ރައީސް މުއިއްޒުގެ ސަރުކާރުން ކުރިޔަށް ގެންދާ، ތަރައްގީގެ އެންމެ ބޮޑު މަޝްރޫއުކަމުގައިވާ ރަސްމާލެ މަޝްރޫޢު ހިއްކާނެ ފަސްވެސް، އަދި ފައިސާވެސް ލިބޭނެގޮތެއް ނެތްކަން މިހާރު މިސަރުކާރަށްވެސް ޔަގީން ވެފައިވާކަމަށް ކުރީގެ ރައީސް ސާލިހު ވިދާޅުވެއްޖެއެވެ.
ރޭ އެމްޑީޕީން ބޭއްވި މަޖިލިސް ކެމްޕޭން ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ރައީސް ސާލިހު ވިދާޅުވީ ވެރިކަމަށް ވަޑައިގެންނެވުމުގެ ކުރިން ދައްކަމުން ދިޔަ ވާހަކައަކީ ރާއްޖޭގަ ތިބި އިންޑިއާ ސިފައިން ގިނަކަމުން ހިނގައި ނުގަނެވިގެން އުޅޭ ވާހަކަ ކަމަށާއި، އެހެންނަމަވެސް މިހާރު އެ ވާހަކަ ދައްކަމުން ނުދާކަމުގައެވެ.
އަދި ލޯންޗް ފަހަރުގައި ކެމެރާތައް ބަހައްޓައިގެން އުތުރު ތިލަފަޅަށް އޭރު ދިޔައީ އެތަނުގައި ހުރި "ރޯހިތު" ކިޔާ މީހަކު ހޯދުމަށް ކަމަށާއި، އެހެންނަމަވެސް އެތަނުންވެސް ފެނުނީ ސިފައިންގެ ބޭކަލެއް ކަމުގައެވެ.
އަދި މިއޮތް އުތުރު ތިލަފަޅުގަ ހަތިޔާރުއެޅި އިންޑިއާ ސިފައިން ތިބިކަމަށް ބުނެ، ރޯހިތު ހޯދަން ލޯންޗުގަ ކެމެރާއާއި، ވީޑިއޯ ކެމެރާއާއި ސްޓިލް ކެމެރާއާއި ހިފައިގެން ދިޔައީ. އެކަމަކު ދިޔައިރުގަ ރޯހިތު ފިލައިފިކަމަށް ވަނީ. ރޯހިތެއް ނެތް އެތާކު. އެތާހުރީ ސިފައިން ބޭކަލެއް.
ރައީސް ސާލިހު ވިދާޅުވިއެވެ.
ރައީސް ސާލިހު ވިދާޅުވީ ދެން އެހެން އުޅެނިކޮށް ރާޖޫ ކިޔާ މީހަކާ ދިމާވެގެން ރައީސް މުއިއްޒު ވީ ވައުދެއް ފުއްދުމަށް އޭނާ ކައިރީގަ ބުނެގެން ފުށިދިއްގަރަށް ފަސް ކޮޅެއް އަޅާދޭގޮތަށް ހުޅުމާލެއިންނާއި ފުށިދިއްގަރު ފަޅުން 80 ހެކްޓަރުގެ ބިން ދީފައިވާ ކަމުގައެވެ.
އެހެންނަމަވެސް ފުށި ދިއްގަރަށް ކުޑަ ފަސްކޮޅެއް އެޅިނަމަވެސް އެތަންވެސް ދަނީ ގިރަމުދާކަމަށާއި، އެފަސްކޮޅުވެސް ގިރަމުން ދަނީވެސް އެއްވެސް ޕްލޭނެއް ނެތި އެކަން ކުރަން ފެށުމުން ކަމަށްވެސް ރައީސް ސާލިހު ވިދާޅުވިއެވެ.
ރާޖޫކައިރީ މިބުނަނީ މިތަން ހިއްކަދޭށޭ. މިއަދު އެގިއްޖެ އެއީވެސް ހެދި އޮޅުވާލުމެއްކަން. ދޮގެއްކަން. ރާޖޫ އެތަނަށް ފަސް މުށެއް އެޅި. މިހާރު ގިރަމުން އެދަނީ. އެއްވެސް ޕެލޭނެއް ނެތީމަ އެހެނެއް ނޫންތޯ ވާނީ. މިއަދު އަޅުގަޑުމެންނަށް މި އެނގެނީ އެތަން ހިއްކާނެ ފަސްވެސް މިތާ ނެތްކަން. ފައިސާވެސް ނެތްކަން.
ރައީސް ސާލިހު ވިދާޅުވިއެވެ.