ދޮގު ހަދާ ރައްޔިތުންނަށް އޮޅުވާލަނީ އިދިކޮޅު ފަރާތްތަކުން ކަމަށާއި އެމަނިކުފާނު ނޫންކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެ އެވެ.
ކޮންމެ ދުވަހަކު އާންމުކުރާ “ރައީސްގެ ޖަވާބު” ޕްރޮގްރާމްގެ މިއަދުގެ ވީޑިއޯގައި ހުޅުމާލެ ލޮޓް ނަންބަރު 10471، ޙުސައިން ރަޝީދު ވަނީ ރައީސް އިތުރުފުޅު ހައްދަވާ ކަމަށް ވާދަވެރި ފަރާތްތަކުން ތުހުމަތު ކުރާތީ އެކަމުގެ ހަގީގަތް އޮޅުންފިލުވުމަށް ރައީސް އަރިހުން ސުވާލެއްކޮށްފަ އެވެ.
އެ ސުވާލަށް ޖަވާބުގައި ރައީސް މުއިއްޒު ވިދާޅުވީ މި ސަރުކާރުން ކުރިއަށް ގެންދާ ކަންކަމަށް ދޭނެ ޖަވާބެއް ނެތުމުން އިދިކޮޅު ފަރާތްތަކުން އަމިއްލަ އަށް ދޮގުތައް ހަދައި ވާހަކަތައް އުފަން ކުރަމުންދާ ކަމަށެވެ. ރިޔާސީ އިންތިހާބުގައި ދެއްކެވި ވާހަކަފުޅުތައް ފޮތެއްގައި ލިޔެފައިވާ ކަމަށާއި، އަދި މިހާރުވެސް ދެއްވާ އިންޓަވިއުތަކާއި ދައްކަވާ ވާހަކަތައް ފޮތެއްގައި ލިޔުއްވަމުން ގެންދަވާކަމުން މުއިއްޒު ވިދާޅިވީ އެމަނިކުފާނަކީ އެއްވެސް ކަމެއް ފޮރުވާނެ ބޭފުޅެއް ނޫން ކަމަށް ރައީސް ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ ކޮންމެ ވާހަކައެއް ވެސް ދައްކަވަނީ މާތްﷲ ދެކެ ދެނެވޮޑިގެންވާނެކަން ހަނދާނުގައި ބަހައްޓައިގެން ކަމަށާއި ކޮންމެ މައުޟޫއަކަށް ބަލާލި ނަމަވެސް އިދިކޮޅު ފަރާތްތަކުން ކަންކަން އޮޅުވާލައި ވާހަކަތައް އުފަންކުރާ މަންޒަރު ފެންނާނެ ކަމަށެވެ.
އަޅުގަނޑެއް ކަމެއް އޮޅުވާލާ، ދޮގު ހަދައިގެން ރައްޔިތުންނަށް ކަންކަމުގައި ދެރަ ދޭނެ މީހެއް ނޫން މިއިކީއެއް. ރައްޔިތުންނަށް އިހުލާސްތެރިކަމާ އެކީގައި، ތެދުވެރިކަމާ އެކީގައި އަމާނާތްތެރިކަމާ އެކީގައި މަސައްކަތް ކުރަނީ މިއީ،
ރައީސް ވިދާޅުވި އެވެ.
ރައީސް ވަނީ ތަނަކުން އަދި ވާހަކައެއް އިވުނަސް އޭގެ ތެދު ދޮގު ބަލަންޖެހޭ ކަމަށާއި ދީނުގައި ވެސް ބާރުއަޅުއްވާފައިވަނީ އެކަން އެގޮތަށް ކުރުމަށް ކަމަށް ވިދާޅުވި އެވެ. އަދި އެންމެންނަކީ ވެސް ތެދު ބަހުން ވާހަކަ ދައްކާ، ތެދު ބަސް ގަބޫލުކުރާ ބަޔަކަށް ވާންޖެހޭ ކަމަށްވެސް ވިދާޅުވި އެވެ.