އަންނަ އަހަރަކީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނެވޭނެ އަހަރެއް: ރައީސް

އަންނަ އަހަރަކީ ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނެވޭނެ އަހަރެއް: ރައީސް

Author
މުޙައްމަދު ޖިމީ
18 ޑިސެމްބަރ 2020 11:19
0

އަންނަ އަހަރުގެ ތެރޭގައި ސަރުކާރުން ކުރިއަށްގެންދާނެ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެ މަސައްކަތްކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

އެ މަނިކުފާނު މިހެން ވިދާޅުވެފައި ވަނީ އެމް.ޓީ.ސީ.ސީ.އަށް 40 އަހަރު ފުރުމުގެ މުނާސަބަތާއި ގުޅުވައިގެން ދެއްކި "ކާމިޔާބު 40″ ޓީވީ ޕްރޮގްރާމްގައި ދެއްކެވި ވާހަކަފުޅުގައެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ކޯވިޑް-19ގެސަބަބުން ކުރިމަތިވި ހުރަސްތަކާ އެކުވެސް، ނިމިގެން މިދާ އަހަރަކީ، އެމް.ޓީ.ސީ.ސީ.ގެ މުޅި ތާރީޚުގައި ވެސް އެންމެ ފައިދާ ބޮޑު އަހަރުކަން ފާހަގަކުރައްވައި،މިދިޔަ 40 އަހަރުގެ ތެރޭގައި، ރައްޔިތުންނަށް ފޯރުކޮށްދީފައިވާ މުހިންމު ޚިދުމަތްތަކުގެ އަގު ވަޒަންކޮށް، ކުންފުނި މެދުވެރިކޮށް ރައްޔިތުންނަށް ޚިދުމަތްދިނުމުގައި ޝާމިލްވި، ހުރިހާ ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.

އެމަނިކުފާނު ވަނީ ކޯވިޑް-19ގެ ސަބަބުން، ކުރިމަތިވެފައިވާ އިޤްތިޞާދީ ހީނަރުކަމުން އަރައިގަތުމުގައި، ތަރައްޤީގެ މުޅިން އައު މަސައްކަތްތަކެއް ބާރުދުވެލީގައި ކުރިއަށް ގެންދަންޖެހިފައިވާ ކަމުގައި ވިދާޅުވެފައެވެ. މި ގޮތުން، ލާމަރުކަޒު ކުރުމުގެ ސިޔާސަތުގެ ދަށުން އިސްކަން ދީގެން އަންނަ އަހަރުގެތެރޭގައި، ރަށްރަށުގައި ހިންގަން ހަމަޖެހިފައި ހުރި ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހުރިކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި، އެ މަޝްރޫޢުތަކުގެ ތެރެއިންއެމް.ޓީ.ސީ.ސީ.އާ ޙަވާލުކުރެވޭ މަޝްރޫޢުތައް ކަނޑައެޅިފައިވާ ތާރީޚުތަކަށް ނިންމައި، ކުންފުންޏާ މެދު އުފެދިފައިވާ އިތުބާރާއި ޔަޤީންކަން ދަމަހައްޓާނެކަންޔަޤީންކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދަަޅުވީ ކޯވިޑް-19ގެ މި ހުރަސްތަކާ އެކުވެސް، މި އަހަރުގެ ފުރަތަމަ ނުވަ މަސްދުވަހުގެނިޔަލަށް، ޓެކުހަށް ކެނޑުމުގެ ކުރިން އެމް.ޓީ.ސީ.ސީ.އަށް ލިބުނު ފައިދާ 140 މިލިއަން ރުފިޔާއަށްވުރެ އިތުރުވެފައިވުމަކީ، ކުންފުނީގެ ހިންގުންތެރިކަމާއި،މާލީ ރޭވުންތެރިކަން ހަރުދަނާކުރެވިފައިވާ ކަމުގެ ހެއްކެއްކަމުގައެވެ.

މީގެ އިތުރުން ވެސް ކުރިއަށް އޮތް އަހަރުގެ ތެރޭގައި، ރަށްރަށުގެ ތަރައްޤީގެ މަޝްރޫޢުތަކަށް ޚާއްޞަ އިސްކަމެއް ދޭން ސަރުކާރުން ނިންމަވާފައިވާކަމަށާއި،އެއީ ލާމަރުކަޒީ ނިޒާމުން އަސާސީ ޚިދުމަތްތައް ދިނުމުގެ މުހިންމުކަން ކުރިއަށް ވުރެ އެތައް ގުނައެއް މިހާރު ބޮޑުވެފައިވާ ކަމަށް ޤަބޫލުކުރެވޭތީކަމުގައި ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިގޮތުން ރާއްޖޭގައި މިހާރު ވެސް އެންމެ ގޮންޖެހުން ބޮޑު އަސާސީ ޚިދުމަތަކީ ދަތުރުފަތުރުގެ ޚިދުމަތްކަމުގައި ފާހަގަކުރައްވާ ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީއަންނަ އަހަރުގެ ތެރޭގައި ފެށުމަށް ސަރުކާރުން ޤަޞްދުކުރާ އެންމެ މުހިންމު އެއް މަޝްރޫޢަކީ، ކަނޑުދަތުރުފަތުރުގެ ނިޒާމަށް ޒަމާނީ ބަދަލުތަކެއް ގެނައުމުގެމަސައްކަތްކަމުގައެވެ. އަދި ސަރުކާރުގެ އެއް ވިސްނުމަކީ، މި މަޝްރޫޢު އެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިޔުންކަމަށާއި، މި ކަމުގެ މަޝްވަރާތައް ޕްލޭނިންމިނިސްޓްރީއިން ވަރަށް އަވަހަށް އެމް.ޓީ.ސީ.ސީ.އާ އެކުގައި ފެށުމަށް ތައްޔާރުވަމުންދާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

މީގެ އިތުރުން ވެސް މާލެ ސަރަޙައްދުގެ އެއްގަމު ދަތުރުފަތުރުގެ ޚިދުމަތަކަށް ހެޔޮ ބަދަލުތަކެއް ގެނައުމުގެ ގޮތުން މި ސަރަޙައްދުގެ ބަހުގެ ޚިދުމަތް ދިނުންއެމް.ޓީ.ސީ.ސީ.އާ ޙަވާލުކޮށްގެން ކުރިއަށް ގެންދިއުމުގެ ވިސްނުން ސަރުކާރުން ގެންގުޅުއްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ އެމް.ޓީ.ސީ.ސީ.ގެ 40 އަހަރުގެ ތާރީޚާ ގުޅުވައިގެން ތައްޔާރުކުރި، ޚާއްޞަ ފޮތެއް ވެސް އިފްތިތާޙުކޮށްދެއްވާފައެވެ.

 

ކޮމެންޓު ފޮނުވާ

ކޮމެންޓު

އެތިކަމަކު ކޮމެންޓު ނެތެވެ.