މިހާރު މައުލޫމާތު ލިބެނީ އެންޓި ޑިފެކްޝަން ބިލް އަނބުރާ މަޖިލީހަށް ފޮނުވާލާނެކަމަށާއި، ފޮނުވާލިޔަސް އަލުން ބިލް ފާސްކުރާނެ ކަމުގައި އެމްޑީޕީގެ އެޑްވައިޒަރ އަދި ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
މިހާރު ކުރިޔަށްދާ މަޖިލިސް ކެމްޕޭންގައި ގއ.ކޮލަމާފުށި ދާއިރާއަށް ވާދަކުރައްވާ ކެނޑިޑޭޓްގެ ކެމްޕޭން އިވެންޓުގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ރައީސް މުއިއްޒު ހުންނެވީ، މަޖިލިހުން ފާސްކޮށްފައިވާ އެންޓި ޑިފެކްޝަން ގާނޫނުގައި ހިފަހައްޓަވައިގެން ކަމަށާއި، ގާނޫނީ ގޮތުން 2 ހަފްތާ ލިބުނު ނަމަވެސް، އެ ގާނޫނު ގެޒެޓް ނުކޮށް ހުންނެވުމަކީ ޑިމޮކްރަސީއަށް އަޅާ ހުރަހެއް ކަމުގައެވެ.
އަޅުގަޑުމެންނަށް މައުލޫމާތު ލިބެނީ އެ ބިލް އަނބުރާ ފޮނުވާލާނެކަމަށް. އެހެންނަމަވެސް އިރާދަ ކުރެއްވިއްޔާ ފޮނުވާލިޔަސް އަޅުގަޑުމެން މަޖިލިހުގެ ތެރެއިން އެ ބިލު ފާސްކުރާނަން.
ރައީސް ސާލިހު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން މަޖިލިހަށް ހުށަހަޅާ ފާސްކޮށްފައިވާ އެންޓި-ޑިފެކްޝަން ބިލުގައިވާ ގޮތުން، މަޖިލީހަށް ވާދަކޮށް އިންތިހާބުވި ޕާޓީން މެމްބަރަކު އަމިއްލަ އަށް ވަކިވެއްޖެނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެއެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.
ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.