އައްޑޫގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމް އަޕްގްރޭޑް މި ހަފްތާގައި ހަވާލު ކުރަނީ

އައްޑޫގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމް އަޕްގްރޭޑް މި ހަފްތާގައި ހަވާލު ކުރަނީ

Author
ހުސެއިން
13 އޭޕްރިލް 2024 09:29
0

އައްޑޫގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމް އަލުން އަޕްގްރޭޑް ކުރަން މި ހަފްތާގައި ހަވާލު ކުރައްވާނެ ކަމަށް ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.

އައްޑޫ ސިޓީ ހިތަދޫ ރައްޔިތުންނާ ބައްދަލުކުރުމަށް ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ އައްޑޫގެ ހުރިހާ ރަށެއްގެ ފެނުގެ ނިޒާމް އަޕްގްރޭޑް ކުރުމަށް 282 މިލިއަން ރުފިޔާ ހޭދަ ވާނެ ކަމުގައެވެ.

އަޅުގަނޑަށް ހީވަނީ މާދަމާ، ނޫނީ މި ހަފްތާ ތެރޭގައި ހަވާލުކުރައްވާނެ އަމަލީ މަސައްކަތް ކުރަން އެމްޑަބްލިއުއެސްސީއާ.

ރައީސް ވިދާޅުވި އެވެ.

އޭގެ އިތުރުން އައްޑޫގައި ސަރުކާރުން ހިންގާ އެހެން މަޝްރޫއުތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ ހިތަދު އާއި ހުޅުދުއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބުރިޖުގެ ފީސިބިލިޓީ ސާވޭ ކުރިއަށް އޮތް ދެ މަސް ދުވަސް ތެރޭ ނިމި އަމަލީ މަސައްކަތް މިއަހަރުތެރޭ ފެށޭނެ ކަމަށެވެ. އަދި އައްޑޫގައި ސިމެންތި އަޅައިގެން ހަދާފައިވާ 60 ކިލޯ މީޓަރުގެ މަގުގައި ތާރު އެޅުމުގެ މަސައްކަތް އާރްޑީސީއާ ހަވާލުކޮށްގެން ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށްވެސް ރައީސް ވިދާޅުވި އެވެ.

މީގެއިތުރުން ހިތަދޫ ހޮސްޕިޓަލް އަޕްގްރޭޑް ކުރުމުގެ މަޝްރޫއު ވެސް ވަރަށް އަވަހަށް ފަށާނެ ކަމަށް ރައީސް ވިދާޅުވި އެވެ.

މި ހަތަރު، ފަސް މަހު ތެރޭގައި ވެސް ބިޔަ ބޮޑެތި މަޝްރޫއުތަކެއް މި ފަށަނީ. އަދި މިވީ ހަތަރު، ފަސް މަސް ނޫންތޯ؟ ބްރިޖު މަސައްކަތް ފެށުނީ، ފެނުގެ ނިޒާމު އަޕްގްރޭޑް ކުރަން ހަވާލު މިކުރަނީ މި ހަފްތާގައި. ގޯސްކޮށް އަޅާފައި ހުރި މަގުތަކުގައި ތާރު އަޅަން ނިންމާ އެ މަސައްކަތް ހަވާލުކުރަނީ. ކެތް ލެބް ހިމެނޭ ގޮތަށް އެކި ކަހަލަ ތެރަޕީތައް ހިމެނޭ ގޮތަށް ހޮސްޕިޓަލް ފެންވަރު މަތީ ހޮސްޕިޓަލަކަށް ބަދަލުކުރުމުގެ މަސައްކަތް ހަވާލު މިކުރަނީ.

ރައީސް ވިދާޅުވި އެވެ.

ރައީސް ވަނީ ސަރުކާރަށް އެއްބާރުލުން ދޭ މަޖިލީހެއް ގާއިމުކޮށްދިނުމަށާއި އައްޑޫ ރައްޔިތުން ހަގީގަތުގައި އުއްމީދު ކުރަމުން އައި ހުވަފެން ހަގީގަތަކަށް ހައްދަވައިދެއްވާނެ ކަމަށްވެސް ވިދާޅުވެފަ އެވެ.

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.