެދިޔަ 24 ގަޑިއިރު ތެރޭގައި ރާއްޖެއިން އެންމެ ގިނަ ވާރޭ ވެހިފައިވާކަމަށް ދެއްކީ މާލެ ސަރަހައްދުގައި ޤާއިމް ކުރެވިފައިވާ އޮޓަމެޓިކް ވެދަރ ސްޓޭޝަނުންކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ބުނެފިއެވެ.

މެޓުގެ ތަފާސްހިސާބުތަކަށް ބަލާއިރު އިއްޔެ ހެނދުނު 8:00 އިން ފެށިގެން މިއަދު ހެނދުނު 8:00 އާ ހަމައަށް އެންމެ ބޯކޮށް ވާރޭވެހުނުކަމަށް ރިކޯޑުކުރެވުނު މާލެއަށް 14 މިލިމީޓަރުގެ ވާރޭ ވެހުނެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވަނީ މ. މުއްޔަށެވެ. އެގޮތުން މުއްޔަށް 9.6 މިލިމީޓަރުގެ ވާރޭ ވެހުނުކަމަށް ރިކޯޑުކުރެވިފައިވެއެވެ.

ތިންވަނައަށް އެންމެ ގިނަ ވާރޭ ވެހިފައިވާކަމަށް ރިކޯޑުކުރެވިފައިވާ ބ. ގޮއިދޫއަށް 5.3 މިލިމީޓަރުގެ ވާރޭ ވެހިފައިވާއިރު ދެން އެންމެ ބޯކޮށް ވާރޭ ވެހުނުކަމަށް ރިކޯޑު ކުރެވުނީ ހުޅުލެއަށެވެ. ހުޅުލެއަށް 4.0 މިލިމީޓަރުގެ ވާރޭ ވެހިފައިވެއެވެ.

މެޓުން މިއަދުގެ މޫސުން ލަފާކޮށްފައިވާގޮތަށް ބަލާއިރު އެ އިދާރާއިން ބުނީ މިއަދު އިރު އޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހުން އެކަށީގެންވާކަމަށްވެސް އެ އިދާރާއިން ބުނެފައިވެއެވެ.

އެ އިދާރާއިން އިތުރަށް ބުނީ ވައި އެނބުރި މަޑުން ދެކުނުގެ އަތޮޅުތަކަށް އިރުދެކުނާއި ދެކުނުން އަދި އެހެން ހިސާބުތަކަށް އިރާއި އިރުދެކުނުން ގަޑިއަކު 3 މޭލާއި 13 މޭލާއި ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށެވެ.

މީގެއިތުރުން މިއަދުގެ ކަނޑުތައް އާދައިގެ ވަރަށް މަޑުވާނެކަމަށް ލަފާކޮށް މެޓުން ބުނީ ރާޅުގެ އުސްމިން ހުންނާނީ 2 ފޫޓާއި 4 ފޫޓާއި ދެމެދުގައިކަމަށެވެ.

ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ގިނަ ވާރޭ ވެހުނީ މާލެއަށް ކަމަށް ރިކޯޑުކުރެވިފައިވާއިރު މިދިޔަ ހޮނިހިރު ދުވަހު ކުރި ވިއްސާރައިގައި މާލޭގައި ފެންބޮޑުވެ އުޅެން ދަތިވާ ކަމަށް ފާހަގަކުރެވުނު ހަ ގެއެއްގެ ޖުމްލަ 42 މީހުންނަށް ނޭޝަނަލް ޑިޒާސްޓާރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ވަގުތީ ބޯހިޔާވަހިކަން ވަނީ ހަމަޖައްސައިދީފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *