އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މެންބަރުގެ މަގާމަށް މ. މުލައް/ މުސްތަރީގެ ޙަސަން ޒަކަރިއްޔާ އައްޔަން ކުރެއްވުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި އެވެ.
މަޖިލީހުން މިގޮތަށް ފާސްކޮށްފައިވަނީ މިދިޔަ ހަފުތާގައި ބޭއްވި މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ އަޣުލަބިއްޔަތުން ޒަކަރިއްޔާއަށް ރުހުން ދިނުމަށް ނިންމައި އެކުލަވާލާފައިވާ ރިޕޯޓް ތަޅުމަށް މިއަދު ހުށަހެޅުމަށްފަހު ނެގި ވޯޓުގައެވެ.
އޭނާ އިލެކްޝަންސް ކޮމިޝަނުގެ މެމްބަރު ކަމަށް އައްޔަން ކުރުމަށް ފާސްކޮށްފައިވަނީ 39 މެމްބަރުންގެ ވޯޓާއެކުގައެވެ.
އިލެކްޝަންސް ކޮމިޝަނުގެ ހުސްވެފައިވާ މަގާމަށް އެ ކޮމިޝަނުގެ މިހާރުގެ ސެކްރެޓަރީ ޖެނެރަލް ޙަސަން ޒަކަރިއްޔާ ޢައްޔަންކުރެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވެވީ ފެބްރުއަރީ 18 ވަނަ ދުވަހުއެވެ.
އިލެކްޝަންސްގެ މެންބަރުގެ މަގާމު ހުސްވެފައިވަނީ އެ ކޮމިޝަނުގެ ނައިބު ރައީސްގެ މަގާމުގައި ހުންނެވި އިސްމާއީލް ޙަބީބު ޢަބްދުއްރަހީމްގެ ދައުރު މާރިޗު 13ގައި ހަމަވުމާއެކުގައެވެ.
ކޮމެންޓު ފޮނުވާ