އިރާނުން އިސްރާއީލަށް އަމާޒުކޮށް ކުރޫޒް މިސައިލްއާއި ޑްރޯން ހަމަލާތަކެއް ކޯންޗު ކޮށްފިއެވެ.
އިސްރާއީލުން ބުނެފައިވަނީ އިރާނުން އެގައުމަށް އަމާޒުކޮށް ޑްރޯންއާއި ކުރޫޒު މިސައިލުން ހަމަލާތައް މިހާރު ލޯންޗް ކޮށްފައިވާއިރު، މިސައިލްއާއި ޑްރޯންތައް އެގައުމާއި ހަމައަށް ދަތުރުކުރަން ގަޑިއިރުތަކެއް ނަގާނެ ކަމުގައެވެ.
އިރާނުން އިސްރާއީލަށް އަސްކަރީ ހަމަލާ ލޯންޗު ކޮށްފައިވާކަން އެމެރިކާއިންވެސް ވަނީ ޔަގީން ކޮށްދީފައެވެ. އަދި އީރާނުގެ ސަރުކާރުންވެސް ވަނީ "ޔަހޫދީ ދައުލަތާއި ދެކޮޅަށް" ބަދަލު ހިފުމުގެ ހަމަލާތައް ލޯންޗް ކޮށްފައިވާކަމަށް ބުނެފައެވެ.
އިރާނުން އިސްރާއީލަށް އަމާޒުކޮށް އަސްކަރީ ހަމަލާތައް ލޯންޗު ކޮށްފައިމިވަނީ އިސްރާއިމް ސީރިއާގެ ވެރިރަށް ދަމަސްކަސްގައި ހުންނަ އިރާނުގެ އެމްބަސީއަށް އެޕްރިލްމަހުގެ 1 ވަނަ ދުވަހު ހަމަލާދީ އެގައުމުގެ އަސްކަރިއްޔާގެ ކޮމާންޑަރުންތަކެއް ޝަހީދު ކޮށްލުމުގެ ބަދަލު ހިފުމުގެ ގޮތުންނެވެ. އަދި އިސްރާއީލުގެ ހަމަލާތަކުގެ ބަދަލު ހިފާނެކަމަށް އިރާނުން ތަކުރާރުކޮށް ދެމުންދިޔަ އިންޒާރުތަކަށް ފަހުގައިވެސް މެއެވެ.
އިސްރާއީލުގެ ހަމަލާގައި އިރާނުގެ 7 އަސްކަރީ އޮފިޝަލުން ޝަހީދު ވެފައިވެއެވެ. އޭގެ ތެރޭގައި އިރާނުގެ އަސްކަރިއްޔާގެ ކޮމާންޑަރުންވެސް ހިމެނެއެވެ.
އިރާނުން އިސްރާއީލަށް އަސްކަރީ ހަމަލާތައް ލޯންޗު ކުރުމާއެކު އިރާގުންނާއި އުރުދުން އަދި އިސްރާއީލުން މިހާރުވަނީ އެގައުމުތަކުގެ ވައިގެ ސަރަހައްދުތައް ވަގުތީ ގޮތުން ބަންދު ކޮށްފައެވެ. އުރުދުން އިން ބުނެފައިވަނީ އެގައުމުގެ ވައިގެ ސަރަހައްދު ހުަރަސްކޮށް ދަތުރުކުތާ އިރާނުގެ އެއްވެސް ޑްރޯންއެއް ވައްޓާލުމަށް އެގައުމު ތައްޔާރަށް އޮތް ކަމުގައެވެ.
އެމެރިކާއިން ބުނެފައިވަނީ، އިސްރާއީލަށް އަމާޒުކޮށް އިރާނުން އުދުއްސާލާފައިވާ މިސައިލްތަކާއި ޑްރޯންތައް ވައްޓާލުމަށް އެގައުމުގެ އަސްކަރީ އުޅަނދުތައް މެދުއިރުމަތީގެ ސަރަހައްދުގައި ތައްޔާރީ ހާލަތަކަށް ގެނެވިފައިވާ ކަމުގައެވެ.
އިރާންގެ ހަމަލާތަކުގެ ކުޑައިރުކޮޅެއް ކުރިން އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވެފައިވަނީ އެގައުމުގެ އަސްކަރިއްޔާ އޮތީ އިރާނުގެ ހަމަލާތަކަށް ފުރިހަމަތަށް ތައްޔާރަށް ކަމަށާއި، އެކެރިކާއިން އެގައުމާއެކު ދެމި އޮތީތީ ޝުކުރު އަދާކުރާ ކަމަށެވެ. އަދި ނަތަންޔާހޫ ވަނީ އިނގިރޭސިވިލާތާއި ފްރާންސްއަށްވެސް ޝުކުރު އަދާ ކޮށްފައެވެ.
އިސްރާއީލުން ބުނެފައިވަނީ އިރާނުން އެގައުމާއި ދެކޮޅަށް 100 ޑްރޯން އުދުއްސާލާފައިވާކަމަށް އަންދާޒާ ކުރެވޭ ކަމުގައެވެ.
ތަފްސީލް އަންނަނީ..