ރައްޔިތުންގެ މަޖިލިހުން މިއަދު ފާސް ކުރި އެންޓި-ޑިފެކްޝަން ބިލް ލަސްނުކޮށް ތަސްދީގުކުރެއްވުމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ގޮވާލައްވައިފިއެވެ.
އެންޓި-ޑިފެކްޝަން ބިލް މަޖިލީހުން ފާސްވުމާ ގުޅިގެން ޝާހިދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެ ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް ކަމަށެވެ.
އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕުން އިސްނަގައިގެން މިއަދު ރައްޔިތުންގެ މަޖިލީހުން ފާސްކުރި އެންޓި-ޑިފެކްޝަން ބިލަކީ ރާއްޖޭގެ ސިޔާސީ މަސްރަހު އިތުރަށް ހަރުދަނާކުރުމަށާއި ރައްޔިތުންގެ ބާރުވެރިކަން އިތުރު ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެެއް. ރައްޔިތުން އިންތިޚާބުކުރާ މަންދޫބުން،…
— Abdulla Shahid (@abdulla_shahid) April 1, 2024
ރައްޔިތުން އިންތިހާބު ކުރާ މަންދޫބުން، އެ އިންތިހާބު ކުރި ޕާޓީގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ލިބި، އަދި ބަދަލުކޮށްފި ނަމަ، އެ ރައްޔިތުންނަށް އެކަމުގައި އިތުރަށް ބަސް ބުނެވޭނެ ކަމުގެ ޔަގީންކަން ލިބުމަކީ ޑިމޮކްރެޓިކް ނިޒާމަށް ރައްޔިތުންގެ އިތުބާރު ބޮޑުވެގެންދާނެ ކަމެއް ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ލަސްނުކުރައްވާ މިބިލް ތަސްދީޤުކުރެއްވުމަށް ރައީސް ޑރ މުޢިއްޒުއަރިހުން އެދެން" ޝާހިދު ވިދާޅުވިއެވެ.
އެމްޑީޕީގެ ފަރާތުން ބާރަށު ދާއިރާގެ މެންބަރު އަހްމަދު އަބްދުﷲ ހުށަހެޅުއްވި އެ ބިލު މަޖިލީހުން ބަލައިގަނެ 7 މެންބަރުންގެ ކޮމިޓީއަކަށް ފޮނުވީ މިދިޔަ މަހުގެ 26 ވަނަ ދުވަހެވެ. ޕީއެންސީން ވަގުތީ ކޮމިޓީއަކަށް ބިލު ފޮނުވުމަށް ދެކޮޅު ހެދުމާ ވެސް އެކު، އެ ކޮމިޓީ ފާސްކުރީ އެމްޑީޕީގެ ހަތް މެންބަރަކު ހިމަނައިގެންނެވެ.
އެމްޑީޕީގެ ފަރާތުން ހުށަހެޅި އެންޓި-ޑިފެކްޝަން ބިލުގައިވާ ގޮތުން، މަޖިލީހަށް ވާދަކޮށް އިންތިހާބުވި ޕާޓީން މެމްބަރަކު އަމިއްލަ އަށް ވަކިވެއްޖެނަމަ މެމްބަރުކަމުން އިސްތިއުފާ ދޭންޖެހޭނެއެވެ. އަދި މެންބަރަކު އިންތިހާބުވި ޕާޓީން ވަކިކޮށްފިނަމަ، އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެ ކަމަށް ވެސް އެ ބިލުގައިވެއެވެ.
ޕާޓީއެއްގެ ސިޔާސަތުތަކެއް ވިއްކައިގެން މަގާމަށް އައުމަށް ފަހު އެހެން ފިކުރަކާ ގުޅުމަކީ އެންމެ ރަނގަޅު ގޮތް ނޫންކަމަށާއި ނަމަވެސް އުސޫލެއްގެ ގޮތުން އެ ބިލަށް ތާއީދު ކުރައްވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.
ކޮމެންޓު ފޮނުވާ