އެމްއެމްޕީއާރުސީގެ މުވައްޒަފަކާ ގުޅޭގޮތުން ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އެއްވެސް މައްސަލައެއް ކުންފުނީގެ އެއްވެސް މުވައްޒަފަކު ރަސްމީކޮށް މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވާކަމަށާއި، އެހެންނަމަވެސް ޖިންސީ ފުރައްސާރައިގެ އަމަލުތަކަކީ އެ ކުންފުނީގެ މެނޭޖްމަންޓުން އެއްވެސް ވަރަކަށް ބަލައިގަންނާނެ އަމަލުތަކެއް ނޫންކަމަށް އެމްއެމްޕީއާރުސީން ބުނެފިއެވެ.
އެމްއެމްޕީއާރުސީގެ ޑީއެމްޑީ އެކުންފުނީގެ އަންހެން މުވައްޒަފަކަށް ޖިންސީ ފުރައްސާރަ ކޮށްފައިވާކަމަށް ސޯޝަލް މީޑިއާގައި ދެކެވެމުންދާ ވާހަކަތަކާއި ގުޅޭގޮތުން އެމްއެމްޕީއާރުސީން ބުނެފައިވަނީ ޖިންސީ ފުރައްސާރައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ހުށަހަޅާފައި ނުވިނަމަވެސް، މެނޭޖްމަންޓަށް ލިބިފައިވާ މައުލޫމާތުތަކާއި ގުޅިގެން އެކަމުގެ ސައްޙަކަން ކަށަވަރު ކުރުމަށާއި، މެނޭޖްމަންޓުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކާ ޑިސިޕްލިނަރީ ކޮމިޓީއަށް އެމައުލޫމާތު ހިއްސާ ކޮށްފައިވާ ކަމުގައެވެ. އަދި ޑިސިޕްލިނަރީ ކޮމިޓީގެ ތަހުގީގަށްފަހު އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމުގެ ޔަގީންވެސް އެ ކޯޕަރޭޝަންއިން ދީފައި ވެއެވެ.
މި މައްސަލައާއި ގުޅިގެން އެމްއެމްޕީއާރުސީގެ ޑީއެމްޑީ މިހާރު ސަސްޕެންޑް ކޮށްފައިވާކަމަށް ސޯޝާލް މީޑިއާގައި ބައެއް މީހުން ދަނީ ބުނަމުންނެވެ. އެހެންނަމަވެސް އެމްއެމްޕީއާރުސީން މިކަން އަދި ޔަގީން ކޮށްދީފައެއް ނުވެއެވެ.