އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގާތީ ކަންބޮޑުވޭ: އެޗްއާރުސީއެމް

އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގާތީ ކަންބޮޑުވޭ: އެޗްއާރުސީއެމް

Author
އަހުމަދު
14 އޭޕްރިލް 2024 05:25
0

އަންނަ އާދިއްތަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލިހުގެ އިންތިހާބާ ދިމާކޮށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާތީ އެޗްއާރުސީއެމް އިން ކަންބޮޑުވުން ފާޅުކޮށްފިއެވެ.

އެޗްއާރުސީއެމް އިން ނެރުނު ބަޔާނެއްގައި ބުނީ އިންތިހާބުތަކުގައި ތާއީދު ހޯދުމަށް މަސައްކަތް ކުރުމަކީ އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގެ 28 ވަނަ މާއްދާގެ ދަށުން އެ އިންތިހާބަކަށް ކުރިމަތިލާފައިވާ ކޮންމެ ކެންޑިޑޭޓަކަށްމެ، ގާނޫނީ ގޮތުން ލިބިދީފައިވާ އިންތިހާބީ ހައްގެއް ކަމަށެވެ. އަދި އެމީހަކު އިހްތިޔާރު ކުރާ ކެންޑިޑޭޓަކަށް ތާއީދުކޮށް ސިޔާސީ ހަރަކާތްތަކުގައި ބައިވެރިވުމަކީ ރާއްޖޭގެ ގާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ އަސާސީ ހައްގެއް ކަމަށް ވެސް އެ ބަޔާނުގައިވެއެވެ.

ނަމަވެސް މަޖިލިހުގެ އިންތިހާބުގެ ފޯރި ގަދަވެފައިވާ މި ދަނޑިވަޅުގައި ވަކި ކެންޑިޑޭޓަކަށް ތާއީދު ހޯދުމުގެ ގޮތުން ވޯޓަށް ނުފޫޒު ފޯރުވުމަށް ވަޒީފާ ދިނުމާއި ވަކި ކެންޑިޑޭޓަކަށް ތާއީދު ކުރުމުން ވަޒީފާގެ ބިރު ދެއްކުން ފަދަ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ އަމަލުތައް ހިންގަމުންދާ ކަމުގެ މައުލޫމާތު މީޑިއާތަކުންނާއި މީސް މީޑިއާ އިން ލިބެމުންދާ ކަމަށް ވެސް އެޗްއާރުސީއެމްގެ ބަޔާނުގައިވެއެވެ. މިކަން ހަރުކަށި އިބާރާތުން ކުށްވެރިކޮށް، މިކަން ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅުމަށް އެޗްއާރުސީއެމުން ވަނީ ގޮވާލައިފައެވެ.

ގެއްލުން ދިނުމުގެ ނިޔަތުގައި ކެންޑިޑޭޓުން އަދި ސިޔާސީ ޕާޓީތަކާ ގުޅޭގޮތުން ދޮގު ވާހަކަތައް ފަތުރައި ރިޝްވަތުދިނުމާއި ވޯޓު ގަނެވިއްކުމާއި ވަޒީފާގެ ބިރު ދެއްކުމާއި ކެމްޕެއިން ޕޯސްޓަރުތަކަށް ގެއްލުންދިނުމާއި ކެމްޕެއިނަށް ހުރަސް އެޅުން ފަދަ ކަންކަން ކުރަމުންދާ ކަމަށް ވެސް އެ ބަޔާނުގައިވެއެވެ. އެހެންވެ، އެ ބަޔާނުގައި ވަނީ ކެންޑިޑޭޓެއްގެ އިންތިހާބީ ހައްގަކަށް ނުވަތަ އެއްވެސް ފަރުދެއްގެ ވޯޓު ދިނުމުގެ ހައްގަށް އުނިކަން އަތުވެދާނެ އަމަލުތަކުން ދުރުވުމަށް ގޮވާލައިފައެވެ.

އަދި މިފަދަ އަމަލުތައް ތަކުރާރު ކުރާ ނަމަ، ފިޔަވަޅު އެޅުމަށް ވެސް އެ ބަޔާނުގައި ވަނީ ގޮވާލައިފައެވެ.

އެޗްއާރުސީއެމްގެ ބަޔާނުގައި ވަނީ މަޖިލިސް ވޯޓަށް ކުޑަތަންވަމުންދާއިރު، އެ އިންތިހާބުގައި ވާދަކުރާ ހުރިހާ ކެންޑިޑޭޓުންނާއި ސިޔާސީ ޕާޓީތަކުން ވާދަވެރިކަމާއެކު ކެމްޕެއިންކުރުމުގެ ހުރިހާ ކަމެއް ކުރިއަށްގެންދިއުމާއި އެއް ކެންޑިޑޭޓަކު، އަނެއް ކެންޑިޑޭޓަށް އިހުތިރާމްކުރުމާއި ރީތި އަހުލާގާއި ސްކޫލު އިސްކުރުމަށް ހަނދާންކޮށް ދީފައެވެ.

"މަޖިލިސް އިންތިހާބަކީ މިނިވަން، އިންސާފުވެރި އިންތިހާބަށް ހެދުމަށްޓަކައި ހުރިހާ ކެންޑިޑޭޓުންނާއި ޕާޓީތަކާއި ދައުލަތުގެ މުއައްސަސާތަކާއި ވަކިވަކި ފަރުދުން ވެސް މަސައްކަތްތަކުރުމުގައި ގާނޫނީ އިމުގެ ތެރޭގައި ވާދަވެރި ރޫހެއްގައި ކެމްޕެއިންކުރުމުގެ އެންމެހާ ކަންކަން ކުރިއަށް ގެންދިއުމަށް އިލްތިމާސްކުރަމެވެ." އެޗްއާރުސީއެމްގެ ބަޔާނުގައި ބުންޏެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.